ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުގެ ޗެމްޕިއަން ލ. ގަމުން އަތޮޅު ތަށި ދިފާއުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، ރޭ ކުޅުނީ ކ އަދި މ އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުގެ އިތުރުން ލ. އަތޮޅުގެ ފައިނަލް މެޗެވެ.
މުޅި ރާއްޖޭގެ އެންމެފަހުގެ ފުޓްސަލް ޗެމްޕިއަނުން ރަނގަޅު ފޯމެއް ދަމަހައްޓައި ރޭގެ ފައިނަލަށް ނުކުތީ އަތޮޅު ބުރުގައި ތަފާތު ނަތީޖާތަކެއް ނެރެމުންދިޔަ އިސްދޫ ޓީމާ ދެކޮޅަށެވެ. ފައިނަލް މެޗުގެ ބޮޑު ބައެއްގައި އިސްދޫން ލީޑުގައި އޮވެ ކުޅުނު ނަމަވެސް، ފަހުވަގުތު ތަފާތު ދައްކައި ގަމުން ވަނީ 3-2 އިން މެޗު ކާމިޔާބު ކޮށްފައެވެ.
ރޭގެ ފައިނަލް މެޗު ފެށިގެން ތިންވަނަ މިނެޓުގައި އިސްދޫގެ އަހްސަން ރަޝާދު ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު އިސްދޫއަށް ލީޑު ދެމެހެއްޓުނީ އެންމެ ދެ މިނެޓް ވަންދެންނެވެ. ގަމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ވަނީ ފަސްވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
އެ ގޯލާއެކު ދެޓީމުގެ ކުޅުން ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، ހާފު ނިމުމުގެ ކުރިން އިސްދޫގެ ހުސައިން އަފްހާން ވަނީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އަނެއްކާވެސް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފަށް ނުކުމެ ގަމުން ކުޅުން ރަނގަޅުކޮށް، ގޯސްތައް މަދުކުރުމުގެ ނަތީޖާއެއް ގޮތުން، 27 ވަނަ މިނެޓުގައި އަލީ ޝާމިސް (ތޮއްޕެ) ވަނީ ގޯލު ޖަހައި ގަމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފަހު ވަގުތުކޮޅު ފޯރިގަދަކޮށް ފެނުނު އިރު، ގަމުން ތިންވަނަ ގޯލު ޖެހީ 40 ވަނަ މިނެޓުގައެވެ. އެ ގޯލުވެސް ޖެހީ އޮންލީއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.