(6 ފެބުރުއަރީގެ އަދަދާ ގުޅޭ)
މަގުމަތީން ކޮންމެވެސް އެއްޗެއްގައި އެކަމަނާގެ ފައިންޕުޅު ޖެހުމުން ސިހިވަޑައިގެން "مسطح އަށް ހަލާކު ހުއްޓެވެ." މިހެން ވިދާޅުވެއްޖެއެވެ. (އެފަދަ ޙާލަތްތަކުގައި އެކަހަލަ ޢިބާރާތް ބޭނުންކުރުމަކީ ޢަރަބީންގެ އާދައެކެވެ.) އަހަރެން ބުނެފީމެވެ. ހާދަ ރަނގަޅު މަންމައެކެވެ. ދަރިކަލުންނަށް އެއްޗެހި ވިދާޅުވަނީއެވެ. އަނެއްކާ އެއީ ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީއެކެވެ. އެކަމަނާ ވިދާޅުވިއެވެ. އެބައިމީހުން ދައްކައިއުޅޭ ވާހަކައެއް، ދަރިފުޅު އަޑެއް ނާހަމުހެއްޔެވެ؟ މިހެން ވިދާޅުވެފައި އެ ދޮގުވާހަކަ ފަތުރާ މީހުން ފަތުރަމުންދިޔަ ވާހަކަތައް އަހަންނަށް ވިދާޅުވެދެއްވިއެވެ. (މުނާފިޤުންގެ އިތުރަށް މުސްލިމުންގެ ތެރެއިންވެސް މަދު ބަޔަކުވަނީ އެ ފިތުނައިގައި ބައިވެރިވެފައެވެ. އޭގެތެރެއިން އެންމެ ފާޅުކަންބޮޑީ مسطح بـــن اثــاثــــة އާއި މުސްލިމުންގެ އަރާހުންނެވި ޝާޢިރު حسـان بـــن ثـــابت އާއި، حمـنــــة بـنـت جـحــش ގެ ދައުރެވެ.)
އެވާހަކަތައް އަޑުއިވުމުން އަހަރެންގެ ނާރުތަކުގައި ހިނގަހިނގައިހުރި ލޭ ހިކޭގޮތްވިއެވެ. އެ ބޭނުމެއްގައި އަހަރެން ގެއިން ނިކުތް ބޭނުމުގެ މަތީންވެސް ހަނދާން ނެތިއްޖެއެވެ. ސީދާ ގެއަށް ހިނގައްޖައީމެވެ. އެރޭ ހަތަރުދަން ހޭދަކުރީ ރުއިމުގައެވެ. إبـــن هشــام ގެ ރިވާޔަތުގައިވާގޮތުން، أمّ المــؤمــنـــيـــن އިތުރަށް ވިދާޅުވެފައިވެއެވެ. "ރޮވުނުވަރުން ހީވީ އަހަރެންގެ ހިތްވެސް ފަޅައިގެން ހިނގައިދާނެހެންނެވެ."
"މި ބުހުތާންދޮގު ވާހަކަ ފެތުރުމުގެ ސަބަބުން ކުރެއްވި ހިތާމަފުޅުގައި أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضـــى الـلّــه عــنـــهـــا ގެ ހިތްޕުޅާއި މޭފުޅު ވިރެމުން ދިޔައިރުވެސް، އެ ވާހަކަތައް ދިޔައީ ހައްތާވެސް ވަރުއަރަމުންނެވެ. އެކަމަނާގެ ފަރާތްޕުޅުން ދިފާޢުގައި ވާހަކަދައްކަވަން ތިއްބެވި އެންމެ ޚާއްޞަ ދެ އެހީތެރީން ކަމުގައިވާ އެކަމަނާގެ ބައްޕާފުޅާއި އެކަމަނާގެ ފިރިކަލުންވެސް ތިއްބެވީ ވަރަށްބޮޑަށް ފިކުރުފުޅު ބޮޑުވެފައެވެ. އެކަމަނާގެ މިޒާޖުފުޅާއި ޝަޚްޞިއްޔަތު އެންމެބޮޑަށް އެނގިވަޑައިގަންނަވަނީ އެ ދެބޭކަލުންނަށެވެ. ނަމަވެސް މިބާވަތުގެ މައްސަލަތަކުގައި މައްސަލަ ރައްދުވާ ފަރާތާ ގާތްކަން ބޮޑުވިވަރަކަށް، އެފަރާތް ދިފާޢުކޮށްދިނުންވަނީ އުނދަގޫ ކަމަކަށެވެ. އެކަމަނާގެ ދިފާޢުގައި އެ ދެބޭކަލުން ދައްކަވާ ވާހަކަފުޅުން ޢަދުއްވުން ނެރޭނީ މުޅިން ތަފާތު އެހެން މާނަތަކެކެވެ. އެހެންކަމުން، އެކަމަނާގެ ބައްޕާފުޅާއި ފިރިކަލުންވެސް ތިއްބެވީ ވަރަށްބޮޑު ޙައިރާންފުޅުކަމެއްގައެވެ. އެކިފަރާތްފަރާތުން އުކަމުންގެންދިޔަ ވިހަ ތީރުތަކަށް، ހިތްޕުޅާއި މޭފުޅު ދެއްވައިގެންނެވެ.
