ކޮމިޝަނާ އޮފް ޕޮލިސް

ސީލައިފްގެ އެމްޑީ ހޯދަން ރެޑް ނޯޓިސް ނެރެފި

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

އިންޓާޕޯލް ވެބްސައިޓުގައި ބުނާ ގޮތުން އޭނާ ހޯދުމަށް އިއުލާން ކޮށްފައި ވަނީ، މަކަރާއި ހީލަތް ހެދުމާއި ވައްކަމުގެ ތުހުމަތުގައެވެ.

ހުޅުމާލޭގައި ފްލެޓް އަޅަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އަޅައިނުދީ، އަދި އެ ފައިސާވެސް ދީފައިނުވާ މައްސަލައިގައި، އަހުމަދު މޫސާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިމަހު 18 ވަނަ ދުވަހު ވަނީ އެދިވަޑައިގެންފައެވެ.

ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާ ދިމާލުން ސީލައިފްއާ އެޗްޑީސީން ބިމެއް ހަވާލުކުރީ އެތަނުގައި ތިންހާސް ހައުސިން ޔުނިޓް އެޅުމަށްޓަކައެވެ. ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ހައުސިން ޔުނިޓްތައް އަޅާފައި ނުވުމާއި ފައިސާވެސް ދީފައިނުވާތީ، 200 އަށް ވުރެ ގިނަ މީހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފައެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ދައްކައިފަ އެވެ.

ސީލައިފްގެ އެފަދަ އެތައް މައްސަލައެއް އޭސީސީ އާއި ކޯޓުތަކުގައި ހިނގަމުންދާއިރު، ކްރިމިނަލް ކޯޓުން މީގެ ކުރިންވެސް ވަނީ އަހުމަދު މޫސާ ހައްޔަރު ކުރުމަށް އަމުރެއް ނެރެފައެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ޖެހުމާ އެކު އޭނާ ވަނީ ރާއްޖެ ދޫކޮށް އަވަށްޓެރި ސްރީލަންކާއަށް ގޮސްފައެވެ.