ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަން މަސައްކަތް ކުރައްވާ، ސިޔާސީ ޕާޓީ، އެމްއާރުއެމް ހަމަސް ދުވަސް ވީއިރުވެސް ރަޖިސްޓްރީ ކުރެވިފައިނުވާތީ، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސް މައުމޫނަށް ފާޑު ވިދާޅު ވެއްޖެއެވެ.
ޕީއެންސީން ބޭއްވި އެޕާޓީގެ ކޮންގްރެސް ނިންމުމަށް، ބިލަބޮންގ އިންޓަނޭޝަނަލް ހައި ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ މިލްކުވެރިކަމަށް ދައުވާ ކުރި މީހުންނަށް ހަ މަސްދުވަސް ވެގެންދިޔައިރު ވެސް ޕާޓީއެއް އުފެއްދިފައި ނުވަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެއް ކަމަށާއި ޕީއެންސީއަކީވެސް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެއް ކަމަށެވެ. އަދި ކުރީގައި އުފެއްދި ޑީއާރުޕީ އަކީވެސް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްވި ޕާޓީއެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ޕީއެންސީގެ ކުލައާއި ލޯގޯވެސް ފާސްކުރެއްވީ ރައީސް ޔާމީން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އަކީ އޭނާގެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީގެ ހަގީގީ ވެރިއަކީ ރައީސް ޔާމީން ކަމަށެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީއާ ދެމެދު ފިތުނަ އުފައްދަން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި އެކަމަށް ފުރުސަތުވެސް ނުދެއްވާނެ ކަމަށެވެ.