އައިވޮރީ ކޯސްޓްގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ސެމީ ފައިނަލް ފަހު ދެ ޖާގަ، ދެކުނު އެފްރިކާ އާއި ހޯސްޓް އައިވޮރީ ކޯސްޓުން ހޯދައިފިއެވެ.
އެފްކޯންގެ ސެމީގެ ފުރަތަމަ ޖާގަތައް ކޮންގޯ އާއި ނައިޖީރިއާއިން ހޯދާފައި އޮތް އިރު، ރޭ ސެމީ ޔަގީންކުރި ހޯސްޓް އައިވޮރީ ކޯސްޓުން ސެމީ ޔަގީންކުރީ ކުއާޓާގައި އާދަޔާހިލާފު ގޮތަކަށް މާލީ ބަލިކޮށްގެންނެވެ.
ދެކުނު އެފްރިކާއިން ރޭ ކުޅުނު މެޗުގައި ކޭޕް ވާޑޭ ކައިރިން ޕެނަލްޓީގައި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނު އިރުވެސް ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުން، ޕެނަލްޓީއަށް ގޮސް ދެކުނު އެފްރިކާއަށް ތަފާތު ދެއްކީ ކީޕަރު ރޮންވެން ވިލިއަމްސްއެވެ.
ޕެނަލްޓީގައި ކޭޕް ވާޑޭގެ ބެބޭ އާއި ވިލީ ސެމެޑޯ، ލަރޮސް ޑުއާޓާ އަދި ޕެޓްރިކް އަންޑްރާޑޭ ޖެހި ޕެނަލްޓީތައްވެސް ދެކުނު އެފްރިކާގެ ގޯލްކީޕަރު ރޮންވެން ވިލިއަމްސް ވަނީ މަތަކޮށްފައެވެ. މެޗުގައި ދެކުނު އެފްރިކާގެ ގޯލްކީޕަރުގެ އިތުރު ގިނަ ސޭވްތަކެއްވެސް ފެނިގެން ގޮސްފައިވާ އިރު، 32 އަހަރުގެ ވިލިއަމްސްއަކީ މިވަގުތު މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ ފުރުސަތު ފަހި ކީޕަރެކެވެ.
ގްރޫޕް ސްޓޭޖުގެ ދަށް ނަތީޖާތަކާއެކު ކޯޗުވެސް ފޮނުވާލި އައިވޮރީ ކޯސްޓުން ހައިރާންކުރުވަނިވި ގޮތަކަށް މުބާރާތުގައި ކުރިއަށް ޖެހެމުންދާ އިރު، ރޭ ވަނީ އިތުރު މަންޒަރެއް ދައްކުވާލައިފައެވެ. މާލީ ކައިރިން 2-1 އިން މޮޅުވި އިރު، މެޗުގެ ފުރަތަމަ ހާފުގައި އައިވޮރީ ކޯސްޓްގެ އޮޑިލޮން ކައްސޯނޫއަށް ރަތް ކާޑު ދައްކާފައިވެއެވެ.
ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ އައިވޮރީ ކޯސްޓް ކޮޅަށް މާލީގެ ނެނޭ ޑޯގެލެސް، 71 ވަނަ މިނެޓުގައި ގޯލު ޖަހައި މޮޅުވާން ދަނިކޮށް، 90 ވަނަ މިނެޓުގައި އައިވޮރީ ކޯސްޓްގެ ސައިމޮން އަޑިންގްރާ މެޗު އެއްވަރު ކުރިއެވެ.
އެ ގޯލާއެކު މެޗު އިތުރު ވަގުތަށް ގޮސް، އައިވޮރީ ކޯސްޓުން މެޗުން މޮޅުވި ގޯލު ޖެހީ 122 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އޮމަރު ޑިއަކީޓޭ ޖެހި ގޯލެކެވެ. މެޗުގެ ފަހު ސިކުންތުގައި މާލީގެ ހަމާރީ ޓްރައޯރޭއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.