މުޙައްމަދު ޝަމްޢޫން
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ހދ. އަތޮޅު ފައިނަލަށް އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ނައިވާދުއާއި ނޮޅިވަރަން ދަތުރުކުރި އިރު، ނ. އަތޮޅުގެ ފައިނަލްގެ ޖާގަތައް މާފަރާއި ކެނދިކުޅުދޫން ހޯދައިފިއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ 8 މެޗެއް ކުޅެފައެވެ. އެއީ ނ. އަތޮޅުގެ ލީގު ބުރުގެ ފަހު ދެމެޗާއި ހދ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗު، ސ. އަތޮޅު ލީގު ބުރުގެ ދެމެޗުގެ އިތުރުން ރ. އަތޮޅުގެ ފައިނަލް މެޗު އަދި ބ. އަތޮޅުގެ ފުރަތަމަ މެޗެވެ.
ހދ. އަތޮޅުގެ ސެމީ މެޗުތައް ރޭ ފުރަތަމަ ކުޅެފައިވާ އިރު، ނޮޅިވަރަން ފައިނަލް ޔަގީންކުރީ ނޮޅިވަރަންފަރު ކައިރިން 4-1 އިން މޮޅުވެގެންނެވެ. މެޗުގައި ނޮޅިވަރަންގެ ގޯލުތައް ޖެހީ އަމްދާން އަލީ އާއި މުހައްމަދު އިބްރާހީމްގެ އިތުރުން ރިޝްވާން އިބްރާހީމާއި ސާލިމް މުހައްމަދެވެ. ނޮޅިވަރަންފަރުގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ މުހައްމަދު އަހްސަނެވެ.
އެންމެފަހުގެ ޒޯން އެކެއްގެ ޗެމްޕިއަން ނައިވާދޫން ރޭ ނޭކުރެންދޫ ބަލިކުރީވެސް 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނައިވާދޫގެ އަހުމަދު ހަމީދު ދެ ގީލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ޔާމިން މުހައްމަދު (ޔާންޓެ) އާއި އަބްދުﷲ ވިސާމެވެ.
ނޭކުރެންދޫގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ މުހައްމަދު ފަރްހާނެވެ.
ނ. އަތޮޅުން މިފަހަރު ފަސް ޓީމަކުން ވާދަކުރަމުން އަންނައިރު، ލީގު ބުރުގެ ފަހު ދެމެޗު ރޭ ވަނީ ކުޅެފައެވެ. ނ. އަތޮޅު ލީގު ބުރުގެ އެއްވަނަ މާފަރުން ހޯދި އިރު، ދެވަނަ ހޯދީ ކެނދިކުޅުދޫންނެވެ. މާފަރުން ރޭ ކުޅުނު މެޗުގައި 7-2 އިން ވެލިދޫ ބަލިކުރި އިރު، މާފަރުގެ އަފްރާހް މުހައްމަދު، އައްޒާމް އަބްދުﷲ، ޝާމިލް އަބްދުލް ރަޝީދު، ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. މާފަރުގެ އަނެއް ގޯލު ޖެހީ އިރުޝާދު އާދަމްއެވެ.
ވެލިދޫން މެޗުގައި ޖެހި ދެ ގޯލުވެސް ޖެހީ އިބްރާހީމް ޒިޔާނެވެ.
ކެނދިކުޅުދުއާއި ހޮޅުދޫ ކުޅުނު މެޗު ފޯރިގަދަކޮށް ފެނުނު އިރު، އެ މެޗުން ކެނދިކުޅުދޫ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އައްޒާމެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.