(2 ފެބުރުއަރީގެ އަދަދާ ގުޅޭ)
"އެއުރެން މީސްތަކުންނަށް ވަންހަނާވެގަނެތެވެ. އެކަމަކު اللّــــه ގެ ޙަޟުރަތަށް އެއުރެންނަކަށް ވަންހަނާވެއެއް ނުގަނެވެތެވެ. އެކަލާނގެ ރުހިވޮޑިގެންނުވާ ބަސްތައް އެއުރެން ވަންހަނާގައި ތަދުބީރުކޮށް އުޅޭހިނދު، އެއުރެންނާ އެކުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއުރެން ކުރާ ޢަމަލުތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللّــــه ވޮޑިގެންވެއެވެ." (الـنّسـاء: 108)
އިސްވެދިޔަ މާތް اللّــــه ގެ އާޔަތްތަކުން ސާފުކޮށް އެނގޭގޮތުގައި ޖަމާޢަތުގެ އިސްލާމީ ނިޒާމުގައި އިޖުތިމާޢީގޮތުން އެކަށައެޅިފައިވާގޮތާ ހަމައެޅޭގޮތަށް އެގޮތްތައް ޙިމާޔަތްކުރުމަށާއި އެގޮތަށް ވަކާލާތުކޮށް އެގޮތްތައް ތަންފީޒުކުރުމަށާއި އެގޮތްތަކަށް ބާރު ހޯދައިދިނުމަށްޓަކައި އަފްރާދުންނަށް ވާހަކަ ދެއްކިދާނެއެވެ. ސިއްރާއި ފާޅުގައެވެ. ކުދިކުދި ވިލިވިލީގައްޔާއި އެކަހެރީންވެސްމެއެވެ. އެކަމަކު އިޖުތިމާޢީ ނިންމުންތަކާއި ޤިޔާދަތުގެ އަމުރުތަކާ ޚިލާފުވެ އެކަންކަން ރޫޅައި އެކަންކަމާމެދު މީހުން ދެކޭގޮތް ބަދަލުކުރާކަށެއް މަސައްކަތެއް ނުކުރެވޭނެއެވެ. އެކަންކަމާ އިޢުތިރާޟުކޮށް އެނިންމުންތައް އެހެން އަތްއަތަށް ފިރައިލައި ބަދަލުކުރާކަށެއް ސައްލާއެއް ނުކުރެވޭނެއެވެ. އެފަދަ ސައްލާތައް ކުރުމަކީ ނުބައިކަންބޮޑު ފާފައެކެވެ. އެކަންކުރާ ބައެއްގެ ސީރަތާއި ޢާޤިބަތު ހަލާކުކޮށްލައިފަނިވި ކަމެކެވެ. ޖަމާޢަތުގެ ނިޒާމަށް ބުރޫއަރުވައި އޮޅުންބޮޅުން ކޮށްލާނެ ކަމެކެވެ. ސިއްރުން ވަންހަނާކޮށްގެން ދެކޮޅުވެރި ސައްލާކުރުމާ ގުޅިފައިވަނީ ޝައިޠާނާއާއެވެ. ޝައިޠާނާގެ ކިބައިން ރައްކައުތެރިވުމަކީ ކީރިތި ޤުރްއާނުގައި އިސްލާމީ ޖަމާޢަތަށް އެކަމާ ސަމާލުވާން ދުރާލައި އިންޒާރުކުރައްވައިފައިވާ ކަމެކެވެ.
