ރިޕޯޓް

"ބަންޑާރަ ބޫމި"ތަކުގެ ބަދަލު ނުލިބެންޏާ ރާއްޖެނޫން ގޮތެއް ނުހޯދުނަސް އަގައްތީގެ ރައްޔިތުންނަށް ވަރިހަމައެވެ.

އިމާދު ލަތީފު

ދިވެހިރާއްޖެ ނޫންގޮތެއް އިންޑިޔާގެ ފަތުރުވެރިންނަށް ހޯދައިދިނުމުގެ ކެމްޕޭނަކާއި ބޯއިކަޓް މޯލްޑިވްސް ހަރަކާތެއް އިންޑިޔާގައި ފެށުނީ ހުސްވި ޖެނުއަރީ މަހުގެ ކުރީކޮޅު ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގައެވެ. މި ދަތުރުފުޅަށްފަހު ލަކްޝަދީބުގެ ފަތުރުވެރިކަމުގެ އޮނިގަނޑު ތަރައްގީ ކުރުމަށް މޯދީގެ ސަރުކާރުން ވަނީ 434 މިލިޔަން ޑޮލަރުގެ ބޮޑު ބަޖެޓެއް ފަރުމާކޮށްފައެވެ. ލަކްޝަދީބުގެ ޖުމްލަ 36 ރަށުގެ ތެރެއިން މި ބަޖެޓުގެ އެންމެ ބޮޑު ބައެއް ޚަރަދުކުރާނީ އަގައްތިއަށެވެ. އެއީ ލަކްޝަދީބުގެ އެންމެ ހުޅަނގު ބިތުގައި އޮންނަ ހަނިދިގު ރަށެކެވެ. މީހުން ދިރިއުޅޭ ރަށެކެވެ. އާބާދީއަކީ ގާތްގަޑަކަށް ހަތްހާސް ފަސްސަތޭކައެވެ. ލަކްޝަދީބުގައިވާ ހަމައެކަނި އެއަރޕޯޓް އޮންނަނީވެސް މިރަށުގައެވެ. ލަކްޝަދީބަށް މޯދީ ކުރެއްވި ދަތުރުފުޅުގައި ގޮނޑުދޮށުގައި އަދަރާދަގޮނޑިއެއް ބަހައްޓަވައިގެން އިށީދެވަޑައިގެން އިންނެވި މަންޒަރަކީ މިރަށުގެ މަންޒަރެކެވެ. އަގައްތީގެ މަންޒަރެކެވެ.

އަގައްތިއަކީ ކުކުޅުބިސް ބުރަކަށް އޮންނަ ފަޅެއްގެ ތެރޭގައިވާ ރަށެކެވެ. ރަށް އުފެދިފައިއޮތީ މި ފަޅުގެ އެންމެ އިރުމަތީ ބިތުގައި އުތުރުން ދެކުނަށެވެ. ޖުމްލަ ދިގުމިނަކީ ގާތްގަޑަކަށް 7.7 ކިލޯމީޓަރެވެ. ރާއްޖޭގެ ރަށަކަށް ނިސްބަތްކުރާނަމަ އެއީ އައްޑުއަތޮޅު ހިތަދޫގެ އެންމެ އުތުރުގައިވާ އީދިގަލިކުޅިން ފެށިގެން ހިތަދޫގެ ދެކުނުގައިވާ ކުނިކޮށްޓާއި ދޭތެރޭގައިވާ ދުރުމިނެވެ. އަގައްތިއަކީ އުތުރަށް ފުޅާކޮށް ދެކުނަށް ވަރަށް ހަނިކޮށް އޮންނަ ރަށެކެވެ. މީހުން ދިރިއުޅެނީ އުތުރުގައި އޮންނަ ފުޅާކޮޅުގައެވެ. އެއަރޕޯޓް އޮތީ އެންމެ ހަނިކޮށް އޮންނަ އެންމެ ދެކުނުކޮޅުގައެވެ. އެއަރޕޯޓުގައި މިހާރުއޮތް ރަންވޭގެ ދިގުމިނަކީ އެންމެ ކިލޯމީޓަރެކެވެ. އެއަރޕޯޓް އޮންނަ ބައިގެ ހަނިކަމާއި ޖާގައިގެ ދަތިކަމާހުރެ މަތިންދާބޯޓު މަޑުކުރާ ގޯދި ހަދައިފައިވަނީ ރަންވޭގެ އަރިމައްޗަކު ނޫނެވެ. ރަންވޭއާ ޖެހިގެން ދިގަށް އެންމެ އުތުރުކޮޅުގައެވެ. އެތަނުގައި އެއްފަހަރާ ގިނަވެގެން އޮވެވޭނީ އެންމެ ދެ ބޯޓަށެވެ.