އިންސާނިއްޔަތުގެ މުޙްސިނު صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަޔާތްޕުޅުގައި އެ ޙާދިޘާގެ ހިތިރަހަ ހުންނާނެ މިންވަރު، ކޮންމެ މާތް، ކޮންމެ ޙައްސާސް އިންސާނަކަށްވެސް ފުރިހަމަޔަށް ވަޒަންކުރެވޭނެކަން ކަށަވަރެވެ. އެމާތް ސާހިބާގެ އަމިއްލަފުޅު އިންސާނީ ޙައިޘިއްޔަތުން ބެލިކަމުގައިވިޔަސްމެއެވެ. އެކަލޭގެފާނު ހިންގަވަމުންގެންދެވި ހެޔޮކަމުގެ މުހިންމަތުގެ މަޞްލަޙަތުގެ ގޮތުން ބެލިކަމުގައިވިޔަސްމެއެވެ. އެ ނާޒުކު މައްސަލައަކީ ވަކިގޮތަކަށް ނުނިންމަވައި ދޫކޮށްލެއްވޭންއޮތް މައްސަލައެއްވެސް ނޫނެވެ. އެހެންކަމުން، ވަކިފަރާތަކަށް ބުރަވެވަޑައިގެންނެވުމެއްނެތި މައްސަލަ ތަޙްޤީޤު ކުރައްވަން ފެއްޓެވިއެވެ. އިތުރު ސާހިބާގެ ނުހަނު އަރިސް ދެބޭކަލެއް ކަމުގައިވާ أســــامـــــة بــــن زيــــد އާއި، عــلــــى بـــن أبـــى طــالـب (رضــــــى اللّــــه عـنــهــما) ގެންނަވައި، އެބޭކަލުންގެ ޚިޔާލުފުޅު ހޯއްދެވިއެވެ. أســــامـــــة ވިދާޅުވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޙުރުމަތްތެރި އަނބިކަނބަލުންނާމެދު ހެޔޮ ޚަބަރެއް މެނުވީ އަޅުގަނޑުގެ ކަންފަތާ ހަމަޔަށް ފޯރައިފައެއް ނުވެއެވެ. ފަތުރަމުން މިގެންދާ ވާހަކަތަކަކީ ބާޠިލު ދޮގު ވާހަކަތަކެކެވެ."
عــلــــى رضــــى اللّــــه عــنـــــه މައްސަލައާމެދު އަލިއެޅުއްވީ، އެހެން ކުންނަކުންނެވެ. އެކަލޭގެފާނު ވިސްނައިވަޑައިގެންނެވީ، ކައުސާހިބާގެ ހިތްޕުޅަށް ކޮށްފައިވާ އަސަރު ކުޑަކޮށްދެއްވުމަށެވެ. މައްސަލައާމެދު ޤާނޫނީ ޖަވާބެއް ދެއްވުމަށެވެ. އެކަލޭގެފާނާއި އިތުރު ސާހިބާއާ ދެމެދުގައި އޮތް ޚާއްޞަ ގުޅުމަށް ވިސްނައިވަޑައިގެން އިތުރު ސާހިބާގެ ފިކުރުފުޅުތައް ދުރުކޮށްދެއްވުމަށްޓަކައެވެ. عــلــــى ގެފާނު ވިދާޅުވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ! އަންހެނުންތައް އެބަތިއްބެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ، އެހެން ކާވެނިފުޅެއް ކުރެއްވިދާނެއެވެ. މައްސަލަ ތަޙްޤީޤު ކުރައްވަން ބޭނުންފުޅު ކަމުގައިވާނަމަ، އެކަމަނާގެ ޚާދިމާ ގެންނަވައި ތަޙްޤީޤު ކުރައްވާށެވެ."
