މިއަދު މެންދުރު ލ. ގަމު ތުނޑީ އަވަށު ދުންފިނިހިޔާގައި ރޯވެ އަނދާހުލިވުމާ ގުޅިގެން އެގޭގެ މީހުންނަށް ކައުންސިލުން ހަމަޖައްސައިދިން ގެއަށް މީހުން ބަދަލުކޮށްފިއެވެ.
ގަމު ތުނޑީ އަވަށު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދުންފިނިހިޔާ އެއްކޮށް އަނދާ ހުލިވެފައިވާތީ، އެގޭގައި ދިރިއުޅުނު 11 މީހުން ހިމެނޭ އާއިލާއަށް ކައުންސިލުން ހަމަޖައްސައިދިން ގެއަށް މިހާރު މީހުން ބަދަލުކޮށް ނިމިފައިވާ ކަމަށެވެ.
ޝާހީން ވިދާޅުވީ ކައުންސިލުން އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދައިދިނީ އެރަށުން ގެއެއް ކުއްޔަށް ނަގައިގެން ކަމަށާއި އެކަމުގައި ޑިޒާސްޓާ އިންވެސް އެހީތެރިވެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި އަނދައިގެން ދިޔަ ގެއިން ބޭނުން ކުރެވޭ އެއްޗެއް ހުރިތޯ ބަލަމުންދާ ކަމަށާއި އަދި މިހާރު ކުރިއަށްދަނީ އަނދާފައިވާ ގެ ސާފުކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެގޭގައި އަލިފާން ރޯވާން ދިމާވި ސަބަބު ހޯދުމަށް ފުލުހުން މިހާރު ތަހުގީގު ފަށާފައިވާ ކަމަށާއި އެގޭގެ ވެރި ފަރާތުން ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.
އަދި އަނދާފައިވާ ގޭގެ މީހުންނަށް ކައުންސިލުން ހަމަޖައްސައިދިން ގެއަށް މީހުން ބަދަލުކުރުމާއި އަދި އަނދާފައިވާ ގޭގައި ހުރި ކިރިޔާވެސް ބޭނުންކުރެވޭ ގޮތަށް ހުރި ތަކެތި އެގެއަށް ބަދަލުކުރުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ދުންފިނިހިޔާ ގައި މިއަދު މެންދުރު 12:45 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައި ރޯވެފައި ހުއްޓައި ފެނުނީ ކައިރި ގެއެއްގެ މީހަކަށެވެ. އަދި އެހާދިސާ ހިނގިއިރު އެގޭގައި ޖުމުލަ 11 މީހުން ދިރިއުޅޭ ކަމަށާއި އެވަގުތު ގޭގައި އެއްވެސް މީހަކު ނޫޅޭ ކަމަށް ޝާހީން ވިދާޅުވިއެވެ.
އެ ހާދިސާގައި ގޭތެރޭގައި ހުރި ހުރިހާ ތަކެއްޗެއް އަނދާފައިވާ ކަމަށާއި ހުރީ ގޭގެ ހަތަރު ފާރު އެކަނި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.