ރަންވޭ އޮންނަބައިގެ ހަނިކަންހުރި މިންވަރަކީ އެންމެފުޅާ ހިސާބުގައިވެސް ދުއިސައްތަ މީޓަރެވެ. އެންމެ ހަނި ހިސާބުގައި ސަތޭކަ ފަންސަވީސް މީޓަރެވެ. ކުރިން ދެންނެވި ގޮތަށް ރަށުގެ މީހުން ދިރިއުޅޭ އުތުރުކޮޅު ތަންކޮޅެއް ފުޅަލެވެ. އެހިސާބުގެ ފުޅާމިނުގައި ގާތްގަޑަކަށް އަށްސަތޭކަ މީޓަރު ހުރެއެވެ. ރަށުގެ ބަނދަރު އޮންނަނީ މިދިމާލުން ރަށުގެ ހުޅަނގު ބިތުގައެވެ. އަގައްތީގެ އެއަރޕޯޓް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ރޭވިފައިވާ ޕްލޭންގެ ދަށުން ރަންވޭ ބޮޑުތަނުން ދިގުކުރާނެއެވެ. އަދި އެއަރޕޯޓާއި ދިމާލުން ރަށުގެ ހުޅަނގުބިތުގެ ފަޅުތެރެއިން ބައެއް ހިއްކައިގެން މަތިންދާބޯޓު ޕާކްކުރާނެ ބޮޑު އޭރިޔާއެއްވެސް ގާއިމްކުރާނެއެވެ. މިކަމަށް ބޭނުންވާ މިންވަރަށް ބޮޑު ފަޅެއް އެބައޮތެވެ. ފަޅުގެ އެންމެ ފުޅާ ހިސާބުގައި އިރުން ހުޅަނގަށް 3.7 ކިލޯމީޓަރު އެބަހުއްޓެވެ. ކުރިން ދެންނެވި 434 މިލިއަން ޑޮލަރުގެ ބަޖެޓުން އަގައްތީގައި ތަރައްގީކުރާނީ ހަމައެކަނި އެއަރޕޯޓެއް ނޫނެވެ. އަދިވެސް ކިތަންމެ ކިތަންމެ ކަމެއް ކުރާނެއެވެ.

މީރުފެން އުފައްދާ ޕްލާންޓްތައް ބަހައްޓައި ފެނާއި ނަރުދަމާގެ ނިޒާމު ފުރިހަމަކުރަން ޕްލޭން ކުރެވިފައިވެއެވެ. އެއީ މިހާރު ނެތްއެއްޗެކެވެ. ފުޅާ އައު މަގުތަކެއް ހަދައި ތާރުއަޅައި ވަރަށް ފުޅާ ބިޔަ ބަނދަރެއް ހަދައި ތޮށިލާންވެސް ޕްލޭންކުރެވިފައިވެއެވެ. އެވަރަކުން އަދި ނުނިމެއެވެ. ރަށުގެ އިރުމައްޗާއި ހުޅަނގުބިތުން ގޮނޑުދޮށާ ކައިރީގައި އެންމެ މިޒަމާނުގެ ހޮޓާހޮޓަލާއި ގެސްޓްހައުސްތައް ބިނާކުރަންވެސް ވަނީ ހަމަޖެހިފައެވެ. ބޮޑެތި ޖެނެރޭޓަރުތައް ބަހައްޓައިގެން ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ މިހާރަށްވުރެ ދިހަބާރަ ގުނަ އިތުރުކުރަންވެސް އޮތީ ހަމަޖެހިފައެވެ. ކުރުގޮތަކަށް ދަންނަވަންޏާ މުޅިން އައު ޒަމާނީ އަގައްތިއެއް ވުޖޫދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ބިން އެބަ ބޭނުންވެއެވެ. ޚާއްސަކޮށް އެއަރޕޯޓް ބޮޑުކުރުމަށްޓަކައެވެ. މިހާރު އުފެދިފައިވާ ސުވާލަކީ ބަދަލު ދީފައި އާއްމުންގެ ބިންތައް އަތުލާނީތޯ ނުވަތަ ފަޅުހިއްކައިގެން ބިން އިތުރުކުރާނީތޯއެވެ. މިއީ އަދި ޖަވާބު ނުލިބޭ ސުވާލެކެވެ.