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــلــــى ގެފާނު އެރުއްވި މަޝްވަރާގެ ދެވަނަބަޔަށް ޢަމަލުކުރެއްވިއެވެ. أمّ المــؤمــنـــيـــن ގެ ޚާދިމާ بـــــريــــــرة رضــــى اللّــــه عــنـــهـــا ގެންނަވައި ސުވާލު ކުރެއްވިއެވެ. ޚާދިމާ ޖަވާބު އެރުވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ! ކަލޭގެފާނުގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ހެޔޮކަމެއް މެނުވީ އަޅުގަނޑަކަށް ފެނިފައެއް ނުވެއެވެ."
އިސްލާމީ ތަޙްރީކުގެ ޤާއިދު ދެން އެޅުއްވި ފިޔަވަޅަކީ، ޞަޙާބީންގެ ޢާއްމު މަޖިލީހެއް އެއްކުރައްވައި ވާހަކަފުޅު ދެއްކެވުމެވެ. މިންބަރުކޮޅަށް އަރައިވަޑައިގެން މާތް اللّــــه އަށް ޙަމްދާއި ޘަނާ ވިދާޅުވުމަށްފަހު، ނުހަނު އަސަރާއެކު ވިދާޅުވިއެވެ.
"އަހަރެންގެ އަހްލުންނާ ބެހޭގޮތުން އަހުރެންނަށް ހިތާމައާއި މޮޅިވެރިކަން ކުރިމަތިކުރުވާ މީހުންގެ މަޤްޞަދަކީ ކޮބައިބާވައެވެ؟ އެކަމަނާއާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރަނީ ކީއްވެގެން ބާވައެވެ؟ މާތް اللّــــه ގަންދެއްވައި ވިދާޅުވަމެވެ. އެކަމަނާއާމެދު ހެޔޮކަމެއް މެނުވީ އަހުރެންނަކަށް އެނގިފައެއް ނެތެވެ. އެމީހަކާ ގުޅުވައިގެން މިވާހަކަ ދެކެވޭ ފަރާތުންވެސް، ހެޔޮކަމެއް ފިޔަވައި އަހަންނަކަށް އެނގިފައެއް ނެތެވެ. އޭނާ އަހުރެން ގޭގައި ނެތިސް އަހުރެންގެ ގޭތެރޭގައި ފިޔަވަޅެއްވެސް އަޅައިފައެއް ނުވެއެވެ."
އެހެން ރިވާޔަތެއްގައިވާގޮތުން، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަލޭގެފާނުގެ ވާހަކަފުޅު ފެއްޓެވީ، އަންނަނިވި ޢިބާރާތުންނެވެ.
"އަހުރެންގެ އަހްލުންނާ ބެހޭގޮތުން، އަހުރެން ހިތްދަތިކުރުވާ މީހާގެ ކިބައިން އަހުރެން ސަލާމަތް ކޮށްދޭނެ މީހަކު އެބަހުރިހެއްޔެވެ؟"
އެބަސްފުޅު އިވިވަޑައިގަތުމުން، އައުސުވަންހައިގެ ރައީސުންކުރެ أُسـيـد بــــن حضـيـــر رضـــى اللّــــه عــنـــــه (ބަޔެއް ރިވާޔަތްތަކުގައިވާގޮތުން سعــد بـــن معــــاذ رضـــى اللّـــه عــنـــه) ތެދުވެވަޑައިގެން ވިދާޅުވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ! ތިޔަފަދަ މީހަކު އަޅުގަނޑުމެންގެ ޤަބީލާގައި ހުރިނަމަ، އަޅުގަނޑުމެން އެމީހެއްގެ ކަންތައް ނިންމައިލައިފީމުހެވެ. އެމީހަކީ އަޅުގަނޑުމެންގެ ޚަޒްރަޖީ އަޚުންގެ ތެރެއިންވާ މީހެއްނަމަ، އަޅުގަނޑުމެންނަށް އަމުރު ކުރައްވާށެވެ. މާތް اللّــــه ގަންދެމެވެ. އަޅުގަނޑުމެން އެމީހެއްގެ ބޯ އުދުއްސައިލާނަމެވެ. އެފަދަ މީހުންނަކީ އެގޮތަށް ޢަމަލުކުރުން ޙައްޤު ބަޔެކެވެ."
