ކްލަބު މޯލްޑިވްސް ކަޕް

ޗެމްޕިއަން ގްރޭޓާ މާލެ ކަޓައިފި، ސެމީގެ ޖާގަތައް އުރީދޫ އާއި ބީއެމްއެލް އާއި ވެމްކޯ އަދި އިމިގްރޭޝަނަށް

ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކަޓައި، ސެމީ ފައިނަލުގެ ޖާގަތައް އުރީދޫ އާއި ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބު ވެމްކޯ އަދި ކްލަބު އިމިގްރޭޝަނުން ހޯދައިފިއެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ރޭ ކުޅުނު އިރު، އުރީދޫން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލެ ބަލިކޮށްފައެވެ.

އުރީދޫން ގްރޭޓާ މާލެ ބަލިކުރީ 5-4ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އުރީދޫން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު ފާޝިރު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އާއި އަބްދުﷲ ޒައީމް އަދި މުހައްމަދު ރިޝްފާނެވެ. މެޗުގައި ގްރޭޓާ މާލެ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ރިހާމް އަބްދުލްޤަނީ (ބޮބީ) ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރިއްފަތެވެ.

ރޭ ކުޅުނު ކުއާޓާގެ މެޗުގައި ބީއެމްއެލް އިން ވަނީ 5-1ގެ ނަތީޖާއަކުން އެމްޕީއެލް ބަލިކޮށްފައެވެ. އެ މެޗުގައި ބީއެމްއެލް އިން ޖެހި ފަސް ލަނޑުގެ ތެރެއިން އަލީ ހާފިޒާއި މުހައްމަދު ނާސިދު އަހްމަދު ނަސީމް، މިއިން ކޮންމެ ކުޅުންތެރިޔަކު އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސިނާހެވެ. މެޗުގައި އެމްޕީއެލް އިން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ހުޝާމް އިބްރާހީމެވެ.

ވެމްކޯ އާއި އެސްޓީއޯ ރޭ ކުޅުނު ކުއާޓާގެ މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ވެމްކޯ ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވެމްކޯގެ ދެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާން (ޝާކާ) އާއި ހުސައިން ގައްސާން ލަބީބެވެ.

ޕްރިޒަން ކްލަބާއި އިމިގްރޭޝަން ބައްދަލުކުރި ކުއާޓާގެ މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 3-3ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ފުރިހަމަ ވަގުތުގެ ތެރޭގައި ޕްރިޒަން ކްލަބުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ވިޖުދާނާއި އިބްރާހިމް ހަލީމް އަދި ޖައިލަމް ޖަމީލެވެ. އިމިގްރޭޝަންގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ފައްރާހު (ފައްރަ) އާއި އަހްމަދު ވިސާމް (ޖެރާޑް) އަދި އާދަމް އިމްރާނެވެ.

ފުރިހަމަ ވަގުތުގައި ނަތީޖާ ނެރެވިފައި ނުވުމުން ޖެހި ޕެނަލްޓީގައި އިމިގްރޭޝަން ކުރި ހޯދީ 4-5ގެ ނަތީޖާއަކުންނެވެ. އިމިގްރޭޝަންގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަހްމަދު އަޝްފާނާއި އަހްމަދު ވިސާމް (ޖެރާޑް) އާއި އަލީ ހައިޝަމް (ޗުމްޕު) އާއި އިބްރާހިމް މަހުދީ ހުސައިން އަދި އަހްމަދު ފައްރާހު (ފައްރަ)އެވެ. ޕްރިޒަން ކްލަބުގެ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖައިލަމް ޖަމީލާއި އަމްޖަދު އަލީ އާއި އިސްމާއިލް ޒަރީރު އަދި އަހްމަދު ވިޖުދާނެވެ.

އެ މުބާރާތުގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ހަވީރު 4:30 ކުޅޭ ސެމީގެ މެޗުގައި ޔުނައިޓެޑް ބީއެމްއެލްއާ ދެކޮޅަށް އުރީދޫ ނުކުންނަ އިރު، މާދަމާ ރޭ 8:15ގައި ކުޅޭ މެޗުގައި ކްލަބު ވެމްކޯއާ ދެކޮޅަށް ކްލަބު އިމިގްރޭޝަން ނުކުންނާނެއެވެ. އެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމަށް އަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލް މެޗުން ޖާގަ ލިބޭނެއެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރެއެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮފިޝަލް އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.