ނަޖުވާގެ ސަބަބުން ފިތުނަވެރިކަމަށް ފަހިވެފައިއޮތް ވެށީގައި ޔަހޫދީންނާއި މުނާފިޤުން އެންމެވަރުގަދަ އަމާޒުފަތްގަނޑަކަށް ހެދީ އިސްލާމީ ތަޙްރީކުގެ ޤާއިދުގެ (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ޒާތުފުޅެވެ. ދެން އެމާތް ސާހިބާގެ އިސްފުރަދާނައިންނެވެ. އެމާތް ޝަޚްޞިއްޔަތުތަކާ ދެކޮޅަށް ފަތުއަޑުކިޔައިފައި ފައިބައިގެން ދާވަރަށް ހިންގައިލި ފިތުނައިގެ ޠޫފާނުގެ އެންމެބޮޑުބަޔަކީ ދޮގުވާހަކަތައް ހަދަހަދައިގެން ފެތުރުމެވެ. އެކަމަށް ބޭނުންވި ޙަރަކާތްތެރި ޝަޚްޞިއްޔަތު އެވެރީންނަށް ލިބުނީ عــبــد اللّـــه بــــن أبـــــى ގެ ސިފައިގައެވެ. ޝައިޠާނުންނަށް އިންސާނީ ޖަމާޢަތުގެ ތެރޭގައި ސީދާ ޢަމަލުތައް ހިންގެނީ ވަރަށް ކުޑަކޮށެވެ. އެކަމަށްޓަކައި ޝައިޠާނުން ބޭނުންކުރަނީ އިންސާނީ ޝައިޠާނުންނެވެ.
ޝައިޠާނުންގެ އިމާމު عــبــد اللّـــه بــــن أبـــــى ވަނީ އޭނާގެ ހަސަދަވެރިކަމުގެ އަލިފާން އުނދުނުގެ ކަނިފަށެއް ނުހަނު ހުޝިޔާރުކަމާއެކު ނަބަވީ ޙަރަމްސަރާއަށް ފޮނުވާލައިފައެވެ. އެކަނިފަށް ގަޑަގަޑައަޅައިފައި ރޯވެ ހުޅުގަނޑު އަރައިގަތީ މަދީނާގެ އިސްލާމީ މުޅި މުޢާޝަރާގެ ތެރެއިންނެވެ. އެފިތުނަވެރިކަމުގެ އަލިފާންގަނޑަކީ އިފުކުގެ މައްސަލައެވެ.
أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضـــى الـلّــه عــنـــهـــا ގެ ޙަޔާތްޕުޅުގެ އެންމެ މުހިންމު އެއް ޙާދިޘާއަކީ، މުނާފިޤުން އެކަމަނާގެ އިސްތަށިފުޅުގައި އެޅުވި ބުހުތާންދޮގުގެ މައްޗަށް ބިނާވެފައިވާ ބޮޑު އިލްޒާމެވެ. މާތް قـــــرآن ގައި "الإفـك" ގެ ނަން ދެއްވާފައިވާ ޙާދިޘާއެވެ. އެ ޙާދިޘާ ހިނގީ، ހިޖްރައިން ފަސްވަނަ އަހަރު (މީލާދީން 627) ޣަޒުވަތު ބަނުލް މުޞްޠަލިޤުގެ ދުވަސްވަރުއެވެ.
أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضـــى الـلّــه عــنـــهـــا ވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި އެ ހަނގުރާމަޔަށް ވަޑައިގެންނެވިއެވެ. އެ ހަނގުރާމަޔަށްފަހު މުސްލިމުން އެނބުރި މަދީނާއަށް އައި މަގުމަތީގައި އެއްރެޔަކު ރޭގަނޑު ލަޝްކަރު މަޑުކޮށްގެން ތިއްބައި أمّ المــؤمــنـــيـــن ޤަޟާޙާޖަތަކަށް ލަޝްކަރާ ތަންކޮޅެއް ދުރަށް ވަޑައިގެންނެވިއެވެ. އެކަމަނާ އެކަމުން ނިމިވަޑައިގެން އެނބުރި ވަޑައިގަންނަވަނިކޮށް އެނގިވަޑައިގެންނެވީ، ކަރުފުޅުގައި އޮތް އަބާރަނަކޮޅު ނެތްކަމެވެ. އެ އަބާރަނަކޮޅަކީ، އެކަމަނާގެ ދައިތާފުޅު السّــيّــدة أسمـــــاء بـنـت أبــــى بــكـــــر ގެ އަތްޕުޅުން އަނބުރާ ދައްކަވަން ގެންނަވައިފައިވާ އަބާރަނަކޮޅެކެވެ. އެހެންކަމުން، އެ އަބާރަނަކޮޅު ހޯއްދަވަން ވަޑައިގެންފައި އެނބުރި ވަޑައިގެންނެވިއިރު، ލަޝްކަރު ދަތުރުކޮށްފައި ހިނގައްޖެއެވެ.