ޚަޒްރަޖުވަންހައިގެ ރައީސް ســعـــد بــــن عُــبــادة رضـــى اللّـــه عــنـــــه އެކަލޭގެފާނާމެދު އުންމީދު ކުރެވޭގޮތާ ޚިލާފަށް ތެދުވެވަޑައިގެން ކޯފާއިސްކުރައްވައި أُسـيـد އަށް ޖަވާބު ދެއްވިއެވެ. އެމީހާ (عـبــد اللّـــه بـــن أبــّــي بـــن ســلـــول) ޤަތުލު ކުރެވުނަ ނުދެއްވާނެކަމުގައި ވިދާޅުވިއެވެ. އެހެން ވާންޖެހުނީ، އައުސުވަންހައާއި ޚަޒްރަޖުވަންހައާ ދެމެދު ފިތުނައިގެ އަލިފާން ރޯކުރަން އިސްލާމްދީނުގެ ޢަދުއްވުން ހުއްޓުމެއްނެތި ކުރަމުންގެންދިޔަ މަސައްކަތުގެ ސަބަބުންނެވެ. އެކަމާހުރެ ވަރަށް އާދައިގެ ކުދިކުދި ކަންކަމާހުރެވެސް، ދެފަރާތުގެ ދެމެދުން އާވިއަރަން ފަށަނީއެވެ. އައުސުވަންހައާއި ޚަޒްރަޖުވަންހައާ ދެމެދު، ބަހުގެ ޙަމަލަތައް ބަދަލުކުރެވި، އަތްއިސްކުރާ ހިސާބަށް ދާންފެށުމުން، މުސްލިމުންގެ ޤާއިދަށް އެކަން ޤަބޫލުފުޅެއް ނުކުރެއްވުނެވެ. އަހަރުތަކެއްގެ ބުރަ މަސައްކަތްޕުޅުން އެ ދެވަންހައިގެ ދެމެދުގައި އެ މާތް ސާހިބާ ޖެއްސެވި އެކުވެރިކަމުގެ ގޮށް މޮހެވޭކަށެއް ރުހިވަޑައެއް ނުގެންނެވުނެވެ. ޚާއްޞަކޮށް އެމާތް ސާހިބާގެ ޒާތުފުޅާ ގުޅޭ މައްސަލައެއްގައެވެ. އިތުރު ސާހިބާ މިންބަރުކޮޅުން ފައިބައިވަޑައިގެން ދެފަރާތުގެ މީހުން ފިނިކުރައްވައި މައްސަލަ ހަމަޖެއްސެވިއެވެ. އެހިސާބުން އެ ބައްދަލުވުން ނިންމަވައިލެއްވިއެވެ. އިސްލާމީ މުޖްތަމަޢުން މި ފެނިވަޑައިގެންނެވި ބަލިކަށިކަމުގެ ސަބަބުން، ކައުސާހިބާގެ ފިކުރުފުޅު ވަކީން ބޮޑުވިއެވެ. މިއީ މުރައިސީޢުގެ ފެންގަނޑުގެ ކައިރީގައި عـبــد اللّـــه بـــن أبــّــي ފަތުރައިލި ބަޑިބޭސް ފަލީތާ ރޯވެ އަނދަންފެށުމެވެ.
އިފުކުގެ ހިތާމަވެރި މައްސަލަ، އުފާވެރި ކަމަކަށް ބަދަލުވެގެން ދިޔަގޮތުގެ ވާހަކަވެސް އަޅުގަނޑު މި ބަޔާންކުރަނީ ޙާދިޘާގެ ނާރެހެއްކަމުގައިވާ أمّ المــؤمــنـــيـــن السّــيّــدة عـائشـــة صــدّيــقــــة رضـــى الـلّــه عــنـــهـــا އެވާހަކަ ބަޔާންކޮށްދެއްވައިފައިވާ ގޮތަށެވެ. މަޞްދަރަކީ ތަފްހީމުލްޤުރްއާނެވެ.
