ވަންނާނެ ޕާޓީއެއް ނެތިގެން ނާށިގަނޑު ހިފައިގެން ނުދުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސަ ދާދި ފަހުން "ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ނުކުރެވެންވީ ގާނޫނީ ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަވާބު ދީފައިވާނީ ކުރި ސުވާލަކަށް މަގާމުގެ ހައިސިއްޔަތުން ކަމަށާއި އޭނާއަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށެވެ. އަދި ސިޔާސީ މަސައްކަތް އެބަޔަކާ އެކީ ނުކުރާނެ މީހުން ކުރިން އިއުލާން ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑާ ކުރި ސުވާލަކަށް މަގާމުގެ ހައިސިއްޔަތުން ޖަވާބު ދިނީ. އަޅުގަނޑު ވަންނާނެ ޕާޓީއެއް ނެތިގެން ނާށިގަނޑު ހިފައިގެން ނުދުވަން. އަޅުގަނޑަކީ ޕީޕީއެމް މެމްބަރެއް. އަޅުގަނޑު ސިޔާސީ މަސައްކަތް އެބަޔަކާ އެކީ ނުކުރާނެ މީހުން ކުރިން އިއުލާންކޮށްފައި އޮންނާނެ،" އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާއި ޕީޕީއެމްއާއެކު މަސައްކަތްކުރެއްވި މޫސަ ވަނީ އިބްރާހިމް މުހައްމަދު ސޯލިހު، އިންތިހާބު ކާމިޔާބުކުރެއްވުމާއެކު އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ. އިންތިހާބު ބާތިލްކުރުމަށް މައްސަލަތަކަކާއެކު ސުޕްރީމް ކޯޓަށް ރައީސް ޔާމީން މައްސަލައެއް ހުށަހެޅުއްވި ނަމަވެސް، އެކަމާ ގުޅޭގޮތުން މޫސަ އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.
އެމްޑީޕީގެ ޓިކެޓުގައި 2014ގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރެއްވި މޫސައާއި އެމްޑީޕީގެ އިސްވެރިންނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން 2016 ވަނަ އަހަރުގެ ނޮވެމްބަރު 28ގައި އެ ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކުރިއެވެ. އަދި އެއަށްފަހު މޫސަ، ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖަލައި 11ގައެވެ.