ރާއްޖޭގައި އެއަރޕޯޓް ގާއިމް ކުރެވިފައިވާ ރަށްރަށުގެ ތެރެއިން އަގައްތީގެ ބައްޓަމާ އެންމެ ކައިރިކުރާ ރަށަކީ ހަނިމާދޫއެވެ. އެއަށްފަހު މާފަރެވެ. ލަކްޝަދީބުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ ކޮންމެ ކަމެއްގެ ދޮރާއްޓަކީ އަގައްތި ކަމަށްވާއިރު އެރަށުގެ ގިނަ ބިންބިމަކީ މީސްމީހުންގެ އަމިއްލަ ބިމެވެ. އަގައްތި ތަރައްގީ ކުރުމަށް އަދި އެއަރޕޯޓް ބޮޑުކޮށް ތަރައްގީ ކުރުމަށް އެރަށުގެ ރައްޔިތުން ތިބީ ފުރިހަމައަށް ތާއީދުކޮށްގެންނެވެ. އެކަމަކު ބިންތައް އަތުލައިފައި އަދުލުވެރި، އިންސާފުވެރި ބަދަލެއް ދީފާނެކަމާމެދު އެމީހުން ޝައްކު ކުރެއެވެ. މަރުކަޒީ ސަރުކާރު ހިންގާ ބީޖޭޕީއަކަށް އަދި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަކަށް މިހާރު އެ ހުންނެވި ޕްރަޕުލް ޕަޓޭލަށް އެމީހުން އިތުބާރެއް ނުކުރެއެވެ. ސަބަބުތަކެއް ހުރެގެންނެވެ. ލަކްޝަދީބުގެ އެހެނިހެން ރަށްރަށެކޭ އެއްފަދައިން އަގައްތީގައިވެސް ދިރިއުޅެނީ މުސްލިމުންނެވެ. މުސްލިމުންގެ ހިތްތަކުގައި ބީޖޭޕީއާމެދު އޮތީ ބޮޑުކޮށް ޝައްކު ކުރުމެވެ. މިސްކިތްތައް ތަޅާތީއެވެ. މަދަރުސާތަކުގައި ހުޅުޖަހާތީއެވެ.

އަގައްތީގައިވެސް ބަންޑާރަ ބިންބިމަށް ކިޔަނީ ދިވެހިން ކިޔާނަމެވެ. ބަންޑާރަ ބިމެވެ. އެކަމަކު ދިވެހިން ކިޔާގޮތާއި ކުޑަކޮށް ތަފާތުކޮށް އެމީހުން ކިޔަނީ ބަންޑާރަ ބޫމިއެވެ. ކޮންމެއަކަސް މި ބަންޑާރަ ބޫމިތަކަކީ އެވޭލާ ޒަމާނުއްސުރެ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންބިމެވެ. މަރުކަޒީ ސަރުކާރުގެ ވަފުދުތައް އަގައްތިއަށް ގޮސް އެއަރޕޯޓާއި ގާތުގައިވާ މިޒާތުގެ ބިންތައް އަތުލާ ވާހަކަ މިހާރުވެސް ދައްކައިފިއެވެ. އެކަމަކު ދޭނެ ބަދަލެއްގެ މިންވަރަކާއި ތަފްސީލެއް ނުދެއެވެ. މީގެކުރީގައިވެސް މިހެން އަތުލި ބިންބިމާއި އެ ތަންތަނުގައިވާ ރުއްގަހުގެ ބަދަލެއް ނުދެއެވެ. އެހެންވެ މާޒީގެ ތަޖުރިބާއަށް ބަލައިފައި ރައްޔިތުން ތިބީ ލަކްޝަދީބުގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބަންޑާރަ ބޫމިތައް ހިލޭ ދޫކުރާ ގޮތަކަށް ނޫނެވެ. ދޫކުރާނީ އެކަށީގެންވާ އިންސާފުވެރި ބަދަލެއް ދިނުމުންނެވެ. އެކަހަލަ ބަދަލެއް ނުދެންޏާ ބޮޑުވަޒީރު މޯދީގެ ލަކްޝަދީބު ހުވަފެނުގައި ދުވަހަކު ކުލަނުޖެހުނަސް އެމީހުންނަށް ފަރުވާލެއް ނެތެވެ. ރާއްޖެނޫން ގޮތެއް ނުހޯދުނަސް ވަރިހަމައެވެ.