(30 ޖެނުއަރީގެ އަދަދާ ގުޅޭ)
ޝައްކެއްނެތެވެ. ބިނާކުރަނިވި އިޞްލާޙީ ތަޙްރީކެއް އެންމެބޮޑަށް އަގުވައްޓައިލައި އެ ތަޙްރީކެއްގެ ޙުރުމަތް ކަނޑުވައިލެވޭނީ އެ ތަޙްރީކެއްގެ އިސްވާރުންގެ އަޚްލާޤީ ޝަޚްޞިއްޔަތަށްދޭ ޙަމަލަތަކުންނެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ތަޙްރީކެއްގެ ޤާއިދަކީ ޝަހްވާނިއްޔަތުގެ ޖިންނި އަވަލައިފައިހުންނަ މީހެކޭ އޭނާގެ ހަވަސް ފިލުވާކަށެއް ހަމައެއްނަމައަކަށް ނުބަލާނެޔޭ އޭނާ އަޚްލާޤީ މިންގަނޑަކަށް އިޙްތިރާމެއް ނުކުރާނެޔޭ އިދިކޮޅު ފަރާތްތަކުން ބުނާކަމުގައިވާނަމަ އެވާހަކަތައްވާނީ އޭނާގެ ބިނާކުރަނިވި މަސައްކަތަށް އެންމެ ގެއްލުންދެނިވި ޙަމަލަ ކަމުގައެވެ. އިސްލާމްދީނުގެ ދުޝްމިނު ޔަހޫދީންނާއި އެބައިމީހުންނަށް ފޮތްދަރާ މީހުން މި ބުހުތާނު ދޮގުގެ ވާހަކަ މަދީނާގައި ފަތުރައިލީ އެންމެ ފުޅަހުތުރު ގޮތުގައެވެ. އިންސާނިއްޔަތަށް އެންމެ ހެޔޮއެދިވަޑައިގަންނަވާ ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެތައްދުވަހެއް ވަންދެން އެކަމުގެ ހިތްޕުޅުދަތިކަމުގައި އުޅުއްވާން ޖެހިވަޑައިގެންނެވިއެވެ.
ޔަހޫދީންގެ ޕްރޮޕެގެންޑާތަކުން ބޭޗާރޭ މުސްލިމުންނަށްވެސް ލޯހުޅުވައިނުލެވޭވަރު ކުރިއެވެ. ޔަހޫދީންގެ އެޖެންޓުން މުސްލިމުންނާ ފޮށެ އަވާނިވާކުރާވަރުން މަގުމައްޗަށް ނުކުންނާން ދަތިވިއެވެ. އެޙާލަތުގައި މުސްލިމުންނަށް ތަސައްލީ ދެއްވައި ތަރުބިޔަތުކޮށްދެއްވީ ޚުދު އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެވެ. ކީރިތި ޤުރްއާނުގައި މި މައުޟޫޢުގައި ވަޙީކުރައްވައިފައިވާ އާޔަތްތަކަށް އިސްވެދިޔަ ޞަފުޙާތަކުގައިވަނީ އަލިއަޅުވައިލައިފައެވެ.