أمّ المــؤمــنـــيـــن ގެ ހަށިކޮޅު ލުއިކަމާއެކު، އެކަމަނާ އިންނަވާ ދޮޅިދާންކޮޅު އުފުއްލަވާ ބޭކަލުންނަށް އެކަމަނާ އޭގައި ވަޑައިގެން ނެތްކަން އެނގިވަޑައިނުގެން، ދޮޅިދާންކޮޅު ޖަމަލުމައްޗަށް ލައްވައިގެން ދަތުރު ކުރެއްވީއެވެ.
أمّ المــؤمــنـــيـــن އެނބުރި ވަޑައިގެންނެވިއިރު ލަޝްކަރު ނެތުމުން ކަންބޮޑުވެވަޑައިގެންނެވުމާއެކުވެސް، ގައިކޮޅުގައި ރަޖާކޮޅު ލައްވައިގެން އެތާނގައި އިށީނދެވަޑައިގެންނެވިއެވެ. އެކަމަނާ ދޮޅިދާންކޮޅުގައި ވަޑައިގެން ނެތްކަން އެނގުމުން، މުސްލިމުން އެކަމަނާ ހޯދަން އަންނާނެކަން އެނގިވަޑައިގަންނަވާތީއެވެ.
އެކަމަނާ އެތާނގައި އިންނަވަނިކޮށް ފެނިވަޑައިގެންނެވީ، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ލަޝްކަރުގެ ފަސްފަހަތުން ދަތުރުކުރެއްވުމަށް އަންގަވާފައިވާ صفــــــوان بـــن المـعـطّـل رضــــى اللّــــه عــنـــــه އަށެވެ. އެކަލޭގެފާނަށް އެއީ أمّ المــؤمــنـــيـــن ކަން އެނގިވަޑައިގެންނެވުމުން، إنّــا لـلّــه وإنّــا إلـيـــه راجــعــــــون އޭ ވިދާޅުވެފައި އެކަލޭގެފާނުގެ ޖަމަލު ތިރިކުރައްވައިފިއެވެ. أمّ المــؤمــنـــيـــن ސަވާރުވެވަޑައިގެންނެވުމުން، އެއްވެސް ވާހަކަފުޅެއް ދެއްކެވުމެއްނެތި ޖަމަލުގެ ލަގަނުގައި ހިއްޕަވައިގެން ދަތުރުކުރައްވައިފައި ވަޑައިގެން ލަޝްކަރާ އަރާ ހަމަކުރައްވައިފިއެވެ.
އިސްލާމްދީނުގެ ދުޝްމަނުން ކަމުގައިވާ މުނާފިޤުންނާއި، أبـــوبــكـــر الصّــدّيـــق رضــــى اللّــــه عــنـــــه ގެ ޢަދާވަތްތެރިން މި ޙާދިޘާ ބޮޑު ފިތުނައަކަށް ހަދައިލިއެވެ. أمّ المــؤمــنـــيـــن السّــيّــدة عـائشـــة صــدّيــقــــة رضـــى الـلّــه عــنـــهـــا އާއި، صفــــــوان رضــــى اللّــــه عــنـــــه އާ ގުޅުވައިގެން ނުހަނު ލަދުހުތުރު ވާހަކައެއް އުފައްދައިލިއެވެ.
އެބައިމީހުންގެ މަޤްޞަދަކީ، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި أبـــوبــكـــر رضــــى اللّــــه عــنـــــه އާ ދެމެދު ޚިލާފުތަކެއް އުފެއްދުމެވެ. ޢާއްމު މުސްލިމުންގެ ހިތްތަކުގައި އަހްލުބައިތުންގެ ޤަދަރު ކުޑަކުރުމެވެ. އަންޞާރުންނާއި މުހާޖިރުންގެ މެދުގައި ފިތުނައާއި ނަފްރަތު އުފެއްދުމެވެ. މި ފިތުނައިގައިވެސް އެންމެ ނަގާކިޔާ މީހަކަށްހުރީ މުނާފިޤުންގެ ވެރިޔާ عـبــد اللّـــه بـــن أبــّــي بـــن ســلـــول އެވެ.
