ގޯލްޑަން ފުޓްސަލް ޗެލެންޖް

ނައިވާދޫ، ދިއްދޫ އަދި ކެނދިކުޅުދޫން އަތޮޅު ތަށި އުފުލާލައިފި

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ނ. އަތޮޅުގެ ޗެމްޕިއަންކަން ކެނދިކުޅުދޫން ހޯދި އިރު، ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫން ދިފާއުކޮށް، ހއ. އަތޮޅުގެ ތަށި ދިއްދޫން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭވެސް ވަނީ ހަތް މެޗު ކުޅެފައެވެ. އޭގެ ތެރެއިން ތިން މެޗަކީ ފައިނަލްތަކެވެ. އަދި ތ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗާއި، ގދ. އަތޮޅު ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗުވެސް ރޭ ކުޅެފައިވެއެވެ.

ހއ. އަތޮޅުގެ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އުތީމާއި ދިއްދޫ ވާދަކުރި އިރު، މެޗު ހަމަހަމަކޮށް ގޮސް، ދިއްދޫން ތަށި ޔަގީންކުރީ 5-2 އިން މޮޅުވެގެންނެވެ. މެޗުގައި ދިއްދޫގެ ހައިސަމް ރަޝީދާއި މުހައްމަދު ޝަނާއު ނަސީރު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ ފާއިގު އަހުމަދެވެ.

ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރި އުތީމަށް މެޗުގައި ދިމާވި އެއް މައްސަލައަކީ ޓީމުގެ ތަރި، އަހުމަދު އައިހަމްއަށް އަނިޔާވުމެވެ. އުތީމަށް މެޗުގައި ގޯލުތައް ޖަހައިދިނީ މުހައްމަދު ނަބީލާއި ތަހާ މުހައްމަދެވެ.

މެޗުގައި އުތީމުގެ މުހައްމަދު މަޒީނަށާއި، ދިއްދޫގެ މުހައްމަދު ވިޝާހުއަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.

ހއ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އުތީމުގެ ނަބީލް ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ދިއްދޫގެ ފާއިގެވެ.

ރޭ ކުޅުނު ހދ. އަތޮޅުގެ ފައިނަލްގައި ނައިވާދޫން ތަށި ދިފާއުކުރި އިރު، މިއީ އެޓީމުން އަތޮޅު ޗެމްޕިއަންކަން ހޯދި ހަވަނަ ފަހަރެވެ. ރޭގެ މެޗުގައި ނައިވާދޫން ނޮޅިވަރަން 6-1 އިން ބަލިކުރި އިރު، މެޗުގައި ނައިވާދޫގެ މުހައްމަދު ޝާއިން ހެޓްރިކް ހެދިއެވެ. އެޓީމަށް ދެން ގޯލު ޖަހައިދިނީ ހުސައިން މައުޝަންއާއި އަބްދުﷲ ވިސާނެވެ. އޭގެ އިތުރުން ނޮޅިވަރަންގެ އަމްދާން އަލީ (އެންޑީ) ފައިގައި ޖެހި ބައިކޮޅަށްވެސް ގޯލެއް ވަނެވެ.

ރޭގެ ފައިނަލުގައި ނޮޅިވަރަންގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އިކްރާމެވެ.

ހދ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ނައިވާދޫގެ ވިސާމެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ރޭ އެންމެ ފަހު މެޗަކަށް ކުޅުނީ ނ. އަތޮޅުގެ ފައިނަލް މެޗެވެ. ކެނދިކުޅުދުއާއި މާފަރު ވާދަކުރި އެ މެޗު ހޫނުކޮށް ފެނިގެން ދިޔަ އިރު، މާފަރުގެ އަފްރާހް މުހައްމަދަށް ރަތް ކާޑު ދައްކާފައިވެއެވެ.

ކެނދިކުޅުދޫން 3-1 އިން މެޗު ކާމިޔާބުކުރި އިރު، ލީޑު ނެގީ އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އައްޒާމްގެ ހިލޭ ޖެހުމަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނދިކުޅުދޫން ނަތީޖާގެ ފަރަގު ބޮޑުކުރި އިރު، އެ ގޯލު ޖެހީ މުހައްމަދު އަރީހެވެ.

ދެވަނަ ހާފަށް ނުކުމެ މާފަރުން ކުޅުން ރަނގަޅުކުރި ނަމަވެސް، ކެނދިކުޅުދޫ ފެނުނީ ޑިފެންސިވް ރަނގަޅު ޓީމެއްގެ ގޮތުގައެވެ. މާފަރުގެ އިބްރާހީމް ޒަކަރިއްޔާ ޖެހި ގޯލުން މާފަރަށް އުންމީދެއް ލިބުނު ނަމަވެސް، ފައުލް ހަމަވެ، ކެނދިކުޅުދުއަށް ޕެނަލްޓީއެއް ލިބި، އައްޒާމް ދެވަނަ ގޯލެއް ޖަހައި މެޗު ޔަގީންކުރިއެވެ.

ނ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް އައްޒާމެވެ. އެންމެ ގިނަ ގޯލު ޖެހީ މާފަރު އައްޒާމް އަބްދުﷲއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރި އާއެކު ކުރިއަށްދާ އިރު، ރޭވެސް ވަނީ ހަތް މެޗު ކުޅެފައެވެ. އޭގެ ތެރެއިން ތިން މެޗަކީ ފައިނަލްތަކެވެ. އަދި ތ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗާއި، ގދ. އަތޮޅު ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗުވެސް ރޭ ކުޅެފައިވެއެވެ.