އިސްވެދިޔަތާނގައި ބަޔާންކުރި ފަދައިން ފިތުނަވެރި ޔަހޫދީންނާއި އެއުރެންގެ އެޖެންޓުންނަކަށް އިސްލާމީ ތަޙްރީކުގެ ކުރިމައްޗަކުންވެސް އަދި އެ ތަޙްރީކުގެ އަރިމައްޗަކުންވެސް އެ ތަޙްރީކުގެ ނަޒަރިއްޔާއަކަށްވެސް އަމާޒުފަތްގަނޑަކަށްވެސް ޙަމަލަދީގެން ކާމިޔާބެއް ނުހޯދެއެވެ. އެހެންކަމުން ޔަހޫދީންގެ ޝައިޠާނުންގެ ކުރިމަތީގައި ދެން އޮތީ އެ ތަޙްރީކަށް ފުރަގަހުން ޙަމަލަދިނުމެވެ. ބުރިކައްޓަށް ޚަންޖަރު ގޯޅައިލެވޭތޯ ހިންމަތްކުރުމެވެ. އެ ތަޙްރީކުގެ މުޖާހިދުންނާއި ތަޙްރީކުގެ ޤާއިދުގެ ސާފުތާހިރު ދާވަނިކޮޅުގައި މުޑުދާރު ލައްތަކެއް ޖެއްސޭތޯ މަސައްކަތްކުރުމެވެ. މިގޮތުން އިސްލާމީ ތަޙްރީކުގެ ޤާއިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އިސްތަށިފުޅުގައި އެޅުވި ތުހުމަތުތަކުގެ ތެރެއިން މަތީ މަޤާމަށް ދަހިވެތިވެވަޑައިގެންނެވުމުގެ އިލްޒާމުގެ ވާހަކައާއި، ދީނުގެ ފަރުދާގައި ނަފްސާނިއްޔަތުގެ އަލާކަނޑުއްވާން އުޅުއްވި ވާހަކަ އަޅުގަނޑު ވަނީ ބަޔާންކޮށްފައެވެ. އިސްލާމީ ދައުލަތުން ދީނީ ޝަޢާއިރެއްގެ ޙުރުމަތް ކެނޑުއްވިކަމުގައި އަޑުއަރުވައިލި އިއްތިފާޤީ ހާދިސާއެއްގެ ވާހަކަވެސް ވަނީ ބަޔާންކޮށްފައެވެ. އެ ސިލްސިލާގައި އިލާހީ ވަޙީގެ ޒަރީޢާއިން ޖަވާބު ދެއްވަމުން ގެންދެވިއިރުވެސް ޔަހޫދީންގެ ޢުދުވާނަކަށް ހުއްޓުމެއް ނުގެނެއެވެ. ޔަހޫދީންނާއި އެބައިމީހުން ތައްޔާރުކުރި ފަސްވަނަ ކޮލަމުގެ މީހުންގެ އައު އަމާޒުފަތްގަނޑަކަށް ހެދީ އިސްލާމީ ތަޙްރީކުގެ ޤާއިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ގެކޮޅުގެ ދެކުނުފަރާތެވެ. އިސްލާމީ އުންމަތާއި މުޅި އިންސާނިއްޔަތަށް މުޢާޝަރަތީގޮތުންނާއި އަޚްލާޤީގޮތުން މަރުކަޒީ ނަމޫނާއެއްގެގޮތުން ތަރުބިޔަތު ލިބިވަޑައިގެންނެވި އުންމަތުގެ މައިކަނބަލުންގެ ދާއިރާއެވެ. އައު އިސްލާމީ މުޖުތަމަޢުގެ "ހަތާ" ތައްޔާރުވަމުންދިޔައީ އެ މާޙައުލުގައެވެ. އެހެންކަމުން އިސްލާމީ މުޖުތަމަޢުގެ ހަސް ނައްތާލަންއޮތް އެންމެ މުޖައްރިބުގޮތަކީ އެ "ހަތާ" އަށް ޙަމަލަދީ ހަލާކުކޮށްލުމެވެ. ޔަހޫދީންނާއި އެބައިމީހުންގެ އެޖެންޓުންވަނީ އިސްލާމީ ތަޙްރީކުގައި އެ އެތިފަހަރުވެސް ޖަހައިފައެވެ. މި ދެކޮޅުވެރި ވޭންދެނިވި ޙަމަލައިގެ ނަމަކީ "އިފުކުގެ މައްސަލަ" އެވެ. ކީރިތި ޤުރްއާނާއި ސީރަތާއި ތާރީޚުގައި ޢިބްރަތެއްގެގޮތުން އިފުކުގެ މައްސަލަ ވަނީ ރެކޯޑުކުރެވިފައެވެ.
އެވަރުގަދަ ޠޫފާނުގެ ވާހަކަ ބަޔާންކުރުމުގެ ކުރީން އަޅުގަނޑު އަލިކަމެއް އަޅުވައިލެވޭތޯ މަސައްކަތްކުރާނީ އިސްލާމީ ތަޙްރީކުން ބިނާކުރަމުން ގެންދިޔަ ޞާލިޙު މުޖުތަމަޢުގައި އެ މުޖުތަމަޢަށް ލިބެމުންދިޔަ ހަރުދަނާ ތަރުބިޔަތާއެކުވެސް އެބޮޑު ބުހުތާން ދޮގު ޚަބަރު ފެތުރުމަށް މަގުފަހިވި ސަބަބާމެދުގައެވެ. އެ ވަރުގަދަ ޠޫފާނުގެ ރާޅުތައް އިސްލާމީ ތަންޒީމުގެ ކިއްލާއަށް ވަދެގަތީ ކޮންކޮން ބާގަނޑުގަނޑަކުން ނުވަތަ ކޮންކޮން ރެނދުތަކަކުންކަމުގެ މައްޗަށެވެ.
