ޚަބަރު

ދުބާއީ ފޯރަމް: އިންވެސްޓަރުންގެ އުއްމީދީ ވާހަކަތަކެއް، ބޮޑު ޝައުގެއް މެޑިކަލް ޓޫރިޒަމަށް

މުހައްމަދު ސިމާއު

ދުބާއީން: މުހައްމަދު ސިމާއު/ ވަން އޮންލައިން

މިދިޔަ ހަތަރު އަހަރުވެސް ފަތުރުވެރިކަމުގެ 'އޮސްކާ'ގެ ގޮތުގައި ބަލާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެއް އެވޯޑް, ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ލިބުނީ ރާއްޖެއަށެވެ. މާނައަކީ ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަކުރެވޭ ގައުމެއް އަދި ނެތުމެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. މިއީ މިހާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވާ ގޮތުން ނަމަ ފަތުރުވެރިކަމުގެ ލުއި ވިޓޯން އެވެ.

އެ ސަބަބަށްޓަކައި މަހުޖަނުންނާއި އިންވެސްޓަރުންގެ އެންމެ ބޮޑު ޝައުގެއް އަބަދުވެސް ރާއްޖެއަށް އޮވެއެވެ. ރާއްޖޭގައި ރިސޯޓް ނުހިންގާ މަޝްހޫރު ބްރޭންޑެއް ނުވަތަ ކުންފުންޏެއް ނެތީ އެހެންވެއެވެ. ބައެއް ކުންފުނިތަކުން ރިސޯޓަކަށްފަހު ރިސޯޓެއް ހަދައި ހުޅުވަމުން އަންނައިރު, އެއް ރިސޯޓަށްވުރެ އަނެއް ރިސޯޓުގެ ކޮޓަރިތައް ތަފާތުވެފައި މޮޅެވެ. އަގުވެސް ބޮޑެވެ.

ނަމަވެސް މީގެ ދެ ދުވަސް ކުރިން ދުބާއީގެ ބުރުޖް އަލް އަރަބުގައި ދިވެހި ސަރުކާރުން ބޭއްވި އިންވެސްޓްމަންޓް ފޯރަމުން ދިމާވި މަހުޖަނަކު ޝައުގުވެރި ވާހަކައެއް ދެއްކެވިއެވެ. ތެލާއި ހަކަތައިގެ ބޮޑު ވިޔަފާރިއެއް ހިންގާ އެ ގުރޫޕުން, ރާއްޖޭގައި އިންވެސްޓް ކުރުމަކީ ފައިދާ ބޮޑު ކަމެއްކަން ގަބޫލުކުރެއެވެ.

ނަމަވެސް އެ މީހުނަށް ވިސްނިފައި އޮތީ ރާއްޖޭއަކީ ހަމައެކަނި ހޮލިޑޭ ޑެސްޓިނޭޝަނެއްގެ ގޮތުގައެވެ. އެހެންވެ މިހާރު އޮތް ފަތުރުވެރިކަމުގެ މޮޑެލަށް އިންވެސްޓް ކުރާކަށް އެ މީހުން ބޭނުމެއް ނުވެއެވެ.

އެ މީހުން ބުނާ ގޮތުގައި މެޑިކަލް ޓޫރިޒަމަކީ އެ ދާއިރާއަށް އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ އިތުރަށް އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ދާއިރާއަކަށް ވާތީ އެކަމަށް އެ މީހުންގެ ފައިސާ ހަރަދުކުރަން މާބޮޑަށް ވެސް ބޭނުންވެއެވެ. އެއީ ރާއްޖޭގައި ނެތް ނުވަތަ މަދު ކަމަކަށްވާތީ ރާއްޖޭގައި މެޑިކަލް ޓޫރިޒަމްގެ ޕަޔަނިޔާސްއަށް ވުމަށް އެ މީހުން ޝައުގުވެރިވެއެވެ.

"އަހަރެންގެ ޝައުގުވެރިކަން ހުރީ ސިއްހީ ދާއިރާއަށް. އެކަން އަހަރެން ރާއްޖެއަށް ފުޅާކުރަން ބޭނުން. ރައީސް މުއިއްޒުގެ ވިސްނުންފުޅަކީވެސް ފަތުރުވެރިކަން ތަފާތު ސެކްޓަރުތަކަށް ހުޅުވާލުން. އެ ސެކްޓަރުތަކަށް އިންވެސްޓްމަންޓް ހޯދުން. ކުރިއަށް އޮތް މަދު ދުވަސްކޮޅުގައި ރާއްޖެއަކީ ރޮނާލްޑޯ, މެސީ ފަދަ ތަރިން, އެ މީހުންގެ އާއިލާއާއެކު (މެޑިކަލް ޓޫރިޒަމް) އަށް އަންނަ ތަނަކަށްވާނެ. އެކަމުގެ ބައިވެރިއަކަށް ވާން އަހަރެން ބޭނުން," ދުބާއީއަށް ނިސްބަތްވެ ވަޑައިގަންނަވާ މުހައްމަދު އަފްޒަލް ޝީމާ ވިދާޅުވިއެވެ.

