އޭޝިއަން ކަޕް

ޖަޕާން ކަޓުވާލައި އިރާން ސެމީއަށް، ގަތަރަށް ޕެނަލްޓީގައި ކާމިޔާބު

ގަތަރުގައި ކުރިއަށްދާ އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާގެ ފަހު މެޗުތައް އިރާނާއި ގަތަރުން ކާމިޔާބު ކޮށްފިއެވެ.

ގަތަރުގައި ކުރިއަށްދާ އޭޝިއަން ކަޕްގެ މިހާތަނަށް ހައިރާންކަން ގެނުވި ނަތީޖާތަކާއި ފޯރިގަދަ މެޗުތައް ފެނިގެން ގޮސްފައިވާ އިރު، އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ފެވަރިޓުން ޖަޕާން، އިރާން ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ޖަޕާނުގެ ހިދެމާސާ މޮރީޓާ ޖެހި ގޯލުން އެޓީމު ލީޑު ނެގި ނަމަވެސް، ދެވަނަ ހާފު ފެށިތަނުން މުހައްމަދު މޮހެބީ ވަނީ އިރާނަށް އެއްވަރު ކޮށްދީފައެވެ.

ދެވަނަ ހާފު ދާދި ހަމަހަމަކޮށް ދިޔަ ނަމަވެސް، ފަހު މިނެޓުގައި އިރާނުން ޖަޕާނު ރޮއްވާލިއެވެ. އިތުރު ވަގުތަށް ދާން ދަނިކޮށް، 95 ވަނަ މިނެޓުގައި އިރާނަށް ޕެނަލްޓީއެއް ލިބިފައިވާ އިރު، އެ ޕެނަލްޓީ ކާމިޔާބުކޮށް ސެމީ ފައިނަލަށް ގެންގޮސްދިނީ އަލީރެޒާ ޖަހަންބަކްޝްއެވެ. އަލީރެޒާއަކީ މީގެ ކުރިން ޕްރިމިއާ ލީގުގެ ބްރައިޓަންއަށް ކުޅުނު ކުޅުންތެރިއެކެވެ.

ރޭގެ މެޗަށް އިރާނުން ނުކުތީ ގަދަ 16 ގައި ރަތް ކާޑު ދެއްކި އެޓީމުގެ ތަރި، ޕޯޓޯގެ ފޯވަޑް މެހެދީ ތެރާމީ ނުލައެވެ.

ރޭގެ މެޗުގައި ޕެނަލްޓީއަށް ގޮސްގެން ގަތަރުން އުޒްބެކިސްތާން ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތަށް ކުޅެވެސް ނަތީޖާއެއް ނުނެރެވުނެވެ. އެހެންކަމުން ޖެހި ޕެނަލްޓީގައި ގަތަރުގެ ގޯލްކީޕަރު މެޝާލް ބަރުޝަމް ވަނީ ތިން ޕެނަލްޓީ މަތަކޮށް، ތަފާތު ދައްކައިފައެވެ.

މެޗުގެ 27 ވަނަ މިނެޓުގައި އުޒްބެކިސްތާންގެ ގޯލްކީޕަރު އުލްކިރް ޔުސުޕޯވް އަތުން ބައިކޮޅަށް ވަން ގޯލާއެކު ގަތަރުން ލީޑު ނެގި އިރު، އުޒްބެކިސްތާނުން ނަތީޖާ އެއްވަރުކުރީ އޮޑިލްޖޮން ހަމްރުބެކޯވް ޖެހި ގޯލުންނެވެ.

ޕެނަލްޓީގައި ގަތަރަށްވެސް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، އެޓީމުގެ ކީޕަރު ތަފާތު ދައްކައި މެޗު ކާމިޔާބު ކޮށްދިނެވެ.