އިސްލާމީ ތަޙްރީކުގެ އިޖުތިމާޢިއްޔަތުގެ ނިޒާމުގެ ތެރޭގައި ނިރުބަވެރި ޙަމަލަތައްދީ ބައިބައިކުރުމުގެ ހައިޖާނު އުފައްދާން ޝައިޠާނުންނަށް ޚާއްޞަ މާޙައުލެއް ބޭނުންވެއެވެ. ބައެއްފަހަރު އެ މާޙައުލު އުފެދުނީ ޖަމާޢަތުގެ އިންތިޒާމީ ކަންކަމުގެ ތެރެއިން ނުވަތަ އަޚްލާޤީ އުސޫލުތަކުގެ ތެރެއިން ތަންކޮޅެއް ދޭސީކޮށް ދޫކޮށްލެވިފައި އޮންނަކަމަކުންނެވެ. ނުވަތަ އެވަގުތެއްގެ ޙާލަތު ލާޒިމުކުރާ މަޖްބޫރީއެއްގެ ސަބަބުން ނުބެއްދި ދޫކޮށްލެވިފައިހުންނަ ބާކޮޅަކުންނެވެ. ކޮންމެއަކަސް ފިތުނަ އުފައްދާނެ ކުޑަވެސް ޖާގައެއް ލިބޭއިރަށް ޝައިޠާނާ އެ ފުރުޞަތުގެ ބޭނުންކުރެއެވެ. އޭނާގެ މަސައްކަތް ވަރުގަދަޔަކަށް ހިންގައިލައެވެ. ޤުދުރަތުން މިދުނިޔޭގެ ކަންތައްތައް ރާއްވަވައިފައިވާ ޙިކުމަތުގައި ޝައިޠާނާއަށް އޭނާގެ މަސައްކަތް ހިންގައިލެވޭގޮތަށް ކޮންމެވެސް މިންވަރަކަށްވަނީ ޖާގަ ދެއްވައިފައެވެ. ކިތަންމެ ފުރިހަމަ ނަމޫނާ މުޖުތަމަޢެއް ކަމުގައިވިޔަސްވެހެވެ. އެގޮތުން އިންސާނީ ފިޠުރަތުގައިވަނީ ފިތުނައިގެ ސައިލު އެތެރެޔަށް ދެމިގަންނަފަދަ ބަލިކަށި ބައެއް ދިމަދިމާ ލައްވައިފައެވެ. ނަބީބޭކަލުން ތަރްބިޔަތުކުރައްވާ ޖަމާޢަތްތަކާމެދުވެސް އެ ޖަމާޢަތުގެ ތެރޭގައި ފިތުނަވެރި ބާރުތަކަށް މަސައްކަތްކުރެވޭނެ ކުޑަވެސް ޖާގައެއް ނުލިބޭނެކަމުގެ ކަށަވަރުކަމެއް ނުދެވޭނެއެވެ. އެންމެ ޞިއްޙަތު ރަނގަޅު ދުޅަހެޔޮ މީހުންވެސް ބައެއްފަހަރު އަރިދަފުސްއަޅާ ފަދައިންނެވެ. ނުވަތަ ހުންވަރިވަރި ވެލާފަދައިންނެވެ. އެކަމަކު ދިރުމުގެ ރޫޙު ހުންނަ ރަނގަޅު މުޖުތަމަޢުތަކާމެދު އެ މުޖުތަމަޢަކުން ބަލީން ދިފާޢުވުމުގައި ފަރުވާކުޑަކޮށް ނުލާނެކަމަށް އުންމީދު ކުރެވިދާނެއެވެ. ބަލިޖައްސާ ޖަރާސީމުތައް ބަލިކޮށް މަރައިލައި ބޭރުކޮށްލާނެކަމުގައި ކަށަވަރު ކުރެވިދާނެއެވެ. އެކަމަކު އެ މުޖުތަމަޢަކަށް ފަހަރެއްގައިވެސް ބައްޔެއް ނުޖެހޭނެކަމަކަށެއް ނުބެލެވޭނެއެވެ.
