އޭޝިއަން ކަޕް

ގަތަރުން އޭޝިއާގެ ރަސްކަމުގައި ދެމިއޮންނަން، ޖޯޑަން ތާރީހީ ފުރަތަމަ ތަށްޓަށް!

އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭޝިއަން ކަޕްގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ގަތަރުން އަމިއްލަ ގައުމުގައި މިރޭ ޖޯޑަންއާ ދެކޮޅަށް ނުކުންނާނެއެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލުވެސް ކުޅުނު ޝަރަފުވެރި ލުސައިލް ސްޓޭޑިއަމްގައި މިރޭގެ މެޗު އޮތް އިރު، ގަތަރުން ނުކުންނަނީ ރަސްކަން ދިފާއުކުރުމަށެވެ. އަދި އޭޝިއަން ކަޕް ދިފާއުކުރި ފަސްވަނަ ގައުމަށް ވުމަށެވެ. އަނެއްކޮޅުން ހައިރާންކަމާއެކު ފައިނަލަށް ދިޔަ ޖޯޑަނުން ނުކުންނަނީ އެގައުމުގެ ތާރީހުގައި ފުރަތަމަ މޭޖާ ތަށްޓެއް ހޯދުމަށެވެ.

"އަހަރެމެންނަށް މެޗު ވަރަށް މުހިންމު. މިއީ ޖޯޑަންއަށް އެންމެ ފުރަތަމަ ތަށި ކަމަށްވެދާނެ. އަހަރެމެން މި ފައިނަލަށްވެސް ތައްޔާރުވާނީ އެހެން މެޗުތަކަކާވެސް އެއްގޮތަށް. އަހަރެމެން މިހާތަނަށް ދައްކަމުން އަންނަ ފެންވަރުގެ ކުޅުމެއް މިރޭވެސް ދަށްކަން މި ތައްޔާރުވަނީ. އެއީ އުންމީދަކީވެސް،" ޖޯޑަންގެ ކޯޗު ހުސައިން އައްމޫތާ މެޗުގެ ކުރިން ބުންޏެވެ.

އޭނާ ބުނީ މިހާތަނަށް ޖޯޑަނުން ދެއްކި ނަތީޖާއަށް ހިތްހަމަ ޖެހޭ ކަމަށާއި، ޕާސަނަލީ އޭނާއަށް މިހާތަނަށް އޭޝިއަން ކަޕްގެ ލަނޑުދަނޑި ހާސިލުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ތަށި ނެގުން އެއީ އުންމީދު ކަމަށްވެސް އޭނާ ބުންޏެވެ. އެއީ ގަތަރު އަމިއްލަ ދަނޑުގައި ބަލިކޮށް ކުރަން ޖެހޭ ކަމެއް ކަމުން، އެއީ އުނދަގޫ ކަމެއް ކަމަށްވެސް ކޯޗު އައްމޫތާ ބުންޏެވެ.

"ގަތަރަކީ އެންމެފަހުގެ ޗެމްޕިއަން. އަދި އެޓީމު އެ ކުޅެނީވެސް އަމިއްލަ ދަނޑުގައި. އެހެންވެ ގަތަރު ވާނީ ބަލިކުރަން އުނދަގޫ ޓީމަަކަށް. އަހަރެމެންގެ އުންމީދަކީ އަހަރެމެން އެކުގައި މިކުރާ މަސައްކަތުގައި އުންމީދުތައް ފަހަނައަޅާ ދިޔުން،" ކޯޗު އައްމޫތާ ބުންޏެވެ.

ގަތަރުން ސެމީ ފައިނަލުގައި އިރާން ވެސް ބަލިކޮށް ފައިނަލަށް ނުކުންނަ އިރު، އެޓީމަށް އޮތީ ޕްރެޝަރެކެވެ. އެއީ ހޯމްގައި ތަށި ދިފާއުކުރަން އޮތް ޕްރެޝަރެކެވެ.

"ފައިނަލެއްގައި އަބަދުވެސް ޕްރެޝަރު އޮންނާނެ. ހާއްސަކޮށް މުބާރާތުގައި މިހާތަނަށް ތަފާތު މޮޅަށް ކުޅުނު ޓީމެއް ކައިރީ ކުޅެން ޖެހުމަކީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް. އެހެންވިޔަސް އަހަރެމެން އައިސް މިތިބީ ހަމަ ކުރިންވެސް މޮޅު ހޯދަން ކުރި އުންމީދާއި، އެ ޖޯޝާއެކު،" ގަތަރުގެ ކޯޗު މާކޭޒް ލޮޕޭޒް ބުންޏެވެ.

ލޮޕޭޒް ބުނީ ޖޯޑަންއަކީ ތަފާތު މޮޅު ޓީމެއްކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، ފައިނަލްގެ ޖާގައެއް އެޓީމަށް ހައްގު ކަމަށެވެ. އަދި އަބަދުވެސް "ބޭނުންވަނީ އޭޝިއާގެ ރަސްކަމުގައި ތިބެން،" ކަމަށާއި، ދެވަނައިން ފުއްދައިނުލެވޭނެ ކަމަށް އޭނާ ބުންޏެވެ.

ގަތަރާއި ޖޯޑަން ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 8:00 ގައެވެ.