ބޮލީވުޑް

ޑަބަންގް ތިނަކުން ސަލްމާނަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ނެރެނީ

ސަލްމާން ޚާނަކީ ބޮލީވުޑަށް އަލަށް ތަރިން ނެރުމަށް މަގްބޫލު ތަރިއެކެވެ. އެންމެ ފަހުން ސަލްމާން ނެރުނު ތަރިންގެ ތެރޭގައި ޒަހީރު އިގްބާލު އަދި ޕްރަނުތަން ބާލް ހިމެނެއެވެ. އެ ތަރިން ފެނިގެން ދާނީ ފިލްމު ނޯޓްބުކް އިންނެވެ.

މިދުވަސްވަރު ސަލްމާން މަސައްކަތް ކުރަމުން އަންނަނީ ފިލްމު ޑަބަންގްގެ ތިންވަނަ ބައިގެ މަސައްކަތެވެ. މަހޭޝްވަރުގައި ފިލްމު ޝޫޓް ކުރަން ޖެހޭ ބައި ޝޫޓްކޮށް މިހާރު ވަނީ ނިމިފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޑަބަންގް ތިނެއްގައި ސަލްމާނަށް ބޮޑު ބޭބެ ކިޔާ ކުއްޖެއް ކަމަށްވާ އަލިޒާ އަގްނިހޯތްރީ ވެސް ފެނިގެންދާނެއެވެ.

އަލިޒާ އަކީ ސަލްމާންގެ ކޮއްކޮ އަލްވިރާ ޚާން އަދި ފިލްމު ޕްރޮޑިއުސަރު އަތުލް އަގްނިހޯތްރީގެ އަންހެން ދަރިއެވެ.

ނަމަވެސް އަދި ރަސްމީކޮށް މިކަމެއް ޔަގީންވެފައެއް ނުވެއެވެ. އަދި އަލިޒާވެސް ފިލްމުގެ ސެޓުން މިހާތަނަށް ފެނިފައެއް ނުވެއެވެ.

ސަލްމާންގެ އެންމެ އަވަހަަށް ދެން ރިލީސްވާން އޮތީ "ބާރަތް" އެވެ. އެ ފިލްމުން ކެޓްރީނާ ކައިފް އަދި ދިޝާ ޕަޓަނީވެސް ފެނިގެންދާނެއެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ އެ ފިލްމު ރިލީސްވާނީ ޖޫން ފަހެއްގައެވެ.