ޖަމާޢަތެއްގެ ނިޒާމުގެ ތެރޭގައި ފިތުނަފަސާދަ އުފައްދާން ޝައިޠާނާޔަށް ލިބޭ އެންމެފަހި ވެއްޓަކީ ނަޖުވާގެ ދާއިރާއެވެ. އިޖުތިމާޢީ ނިޒާމެއްގައި ނަޖުވާގެ އިޞްޠިލާޙީ މާނައަކީ މުޅި ޖަމާޢަތުގެ ކުރިމަތީގައި ފާޅުގައި ޚިޔާލުފާޅުކޮށް މަޝްވަރާދީ އިޢުތިރާޟުކޮށް ފާޑުކިޔައިހެދުމުގެ ބަދަލުގައި އެކިމީހުން ވަކިހިލޭވެ ކުދިކުދި ވިލިތައް ހަދައިގެން ޗުކުޗުކު އެޅުވުމެވެ. ނަޖުވާ އުފެއްދުމަކީ އިޖުތިމާޢީ ދިރިއުޅުމެއްގެ ތެރެއިން ނުބައިމަގަކުން ކުރިޔަށްދާން ފަށާފެށުމެކެވެ. ފާޅުގައި މަސައްކަތްކުރުމުގެ ބަދަލުގައި ވަންހަނާކޮށް ފޮރުވައިގެން ސިއްރު ސައްލާތައް ކުރާކަމުގައިވާނަމަ އެކަން އެންމެފަހުން ބަދަލުވެގެންދާނީ ނުބައި ރޭވުންތަކަކަށެވެ. މުޖުތަމަޢު ރޫޅައި ހަލާކުކޮށްލުމުގެ ޙަރަކާތްތަކަށެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ބެއްލެވުމުގެދަށުން ހިނގަމުންދިޔަ އިންސާނިއްޔަތަށް ނުހަނު ލާބައާއި މަންފާހުރި ތަޙްރީކުގެ ތެރޭގައިވެސް ނަޖުވާގެ ފަޒާއެއް އުފެދިފައި އޮތްކަމީ ޙަޤީޤަތެކެވެ. ޔަހޫދީންގެ މޭސްތިރިކަމުގައި މުނާފިޤުން އުފައްދައިފައިއޮތް ފަޒާއެކެވެ. އެފަޒާގައި އިސްލާމީ ތަޙްރީކުގެ ޤާއިދަށާއި ތަޙްރީކުގެ އިޚްލާޞްތެރި މެމްބަރުންނަށް ދުއްޕާންކޮށް އުނދަގޫކުރަމުން ގެންދިޔައެވެ. ކީރިތި ޤުރްއާނުގައި ތަކުރާރުކުރައްވައި އެކަމާމެދު ހޭލުންތެރިކުރައްވަމުން ގެންދެވިއެވެ. އެ ޖައްވު އުފެއްދި މީހުންނަށް ނަސޭހަތާއިވަސޭހަތް ދެއްވައި އިންޒާރުކުރައްވަމުން ގެންދެވިއެވެ. ވަޙީކުރައްވައިފައިވެއެވެ.
"އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗާއި، ވާހާކަމެއް اللّــــه ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ ތިންމީހަކު ސިއްރު ސައްލާއެއް ކުރާހިނދު، އެއުރެންގެ ހަތަރުވަނައަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެއެވެ. އަދި ފަސްމީހަކު ސައްލާ ކުރާހިނދު، ހަވަނައަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެއެވެ. އަދި އެއަށްވުރެ މަދު، ނުވަތަ ގިނަ ޢަދަދަކަށް ކޮންމެ ތަނެއްގައި އެއުރެންވިޔަސް، އެއުރެންނާއެކު اللّــــه ވޮޑިގެންނުވާ ތަނެއް ނުވެއެވެ. ދެން އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ވާހަކައިން ޤިޔާމަތްދުވަހުން އެއުރެންނަށް އެކަލާނގެ ޚަބަރު އަންގަވާނެތެވެ. ހަމަކަށަވަރުން، اللّــــه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (المـــجــادلـــة: 7)
"ސިއްރު ސައްލާކޮށް އުޅުން އެއުރެންނަށް ނަހީކުރައްވާފައިވާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެއުރެންނަށް ނަހީކުރެއްވި ކަންތައް ކުރުމަށް އެއުރެން އެނބުރި އާދެއެވެ. އަދި ފާފަވެރިކަމާއި، ޢަދާވަތްތެރިކަމާއި، رســـول އާއަށް ނުކިޔަމަންތެރިވުމަށް އެއުރެން ސިއްރު ސައްލާ ކުރެތެވެ. އަދި އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނަހިނދު، ކަލޭގެފާނަށް اللّــــه ސަލާމް ވަޙީނުކުރައްވާ ބަހަކުން އެއުރެން ކަލޭގެފާނަށް ސަލާމް ދަންނަވަތެވެ. އަދި އެއުރެންގެ އަމިއްލަ ނަފުސުތަކަށް އެއުރެން ބުނެތެވެ. ތިމަންމެން މިކިޔާ އެއްޗަކަށްޓަކައި اللّــــه ތިމަންމެންނަށް ޢަޒާބު ނުދެއްވަނީ ކީއްވެގެންހެއްޔެވެ؟ ނަރަކަ އެއުރެންނަށް ފުދެއެވެ. އެތަނަށް އެއުރެން ވަންނާނެތެވެ. ފަހެ އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ." (المـــجــادلـــة: 8)
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ސައްލާއެއް ކުރާހިނދު ފަހެ، ފާފަވެރިކަމާއި، ޢަދާވާތްތެރިކަމާއި، ރަސޫލާއަށް ނުކިޔަމަންތެރިވުމަށް ތިޔަބައިމީހުން ސައްލާ ނުކުރާހުށިކަމެވެ! އަދި ހެޔޮކަންތައް ކުރުމާއި، ތަޤްވާވެރިވުމަށް ތިޔަބައިމީހުން ސައްލާކުރާށެވެ! އަދި ތިޔަބައިމީހުން اللّــــه އަށް ތަޤްވާވެރިވާށެވެ! ތިޔަބައިމީހުން މަޙްޝަރުކުރައްވާހުށީ ހަމައެކަލާނގެ ޙަޟުރަތަށެވެ." (المـــجــادلـــة: 9)
"އީމާންވި މީހުންނަށް ހިތާމަދިނުމަށްޓަކައި ސިއްރު ސައްލާކޮށް އުޅުމަކީ ޝައިޠާނާގެ ކިބައިންވާ ކަމެއްކަން ކަށަވަރެވެ. އަދި اللّــــه ގެ އިޒުނަފުޅާލައިގެން މެނުވީ، އެ ޝައިޠާނާއަކަށް އެއްވެސްކަމަކުން އެއުރެންނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ފަހެ މުއުމިންތަކުން ހަމައެކަނި اللّــــه އަށް ވަކީލުކުރާހުށިކަމެވެ." (المـــجــادلـــة: 10)
"އެއުރެން ބުނެތެވެ. ތިމަންމެން ކިޔަމަންވަމުއެވެ. (ޖަމާޢަތުގެ ނިންމުން ޤަބޫލުކުރަމުއެވެ.) ފަހެ އެއުރެން ކަލޭގެފާނުގެ އަރިހުން ނުކުމެއްޖެނަމަ އޭގެތެރޭ ބަޔަކު ކަލޭގެފާނު ވިދާޅުވާގޮތް ނޫންގޮތަކަށް ރާވަތެވެ. އެއުރެން ރާވާގޮތް اللّــــه ލިޔުއްވަތެވެ." (الـنّسـاء: 81)
"އެއުރެން މީސްތަކުންނަށް ވަންހަނާވެގަނެތެވެ. އެކަމަކު اللّــــه ގެ ޙަޟުރަތަށް އެއުރެންނަކަށް ވަންހަނާވެއެއް ނުގަނެވެތެވެ. އެކަލާނގެ ރުހިވޮޑިގެންނުވާ ބަސްތައް އެއުރެން ވަންހަނާގައި ތަދުބީރުކޮށް އުޅޭހިނދު، އެއުރެންނާ އެކުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއުރެން ކުރާ ޢަމަލުތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللّــــه ވޮޑިގެންވެއެވެ." (الـنّسـاء: 108)
(ނުނިމޭ)