"އެ ބުހުތާންދޮގު ވާހަކަ ގާތްގަނޑަކަށް މަހެއްހައި ދުވަސްވަންދެން ރަށުތެރޭގައި ފެތުރެމުން ދިޔައެވެ. މާތް ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހިތްޕުޅަށް ނުހަނު ދަތިވިއެވެ. އަހަރެންގެ ކަމަކީ ރުއިމެވެ. އަހަރެންގެ މައިންބަފައިން ތިބީ އިންތިހާ ދަރަޖަޔަށް ކަންބޮޑުވެފައެވެ. ހިތާމައާއި މޮޅިވެރިކަމުގައި ހައްޔަރުވެފައެވެ. އެންމެފަހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްދުވަހަކު ވަޑައިގެން އަހަރެންގެ މަގަތުން އިށީނދެވަޑައިގެންފިއެވެ. މުޅި އެ މުއްދަތުގެ ތެރޭގައިވެސް އެކަލޭގެފާނު އަހަރެންގެ ގާތަކު އިށީނދެވަޑައެއް ނުގަންނަވައެވެ. އަހަރެންގެ ބައްޕާފުޅާއި މަންމާފުޅަށްވެސް މައްސަލަ ކޮންމެވެސް ކޮޅެއްގައި ޖެހޭން އުޅެނީކަމަށް ހީފުޅުވެގެން، އެތަނަށް ވަޑައިގެން އަހަރެމެންގެ ގާތުގައި އިށީނދެވަޑައިގެންފިއެވެ.
އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަހަންނާ މުޚާޠަބުކުރައްވައި ޙަދީޘު ކުރެއްވިއެވެ. "އޭ عـائشـــة އެވެ! ކަމަނާއާ ބެހޭގޮތުން މިވެނި ޚަބަރެއް ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފިއެވެ. ކަމަނާގެ ކުށެއް ނެތްކަމުގައިވާނަމަ، މާތް اللّــــه ކަމަނާ ބަރީއަ ކުރައްވާނެކަމަށް އުންމީދު ކުރައްވަމެވެ. ކަމަނާއަށް ކުށެއް ކުރެއްވިފައިވާނަމަ، اللّــــه އަށް ތައުބާވެވަޑައިގަންނަވާށެވެ. އެކަލާނގެ ޙަޟްރަތުން ޢަފޫކުރެއްވުން އެދިވަޑައިގަންނަވާށެވެ. އަޅާ އޭނާގެ ފާފަޔަށް އިޢުތިރާފުވެ، ތައުބާވުމުން އެކަލާނގެ ޢަފޫކޮށްދެއްވާނެއެވެ." އެވާހަކަފުޅު އިވުމުން އަހަރެންގެ ލޮލުގައިހުރި ކަރުނަ ހިކިއްޖެއެވެ. ތެދުވެ އިށީނދެ، އަހަރެންގެ ބައްޕާފުޅުގެ އަރިހު ދެންނެވީމެވެ. މާތް اللّــــه ގެ ރަސޫލާއަށް ޖަވާބު ދެއްވާށެވެ! ބައްޕާފުޅު ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ދަންނަވާނެ އެއްޗެއް ބައްޕަގެ ވިސްނުމަކަށް ނާދެއެވެ." އަހަރެން މަންމާފުޅުގެ އަރިހުގައި ދެންނެވީމެވެ. އަޅުގަނޑު ބުއީ މަންމާފުޅުގެ ކިރުފޮދެވެ. ބޮޑުވެ ތަރުބިޔަތުވީ މަންމާފުޅުގެ އުނގުފުޅުގައެވެ. ކުޅެއުޅުނީ މަންމާފުޅުގެ ގޯތިތެރޭގައި، މަންމާފުޅުގެ ކުރިފުޅުމަތީގައެވެ. ކޮންމެވެސް އެއްޗެކޭ ވިދާޅުވާށެވެ! މަންމާފުޅުވެސް ދެއްވީ ހަމަ އެޖަވާބެވެ. ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ދަންނަވާނެ އެއްޗެއް މަންމަޔަކަށް ނޭނގެއެވެ. މަންމަ މިއިނީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ."
(ނުނިމޭ)