ސުޕްރީމް ކޯޓް

އަދީބުގެ މައްޗަށް އުފުލި ޓެރަރިޒަމް ދައުވާގައި ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ނިންމުން ގޯސް: ދައުލަތް

މަރިޔަމް ޝަހުދާ

2

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ޓެރަރިޒަމް ދައުވާއާ ގުޅިގެން ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ނިންމުން ގޯސް ކަމަށް ދައުލަތުން އެއްބަސްވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަދީބުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އިސްތިއުނާފުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން މިކަމަށް އެއްބަސްވެފައި ވާކަން އަދީބުގެ ގާނޫނީ ވަކީލު އިސްމާއީލް މުހައްމަދު (އިއްސެ) ''ވަން އޮންލައިން''އަށް ދާދި ދެންމެ ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ އޭނާގެ އަތުން ފިސްތޯލަކާއި ވަޒަން ތަކެއް ފެނުނު ކަމަށް ބުނެއެވެ.

އިއްސެ ވިދާޅުވީ ކްރިމިނަލް ކޯޓުން އަދީބުގެ މައްޗަށް ޓެރަރިޒަމް ދައުވާ ކޮށްފައިވަނީ ތިން މީހެއްގެ ހެކި ބަހަށް ރިއާޔަތްކޮށްގެން އެކަނިކަމަށެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފައެވެ.

އިއްސެ ވިދާޅުވި ގޮތުގައި އަދީބާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން މީހުންވެސް އަދީބުގެ އަތުން ފިސްތޯލަކާއި ވަރަށް ވައްތަރު އެއްޗެއް ފެނިފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި މައްސަލައިގައި އަދީބުގެ އަތުން ފެނުނު ކަމަށް ބުނާ ފިސްތޯލައާއި ވަޒަންގެ ފޮރެންސިކް ތަހުގީގެއް ހުށަހަޅާފައި ނުވާކަން ފާހަގަކޮށް އިއްސެ ވިދާޅުވީ މި ފަދަ މައްސަލައެއްގައި އެކްސްޕާޓެއްގެ ބަހަކީ މުހިއްމު އެއްޗެއް ކަމަށެވެ.

އަދި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ހަމައެކަނި ތިން މީހެއްގެ ހީވުމެއްގެ މައްޗަށް ދިން ހެކި ބަހަކުން ކޮށްފައިވާ ހުކުމެއް ކަމަށާއި، މި ހުކުމް ކުރީ އެކަމަށް ބުރަވާނެ ފޮރެންސިކް ތަހުލީލެއް އަދި ކަމުގެ މާހިރެއްގެ ބަހެއް ނެތިކަން އަދީބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ކަމަށް އިއްސެ ވިދާޅުވިއެވެ.

އަދީބުގެ އަތުން ފިސްތޯލައަކާއި ވަޒަންތަކެއް ފެނުން ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ 10 އަހަރު ދުވަހުގެ ހުކުމެއް ކޮށްފައެވެ. މި ހުކުމް ހައި ކޯޓުން ދަމަހައްޓައިފައި ވާއިރު، ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދިޔައީ މި މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