ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފ. އަތޮޅު ފައިނަލަށް ބިލެއްދުއާއި ދަރަނބޫދޫ ދަތުރުކުރި އިރު، ގދ. ފައިނަލަށް އެންމެފަހުގެ ރަނަރަޕް، ވާދޫވެސް ދަތުރު ކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރޭވެސް ވަނީ ހަތް މެޗެއް ކުޅެފައެވެ. އަށް މެޗު ކުޅެން ފުރަތަމަ ޝެޑިއުލްގައި އޮތް ނަމަވެސް، ދ. އަތޮޅު ހުޅުދެލިން ރޭގެ މެޗަށްވެސް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން މާއެނބޫދޫން ހުޅުދެއްޔާ ދެކޮޅަށް ކުޅެން އޮތް މެޗު، މާއެނބޫދުއަށް ވަނީ ލިބިފައެވެ.
ދ. އަތޮޅުގެ އިތުރުން ރޭ ވަނީ ފ. އަތޮޅުގެ ދެމެޗާއި ގދ. އަތޮޅުގެ ދެމެޗުގެ އިތުރުން، ހއ. އަތޮޅު ސެމީ ފައިނަލް ދެމެޗުވެސް ކުޅެފައެވެ.
ފ. އަތޮޅުގެ އަތޮޅު ބުރުގައިވެސް ފަސް ޓީމުން ވާދަކުރަމުންދާ އިރު، ފައިނަލަށް ދިޔަ ދެޓީމު ވަނީ ޔަގީންވެފައެވެ. އެއީ އެއްވަނައިގައި އޮތް ބިލެއްދުއާއި ދެވަނައިގައި އޮތް ދަރަނބޫދުއަށް ނުވަ ޕޮއިންޓް ލިބިފައި އޮތުމުންނެވެ. ބިލެއްދުއަށް އަދި މެޗެއްވެސް ބާކީ އޮތް އިރު، ތިންވަނައިގައި އޮތް ނިލަންދުއަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. އަދި ހަތަރު ވަނައިގައި އޮތް މަގޫދުއަށްވެސް ލިބިފައި ވަނީ ތިން މެޗުން ތިން ޕޮއިންޓެވެ. އެ ދެޓީމަށްވެސް ދެން ބާކީ މެޗެއް އޮތް އިރު، ދެން ފައިނަލަށް ފުރުސަތެއް ނެތެވެ. އަތޮޅު ލީގު ބުރުގައި މޮޅެއް ނުހޯދި ފުލުގައި އޮތީ ފީއައްޔެވެ.
ރޭ ފ. ދަރަނބޫދުއާއި ނިލަންދޫ މެޗު ފޯރިގަދަކޮށް ދިޔަ އިރު، އެ މެޗު ދަރަނބޫދުއިން ފަހުވަގުތު ގޯލު ޖަހައިގެން ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ. ނިލަންދޫގެ ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު، އަކްރަމް އިސްމާއީލް، އީޖާޒް އަބްދުލް ގާދިރު އަދި އަހުމަދު ޖަވާދު ޖެހި އިރު، އެޓީމުގެ އަނެއް ގޯލަކީ ދަރަނބޫދޫގެ މަހަފޫޒު އުމަރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ދަރަނބޫދޫގެ މުޒްދާން ހަސަން ރޭގެ މެޗުގައި ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ދެ ގޯލު ޖެހީ މުއައްލިމް އުމަރާއި މަހަފޫޒު އުމަރެވެ.
މަގޫދޫން ރޭ 4-2 އިން ފީއަލި ބަލިކުރި އިރު، އެ މެޗުގައި މަގޫދޫގެ އުލޫފް އަހުމަދު ހެޓްރިކް ހެދިއެވެ. މަގޫދޫގެ އަނެއް ގޯލު، މުހައްމަދު އަލްޔާނު އަބްދުﷲ ޖެހި އިރު، ފީއަލީގެ ގޯލުތައް ޖަހައިދިނީ ރަފްހާން އިބްރާހީމާއި ޒީދާން އަބްދުﷲއެވެ.
ގދ. އަތޮޅުގެ އަތޮޅު ބުރުގައި ހަތަރު ޓީމަކުން ވާދަކުރަމުންދާ އިރު، ވާދޫން ފައިނަލް ޔަގީންކުރީ ދެމެޗުން ހަ ޕޮއިންޓާއެކުގައެވެ. ވާދޫ ލީގު ބުރުގެ އެއްވަނައިގައި މިވަގުތު އޮތް އިރު، ދެވަނައިގައި އޮތް ތިނަދުއާއި ތިންވަނައިގައި އޮތް ހޯޑެއްދުއަށްވެސް ދެމެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ގައްދުއަށް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތް އިރު، އެއަތޮޅުން ފައިނަލަށްދާ ދެވަނަ ޓީމު އެނގޭނީ ތިނަދުއާއި ހޯޑެއްދު ވާދަކުރާ މެޗުންނެވެ. ވާދޫ ދެން ނުކުންނާނީ ގައްދުއާ ދެކޮޅަށެވެ.
ރޭ ވާދޫން ދެވަނަ މޮޅެއް ހޯދީ 6-1 އިން ހޯޑެއްދޫ ބަލިކޮށްފައެވެ. މެޗުގައި ވާދޫގެ މުހައްމަދު އިޔާދު އަލީއާއި މުހައްމަދު ނާއިލް، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ނަޝާހް އަހުމަދާއި އިބްރާހީމް ޝައުފް މުހައްމަދެވެ. ހޯޑެއްދޫގެ ގޯލު ޖެހީ ސައިން އަސްލަމެވެ.
ގދ. ތިނަދޫން ރޭ ގައްދޫ ކައިރިން ހަނި މޮޅެއް ހޯދި އިރު، އެ މެޗު 1-0 އިން ކާމިޔާބުކުރުމަށް ތިނަދޫގެ ގޯލު ޖަހައިދިނީ އިބްރާހީމް އަހުމަދެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.