ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި އެއްބިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލު، ވިއްކާލާތަން ބަލަން ނުތިބޭނެ ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ސަރުކާރުން ހިންގި ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ދެ މަޝްރޫއު ކަމަށް ވިދާޅުވިއެވެ.
އަދި 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިސް ދިރާގާ ފެން ކުންފުނި ވިއްކާލި ގޮތަށް މިފަހަރު ދިވެހިންނަށް ގެއްލުންވާނެ ކަމެއް ނުކުރުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ވެރިކަމަށް ފަސް މަސް ވީ އިރު ދައުލަތަށް ލިބުނު 1.5 ބިލިއަން ރުފިޔާއަށް ވީނުވީއެއް ނޭނގުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ބަދަލުކުރަން ކުރީގެ އިދިކޮޅު ފަރާތްތައް ނުކުތްއިރު އެންމެ މަޝްހޫރުވި މަޖިލީހުގެ 12 މެންބަރަކާ މެދު ސަރުކާރުގެ އިހުލާސްތެރިކަން ފެނިފައި ނުވާ ކަމަށެވެ.
އަދި 12 މެންބަރުންނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ކެންޑިޑޭޓުން ނެރެ، މެންބަރުންނަށް ކުރިންވީ ވައުދުތައް ހަނދާން ނައްތާލި ކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަޖިލީހުގައި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވާހަކަދެއްކެވުމަކީ އެބޭފުޅުންނާ މެދު ސަރުކާރުގެ އިހުލާސްތެރިކަން ނެތް މިންވަރު ފެނިގެންދިޔަ ކަމެއް ކަމަށެވެ.
އަދި ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނަކީ އިދިކޮޅު އެންމެ ބޮޑު ކޯލިޝަނަށް ހަދާނެ ކަމަށާއި އެ ކޯލިޝަނަކީ ސަރުކާރު ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވާނެ ކޯލިޝަނަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.