މި ޙާދިޘާއަކީ، ހުރިހާ އެންމެންނަށްވެސް ބޮޑު ދޮގެއްކަން އެނގޭ ޙާދިޘާއެކެވެ. أمّ المــؤمــنـــيـــن ގެ ތަޤްވާވެރިކަމާއި صفــــــوان رضــــى اللّــــه عــنـــــه ގެ ޒާހިދުކަމާއި ދީންވެރިކަން ހުރިހާ މުސްލިމުންވެސް ޤަބޫލު ކުރެއެވެ. ނަމަވެސް މުނާފިޤުންގެ ފިތުނަވެރި ވާހަކަ ފަތުރަމުން ފުޅާކުރަމުން ގެންގޮސް، އެ ވާހަކަތައް ވަނީ އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކަންފަތްޕުޅަށްވެސް ފޯރައިފައެވެ. އަބުރުވެރި، ޣީރަތްތެރި މާތް އިންސާނަކަށް ޚުދު ތިމާގެ އަނބިމީހާއާ ބެހޭގޮތުން މިފަދަ ބުހުތާންދޮގު ވާހަކަތަކެއް މުޖްތަމަޢުގައި ފެތުރޭން ފެށުމުން، ނުކޮށް ނުދާނެ ޠަބީޢީ ހިތި އަސަރު، އެމާތް ސާހިބާގެ ހިތްޕުޅަށްވެސް ދިޔައީ ކުރަމުންނެވެ.
މި ބުހުތާންދޮގުގެ ސަބަބުން أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضـــى الـلّــه عــنـــهـــا އަށް ލިބިވަޑައިގެންނެވި މޮޅިވެރިކަމާއި ހިތްޕުޅުދަތިކަމުގެ ވާހަކަ ޚުދު އެކަމަނާގެ އަރިހުން ޞަޙީޙު ފޮތްތަކުގައި ވާރިދުވެގެން އަޅުގަނޑުމެންނާ ހަމަޔަށްވަނީ އައިސްފައެވެ. ތިރީގައި މިވަނީ، ســيـّـد أبـــوالأعــلــــى مـــــودودى ތަފްހީމުލްޤުރްއާނުގައި އެވާހަކަތައް ލިޔުއްވައިފައިވާ ގޮތަށެވެ. އާދެ، أمّ المــؤمــنـــيـــن ވިދާޅުވެފައިވެއެވެ.
"މަދީނާއަށް އާދެވުމާއެކު، އަހަރެން ވަރަށްބޮޑަށް ބަލިވެއްޖެއެވެ. ގާތްގަނޑަކަށް މައްސަރަކާ ކައިރިވަންދެން އެނދުން ނުތެދުވެވި އޮންނާން ޖެހުނެވެ. ރަށުތެރޭގައި އެވާހަކަތައް އުދުހެމުން ދިޔައެވެ. رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކަންފަތްޕުޅާ ހަމަޔަށްވެސް އެވާހަކަ ވަނީ ފޯރައިފައެވެ. ނަމަވެސް އެވާހަކަތައް ދެކެވޭކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެންގެ ހިތަށް ކަށިހެރެމުންދިޔަ އެއްކަމެއް އޮތެވެ. އެއީ އެހެންނާ އަހަރެން ބަލިވެއުޅޭއިރު، އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ބަހައްޓަވާ އޯގާވެރިކަމާއި އެހީތެރިފުޅުކަން މިފަހަރު ނެތްކަމެވެ. އިތުރު ސާހިބާ ގެއަށް ވަޑައިގެންފައި ހަމައެކަނި އައްސަވައިލައްވަނީ، "މިހާރު ކިހިނެއް ހެއްޔެވެ؟" މިހެންނެވެ. އިތުރު ވާހަކަފުޅެއް ނުދައްކަވައެވެ. އެހެންކަމުން ކޮންމެވެސް ކަމެއް ވެއްޖެކަމުގެ ޝައްކު އަހަރެންގެ ހިތުގައި އުފެދިފައި އޮތެވެ.
