ގަތަރުގައި ކުރިއަށްދާ އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭއެފްސީ އޭޝިއަން ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ބަލިކޮށް، ޖޯޑަންއިން ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލް ޔަގީން ކޮށްފިއެވެ.
އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލްގައި ޖޯޑަންއިން ދެކުނު ކޮރެއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ޖޯޑަން، އޭޝިއަން ކަޕްގެ ކުއާޓާ ފަހަނައަޅައި ދިޔަވެސް ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން 1960 ވަނަ އަހަރަށްފަހު ކޮރެއާއިން އޭޝިއަން ކަޕަކަށް ކުރަމުން އައި އިންތިޒާރު ދިގުލައިގެން ގޮސް، އެޓީމުގެ ކޯޗު ޖާގަން ކްލިސްމަންއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. މިހާރުވެެސް ދެކުނު ކޮރެއާގެ ގިނަ ސަޕޯޓަރުން އޭނާއަށް ފާޑުކިޔުން އަމާޒުކުރަމުން ދެއެވެ.
ރޭގެ މެޗަށް ކޮރެއާއިން ނުކުތީ އެޓީމުގެ އެންމެ އިތުބާރު އެއް ޑިފެންޑަރު، ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކިމް މިން-ޖާއީއާ ނުލައެވެ. އެއީ ސަސްޕެންޝަނުގައި ހުރުމުންނެވެ. އޭނާ ނެތް ތަންކޮޅު ދައްކާފައިވާ އިރު، ކުރިއަށް ޖެހި ރަނގަޅަށް ޕްރެސް ކުރި ޖޯޑަން ފެނުނީ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ.
މެޗުގެ ކުރީކޮޅުގައި ދެކުނު ކޮރެއާގެ ސޮން ހިއުން-މިން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވަން ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެ ބޯޅައަށް މަސައްކަތް ކުރި އިރު، ސޮން އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ދެކުނު ކޮރެއާގެ ސެއޯލް ޔަންގް-ވޫއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް، ފަހުން ވީއޭއާރް އެހީގައި އެ ޕެނަލްޓީ ބާތިލުކުރިއެވެ. އެ ފަހުން މަޑުމަޑުން ޖޯޑަން މެޗަށް ވަދެ، ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނެގިއެވެ.
އެ ގޯލު ޖެހީ އަލް ނައިމަތެވެ. އޭގެ ފަހުންވެސް ކޮރެއާއިން މެޗަށް ވަނުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެ، ޖޯޑަންއަށް ތާރީހީ މޮޅު ޔަގީންވީ 66 ވަނަ މިނެޓުގައި ސުލައިމާން އައްތަމާރީ ޖެހި ގޯލުންނެވެ. އައްތަމާރީއަކީ ފުރަތަމަ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިޔާއެވެ.
ޖޯޑަންއިން ފައިނަލްގައި ކުޅޭނީ ގަތަރާއި އިރާން މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.