ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބު ދަތުރުކޮށްފިއެވެ.
މިދިޔަ އަހަރު ވެސް ފައިނަލުގައި ވާދަކުރި އެމްޕީއެލް އާއި ޕޮލިސް ކްލަބުން މިއަހަރުގެ ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.
އިއްޔެ ހަވީރު ކުޅުނު ސެމީގެ މެޗުގައި އެމްޕީއެލް އިން ވަނީ 6-2ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބަލިކޮށްފައެވެ. އެ މެޗުގައި އެމްޕީއެލް އިން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ފާތިމަތު ޖޫޒާން ޒަރީރު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އާމިނަތު ޝާމިލާ އާއި ބިދޭސީ ކުޅުންތެރިޔާ ސަހަރް ޒަމަނިފާޑެވެ. ސިފައިން ޖެހި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސޮހިލާ މަލްމޯލިޓަރަޒީއެވެ.
ރޭ ކުޅުނު ސެމީގެ މެޗުގައި ޕޮލިސް ކްލަބުން ވަނީ 8-5ގެ ނަތީޖާއަކުން އިމިގްރޭޝަން ބަލިކޮށްފައެވެ. މެޗުގައި ޕޮލިސް ކްލަބުގެ އަށް ލަނޑުގެ ތެރެއިން ހަ ލަނޑު ބިދޭސީ ކުޅުންތެރިޔާ ސަކޫނާ ސެނަބުތު ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ތީބާ އާއި ބިދޭސީ ކުޅުންތެރިޔާ ސަވިތުރީ މަމްޔަލީއެވެ. މެޗުގައި އިމިގްރޭޝަނުން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލްޔާ ސާރީ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މައުލީނާ ނޮވްރީލިއާނީއެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި އެމްޕީއެލް އިން ޕޮލިސް ކްލަބު ބަލިކުރީ ޕެނަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދައިގެންނެވެ. އެ މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އެމްޕީއެލް ކުރި ހޯދީ 3-2ގެ ނަތީޖާއަކުންނެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރެއެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮފިޝަލް އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.