މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ބުރުގައި ރޭ ކުޅުނު މެޗުންވެސް މޮޅުވެ ދަޑިމަގު ޒޯން ހަތެއްގެ ފައިނަލް ޔަގީންކުރި އިރު، ޒޯން ހައެއްގައި އެންމެފަހުގެ ޗެމްޕިއަން ގަމުން ކުޅުނު ފުރަތަމަ މެޗުގައި އިސްދުއާ އެއްވަރު ވެއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނީ ޒޯން އެކެއްގެ ދެމެޗާއި ޒޯންގެ ދޭއްގެ ދެމެޗުގެ އިތުރުން ޒޯން ހައެއް، އަދި ހަތެއްގެވެސް ދެމެޗެވެ.
ޒޯން ހައެއްގައި އެންމެފަހުގެ ޗެމްޕިއަން ލ. ގަމުން ރޭ ކުޅުނު މެޗުގައި އެ އަތޮޅުގެ އިސްދޫ ކައިރިން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގަމުގެ ގޯލުތައް އަބްދުﷲ ޖުނައިދާއި އަހުމަދު ހަލީމް (އަންމަޑޭޭ) ޖެހި އިރު، އިސްދޫގެ ގޯލުތައް ޖެހީ އަހްސަން ރަޝޑާއި އަލީ ހުމޭޒެވެ.
އެ ޒޯނުގައި ދެން ހިމެނޭ ތ. އަތޮޅުގެ ދެރަށްވެސް ރޭ ކުރިމަތިލާފައިވާ އިރު، ތިމަރަފުށިން އޮމަދޫ ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ތިމަރަފުށީގެ އިސްމާއީލް މުނީޒް ދެ ގޯލު ޖެހި އިރު، ދެން ގޯލުތައް ޖެހީ އަބްދުﷲ ޒިޔާނާއި ސައިފާން އަހުމަދު މަނިކް އަދި މުހައްމަދު ތޯހިރެވެ.
ޒޯން ހަތެއްގެ ފައިނަލް ޖާގަ ދަޑިމަގުން ޔަގީންކުރީ ރޭގެ މެޗުގައި އައްޑޫ ހިތަދޫ 2-1 އިން ބަލިކޮށްގެންނެވެ. ދަޑިމަގުން މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައިވާ އިރު، އެޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ މޫސާ އަޒީމް ހަސަނާއި އަބްދުﷲ ރަޝީދެވެ. ހިތަދޫގެ ގޯލު މެޗުގައި ޖެހީ ހާޒިމް ފައުޒީއެވެ.
އެ ޒޯނުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައި އޮތް ގދ. ވާދޫ ރޭ ވަނީ ގއ. ކަނޑުހުޅުދޫ ކައިރިން 6-0 އިން މޮޅުވެފައެވެ. ވާދޫގެ މުހައްމަދު ނާއިލް މެޗުގައި ހެޓްރިކް ހެދި އިރު، އަޔާޒް އަހުމަދު (އަޔާ) ވަނީ ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލު ޖެހީ މުސައްނިފް މުހައްމަދެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.