ކްލަބު މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގެ ފަހު ހަތަރު ޖާގަ، އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި އެމްޕީއެލް އާއި ޔުނައިޓެޑް ބީއެމްއެލް އަދި އުރީދޫ އިން ހޯދައިފިއެވެ.
ގްރޭޓާ މާލެ އާއި އެމްޕީއެލް އާއި ބީއެމްއެލް އަދި އުރީދޫ އިން ކުއާޓާގެ ޖާގަތައް ހޯދީ ރޭ ކުޅުނު ގަދަ 16ގެ ފަހު މެޗުތަކުން މޮޅުވެގެންނެވެ.
ރޭ ކުޅުނު ގަދަ 16ގެ އެއް މެޗުގައި ވާދަކުރީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ދެ ޓީމެވެ. އެ މެޗުގައި މިފަހަރު ވެސް މޯލްޑިވިއަންގެ މައްޗަށް ގްރޭޓާ މާލެ އިން ވަނީ ކުރި ހޯދައިފައެވެ. އެ މެޗުން ގްރޭޓާ މާލެ މޮޅުވީ ޕެނަލްޓީ ޖަހައިގެން 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ގްރޭޓާ މާލެ އަދި މޯލްޑިވިއަންއަށް ވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ގްރޭޓާ މާލެއިން ކާމިޔާބުކުރި ދެ ޕެނަލްޓީ، އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އާއި ހުސައިން ސުހައިލްއެވެ. އަދި މެޗުގައި މޯލްޑިވިއަނުން ކާމިޔާބުކުރި ހަމައެކަނި ޕެނަލްޓީ، އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އެ މެޗުގައި ގްރޭޓާ މާލޭގެ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާ ދެކޮޅަށް ރޭ ކުޅުނު ގަދަ 16ގެ މެޗުން އެމްޕީއެލް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމުން ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ފުރިހަމަ ވަގުތުގެ ތެރޭގައި އެމްޕީއެލްގެ ލަނޑު އަލީ ޝިފާއު ކާމިޔާބުކޮށްދިން އިރު، ސިފައިންގެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރަޝީދެވެ.
އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި އެމްޕީއެލް އިން ކާމިޔާބުކުރި ދެ ޕެނަލްޓީ، އެޓީމަށް ކާމިޔާބުކޮށްދިނީ ހުޝާމް އިބްރާހީމާއި ހުޒައިފަތެވެ. އަދި މެޗުގައި ސިފައިން ކާމިޔާބުކުރި ހަމައެކަނި ޕެނަލްޓީ، އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރަޝީދެވެ. ޕެނަލްޓީގައި އެމްޕީއެލް ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ.
އޭވިއޭޝަން ސެކިއުރިޓީއާ ދެކޮޅަށް ރޭ ކުޅުނު ގަދަ 16ގެ މެޗުން ބީއެމްއެލް މޮޅުވީ 7-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބީއެމްއެލް އިން ޖެހި ހަތް ލަނޑުގެ ތެރެއިން އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހިމް ވަނީ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މުހައްމަދު ނާސިރު އަހްމަދު ނަސީމާއި އަލީ ހާފިޒު، މިއިން ކޮންމެ ކުޅުންތެރިޔަކު އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ.
ޕޮލިސް ކްލަބާ ދެކޮޅަށް ރޭ ކުޅުނު ގަދަ 16ގެ މެޗުން އުރީދޫ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އުރީދޫން ޖެހި ދެ ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ފާޝިރެވެ. އަދި މެޗުގައި ޕޮލިސް ކްލަބުން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ނިޝާދު އަލީއެވެ.
ގްރޭޓާ މާލެ އާއި އެމްޕީއެލް އާއި ބީއެމްއެލް އަދި އުރީދޫއާއެކު ކުއާޓާގައި ދެން ވާދަކުރާ ޓީމުތަކަކީ ކްލަބު ވެމްކޯ އާއި އެސްޓީއޯ އާއި ޕްރިޒަން ކްލަބު އަދި ކްލަބު އިމިގްރޭޝަނެވެ.
އެ މުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު 4:15ގައި ކްލަބު ވެމްކޯއާ ދެކޮޅަށް އެސްޓީއޯ ނުކުންނަ އިރު، ހަމަ އެގަޑީގައި ކްލަބު އިމިގްރޭޝަނާ ދެކޮޅަށް ޕްރިޒަން ކްލަބު ނުކުންނާނެއެވެ. އެ ދުވަހުގެ ރޭ 8:30ގައި ބީއެމްއެލްއާ ދެކޮޅަށް އެމްޕީއެލް ނުކުންނަ އިރު، ހަމަ އެގަޑީގައި ގްރޭޓާ މާލެއާ ދެކޮޅަށް އުރީދޫ ނުކުންނާނެއެވެ. އެ ދުވަހު ކުޅޭ ކުއާޓާގެ މެޗުތަކުން މޮޅުވާ ޓީމުތަކަށް އަންނަ އަންގާރަ ދުވަހު ކުޅޭ ސެމީ ފައިނަލުގެ މެޗުތަކުން ޖާގަ ލިބޭނެއެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރެއެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮފިޝަލް އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.