ޕޮލިސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފިއެވެ.

ފުލުހުން ބުނީ އެކިއެކި މައްސަލަތަކާއި ގުޅިގެން 2011އިން 2019އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރަލާއި އަދި މިއަހަރު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތި ނައްތާލައިފައިވާ ކަމުގައެވެ.

އެގޮތުން އިއްޔެ ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 16 މައްސަލައަކާއި، 20 އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 49 ފުޅި ބަނގުރަލާއި 78 ޕެޓް ފުޅިއާއި 13 ބިއަރު ދަޅާއި 20 ލީޓަރުގެ ހަތް ޓައްޕުގައި ހުރި ބަނގުރަލުގެ އިތުރުން 20 ލީޓަރުގެ ދެ ހަމުގައި ހުރި ބަނގުރަލެވެ. މީގެ އިތުރުން އިއްޔެ ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 5130 މަނާ ބޭސް ގުޅައާއި 601 ރަބަރު ޕެކެޓާއި 110 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ފަސް ދަޅުގެ އިތުރުން ދެ ބިޑިއެވެ.

ބަނގުރަލާއި މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.