ދުފާފައި މަގުމައްޗަށް ރަތްކުޅު ޖެހި މީހަކު އިންޑިއާގައި ޖޫރިމަނާކޮށްފި އެވެ. މިއީ އިންޑިއާގައި އާންމު ތަނަކަށް ދުފާފައި ކުޅު ޖަހައިގެން މީހަކު ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ އަހުމަދު އާބާދުގެ، މަހޭޝް ކުމާރު ނަމަކަށް ކިޔާ މީހާ، އެ ސްޓޭޓްގެ މުނިސިޕަލް ކޯޕަރޭޝަނުން ޖޫރިމަނާކުރީ 100 ރުޕީސް (ގާތްގަނޑަކަށް 22 ރުފިޔާ) އިންނެވެ. މަހޭޝް މަގުމައްޗަށް ކުޅުޖެހިކަން އެނގުނީ އެމަންޒަރު ސީސީޓީވީއަށް އަރާފައި ހުރުމުންނެވެ. އޭނާ ޖޫރިމަނާ ކުރީ އާންމު ސިއްހަތާ ބެހޭ ގާނޫނާ ޚިލާފުވެފައިވާތީ އެވެ.
އަހުމަދު އާބާދު މުނިސިޕަލް ކޯޕަރޭޝަނުން ބުނީ ދުފާފައި މަގުމައްޗަށް އެ ގޮތަށް ރަތްކުޅު ޖެހި މީހަކު އިންޑިއާގައި ޖޫރިިމަނާ ކުރި މީ ފުރަތަމަ ފަހަރު ކަމަށެވެ. ދާދި ފަހުން އިންޑިއާގައި ކުރިޔަށް ގެންދިޔަ ނެޝަނަލް ކްލީންނެސް ސާވޭގައި އެންމެ ސާފުތާހިރު ސިޓީއަކަށް ވެސް އަހުމަދު އާބާދު ވަނީ ހޮވިފަ އެވެ.