ފޯރަމުގައި އެެފަދަ ދެވަނަ ބޭފުޅަކާވެސް ދިމާވިއެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގައި ފުޅާކޮށް އިންވެސްޓް ކޮށްގެން އުޅޭ ޖުމެއިރާ ގުރޫޕެވެ. އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަމިތު މަޖުންދަރު ވިދާޅުވި ގޮގުގައި އެ ކުންފުނިން އަންނަނީ ކ. އަތޮޅުގައި ފަތުރުވެރިކަމުގެ ތިން ރިސޯޓެއް ތަރައްގީ ކުރަމުންނެވެ. އަދި ރާއްޖޭގައި ހުޅުވާ އެ މީހުންގެ ރިސޯޓުގައި ފުރަތަމަ މެޑިކަލް ސްޕާ ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފޯރަމުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގެ ތެރެއިން ދެ ކުންފުންޏަކުން މެޑިކަލް ޓޫރިޒަމަށް އޮތް ފުރުސަތާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ މިނިސްޓަރުންނާ ސުވާލުކުރެއްވިއެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވީ މިނިސްޓަރު ސައީދެވެ.

އިންވެސްޓަރުންގެ ޝައުގުވެރިކަމަކީ ސަރުކާރުގެ ވިސްނުން

ސައީދު ވިދާޅުވީ އިނގިރޭސި ޕްރިމިއާ ލީގު, ލަލީގާ އަދި ފްރެންޗް ލީގު ފަދަ ބޮޑެތި ލީގުތަކުގެ ބްރޭކުގައި ގިނަ އަދަދެއްގެ ފުޓްބޯޅަ ތަރިން ރާއްޖެ އައި ނަމަވެސް އެ މީހުން ރާއްޖެ އަންނަނީ އަނިޔާއަކާއެކު ކަމަށެވެ.

އެހެންވެ އެ މީހުނަށް އާއިލާ ގޮވައިގެން ރާއްޖެ އައިސް, ފަރުވާ ކުރެވޭނެ ގޮތް ހޯދުން މުހިންމެވެ. އެއީ ރާއްޖެއަށް ހޯދިދާނެ ފުރުސަތެއް ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިއީ މި އަހަރުގެ ޖެނުވަރީ މަހު ބޭއްވި ރަސްމިއްޔާތެއްގައިވެސް ސައީދު ވިދާޅުވި ވާހަކައެވެ. ރަށްރަށުގައާއި ގެސްޓްހައުސްތަކުގެ އިތުރުން ވަން އައިލެންޑް, ވަން ރިސޯޓް ކޮންސެޕްޓުގައި މެޑިކަލް, ސްޕޯޓްސް, އެޑިއުކޭޝަން ފަދަ ދާއިރާތައް ތައާރަފު ކުރެވިދާނެތޯ ބައްލަވަމުން ގެންދަވާ ކަމަށް އެ ދުވަހު ސައީދު ވިދާޅުވެފައެވެ. އަދި އެކަމަށް ސަރުކާރަށް ދެވޭނީ ކޮންކަހަލަ އެހީތެރިކަމެއްތޯ ބަލަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ފެށުމަށް އިންވެސްޓަރުންގެ ހުރި ޝައުގުވެރިކަމަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ ގުޅިފައިވާ ކަމެކެވެ.

އެ މަނިކުފާނު ވިސްނުންފުޅަކީ ފަތުރުވެރިކަމުގެ ތެރެއިން އިތުރު ސިނާއަތްތައް ބާޒާރަށް ނެރުމެވެ. ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމެވެ. ސްޕޯޓްސް ޓޫރިޒަމާއި މެޑިކަލް ޓޫރިޒަމް އަދި އެޑިއުކޭޝަން ޓޫރިޒަމް ފަދަ ސިނާއަތްތައް ފަތުރުވެރިކަމުގެ ތެރެއަށް ތައާރަފުކޮށް އެ ސިނާއަތް އެހެން ހަރުފަތަކަށް ގެންދިއުމެވެ. އެކަމުގެ ތެރެއިން އިގުތިސާދުގެ ތެރެއަށް ވަންނަ ފައިސާ ހަ ބިލިއަނަށް ގެންދިއުމެވެ.

ޓޫރިޒަމް ދާއިރާއަށް އާ ކަންތައްތަކެއް ތައާރަފު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މެޑިކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް 2018 ވަނަ އަހަރު އޭޑީކޭ ހޮސްޕިޓަލުން އެމްވީ މެޑިކަލްސް އާއެކު އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ލ. އަތޮޅު ތަރައްގީކޮށް އެ ހިސާބުގައި މެޑިކަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް އޭރު ސަރުކާރުން ދިޔައީ ބުނަމުންނެވެ. އެކަން ކުރަން ނިންމީ ގަމުގައި ޓާޝަރީ އާ ހޮސްޕިޓަލަކާއި ކެންސަރު ބައްޔަށް ވަކި ހޮސްޕިޓަލެއް އަޅައިގެންނެވެ. ނަމަވެސް އެ ވާހަކަތައްވެސް ކާމިޔާބެއް ނުވެއެވެ.

އަނެއްކާވެސް މި ދެކެވެނީ އެ ވާހަކަތަކެވެ. އެކަމަކު އެހެން ލެވެލެއްގައެވެ. އުއްމީދަކީ މި ފަހަރު މި ވާހަކަތައް ހަގީގަތަކަށް ވެގެންދިއުމެވެ. އެ ހަގީގަތަކާއެކު ރާއްޖޭގެ ޓޫރިޒަމަށް އިތުރު ސެކްޓަރެއް ތައާރަފުވެ، މުޅީން އެހެން ލެވެލަކަށް ދިއުމެވެ.