އެންމެފަހުން އަހަރެން އިތުރު ސާހިބާގެ އަރިހުން އިޒުނަ ހޯދައިގެން އަހަރެންގެ މަންމަގެ އަރިހަށް ހިނގައްޖައީމެވެ. އަހަންނަށް ރަނގަޅަށް ހޭހަންކުރެވޭނީ އޭރުން ކަމުގައިވާތީއެވެ. އެއްރެޔަކު އަހަރެން ޤަޟާޙާޖަތަކަށް ދާން މަދީނާގެ ރަށްބޭރަށްދާން ހިނގައްޖައީމެވެ. އެދުވަސްވަރު އަހަރެމެންގެ ގޭގެއަކު ގިފިއްޔެއް ނުހުރެއެވެ. ޤަޟާޙާޖަތަށް ދަނީ މީހުނާ ދުރަށް ވަލުތެރެއަށެވެ. އަހަންނާއެކު ވަޑައިގަތީ مسطح بـــن اثــاثــــة ގެ މައިކަނބަލުންނެވެ. އެކަމަނާއަކީ އަހަރެންގެ ބައްޕަގެ ބޮޑުދައިތައެއްގެ ދަރިކަނބަލެކެވެ. (ބަޔެއް އެހެނިހެން ރިވާޔަތްތަކުން އެނގޭގޮތުގައި މުޅި އެ ޢާއިލާގެ ހުރިހާ ޚަރަދުބަރަދެއް ބަލަހައްޓަވަނީ أبـــوبــكـــر الصّــدّيـــق رضــــى اللّــــه عــنـــــه އެވެ. އެފަދަ ބޮޑު އިޙްސާންތެރިކަމެއް ލިބިވަޑައިގަންނަވަމުން ދަނިކޮށްވެސް مسطح ވެސް ވަނީ السّــيّــدة عـائشـــة رضـــى الـلّــه عــنـــهـــا އާމެދު އެ ބުހުތާންދޮގު ވާހަކަ ފަތުރާ މީހުނާ ބައިވެރިވެވަޑައިގެންފައެވެ.)
މަގުމަތީން ކޮންމެވެސް އެއްޗެއްގައި އެކަމަނާގެ ފައިންޕުޅު ޖެހުމުން ސިހިވަޑައިގެން "مسطح އަށް ހަލާކު ހުއްޓެވެ." މިހެން ވިދާޅުވެއްޖެއެވެ. (އެފަދަ ޙާލަތްތަކުގައި އެކަހަލަ ޢިބާރާތް ބޭނުންކުރުމަކީ ޢަރަބީންގެ އާދައެކެވެ.) އަހަރެން ބުނެފީމެވެ. ހާދަ ރަނގަޅު މަންމައެކެވެ. ދަރިކަލުންނަށް އެއްޗެހި ވިދާޅުވަނީއެވެ. އަނެއްކާ އެއީ ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީއެކެވެ. އެކަމަނާ ވިދާޅުވިއެވެ. އެބައިމީހުން ދައްކައިއުޅޭ ވާހަކައެއް، ދަރިފުޅު އަޑެއް ނާހަމުހެއްޔެވެ؟ މިހެން ވިދާޅުވެފައި އެ ދޮގުވާހަކަ ފަތުރާ މީހުން ފަތުރަމުންދިޔަ ވާހަކަތައް އަހަންނަށް ވިދާޅުވެދެއްވިއެވެ. (މުނާފިޤުންގެ އިތުރަށް މުސްލިމުންގެ ތެރެއިންވެސް މަދު ބަޔަކުވަނީ އެ ފިތުނައިގައި ބައިވެރިވެފައެވެ. އޭގެތެރެއިން އެންމެ ފާޅުކަންބޮޑީ مسطح بـــن اثــاثــــة އާއި މުސްލިމުންގެ އަރާހުންނެވި ޝާޢިރު حسـان بـــن ثـــابت އާއި، حمـنــــة بـنـت جـحــش ގެ ދައުރެވެ.)
(ނުނިމޭ)