(26 ޖެނުއަރީގެ އަދަދާ ގުޅޭ)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަލޭގެފާނުގެ ކޮއްކޯފުޅެއްކަމުގައިވާ السّــيّــدة زيـنـب މެދުވެރިކުރައްވައި އިސްލާމީ މުސާވާތުގެ މިސާލެއް ޤާއިމުކުރައްވަން ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވި ވާހަކަ ވަނީ ދެންނެވިފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދެވަނަޔަށްވެސް ޤަޞްދުކުރެއްވީ އެކަމަނާ މެދުވެރިކުރައްވައިގެން މުތަބަންނީކުރުމުގެ ޚުރާފާތު ނައްތައިލެވުމަށެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެގޮތަށް ޢަޒުމް ކަނޑައެޅުއްވީ އިޢުތިޤާދީގޮތުން އެކަމުގެ ފާފަވެރިކަމުގެ ބޮޑުކަމަށްޓަކައެވެ. އިޖްތިމާޢީގޮތުން މުޖްތަމަޢުގެ ދުޅަހެއިކަމަށް ފޯރާ ވިހަ އަސަރުގެ ސަބަބުންނެވެ. ނަމަވެސް ޢަރަބިކަރައިގައި އެމައްސަލައިގެ ނާޒުކުކަމުން، އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހުންނެވީ އެކަމާ ކުރިމަތިލައްވަން ކޮންމެވެސްވަރަކަށް ފަސްޖެހިވަޑައިގެންނެވިފައެވެ. އެކަލޭގެފާނު ހުންނެވީ ހިތްޕުޅުގައި އެކަން ވަންހަނާކުރައްވައިގެންނެވެ. އެހެންކަމުން، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހިތްޕުޅުގައި ވަންހަނާކުރައްވައިފައިވާ ކަންތައް، އަރަހުށި މާތް اللّــــه ކީރިތި ޤުރްއާނުގެ ޒަރީޢާއިން ފާޅުކުރައްވައި ޢާއްމުކުރެއްވިއެވެ. އެކަލާނގެ ވަޙީބަސްފުޅުގައިވަނީ މިދަންނަވާ ގޮތަށެވެ.
"އަދި اللّــــه ފާޅުކުރައްވާނޭ ކަންތައް، ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅުގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން ޙައްޤުކަންބޮޑީ اللّــــه ދެކެއެވެ." (ســــورة الأحـــــزاب: 37)
އާދެ، މާތް اللّــــه ގެ ޝަރީޢަތުގައި ހުއްދަކުރައްވައިފައިވާ ކަމަކާމެދު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވިސްނައިވަޑައިގަންނަވާގޮތް، މީސްތަކުންގެ ޖާހިލީ ތަޞައްވުރުގެ ސަބަބުން ދައްކާނެ ވާހަކަތަކަކަށްޓަކައި ވަންހަނާކުރެއްވުމަކީ މާތް اللّــــه ރުހިވޮޑިގެންނުވާ ކަމެއްކަން އެންގެވިއެވެ. ހަމައެއާއެކު ބަޔާންކުރެއްވިއެވެ. މުއުމިނުން އެއުރެން އަމިއްލަޔަށް ދަރީންކަމުގައި ހަދައިގެންއުޅޭ މީހުންގެ އަނބީންގެ ކިބައިން އެއުރެންގެ ބޭނުމެއް ފުއްދައި ވަރިކޮށްފިހިނދު، އެއަންހެނުންނާ ކާވެނިކުރުމަކީ ފާފައެއް ނޫނެވެ. اللّــــه ގެ އަމުރުފުޅަކީ ތަންފީޒުވާންޖެހޭ ކަމެކެވެ. (ســــورة الأحـــــزاب: 37)
މަޤްޞަދަކީ މުތަބަންނީކޮށް ލޭގެ ގުޅުމުގެ އަސްލެއްނެތި ކުރީއްސުރެ ދަރިންކަމުގައި ހަދައިގެންއުޅޭ "ދަރީން" ގެ ކަސްތޮޅުތަކުން މުއުމިނުން މިނިވަންކުރެއްވުމެވެ. އެހެންކަމުން، السّــيّــدة زيـنـب رضـــى الـلّــه عــنـــهـــا ގެ ޢިއްދަ ހަމަވުމާއެކު، ޚުދު މާތް اللّــــه سبحـــانــــه وتــعــــالــــى އެކަލާނގެ ނަބިއްޔާއާ السّــيّــدة زيـنـب رضـــى الـلّــه عــنـــهـــا އާ ކާވެނިކޮށްދެއްވިއެވެ. އެކަލާނގެ އަންގަވައިފައިވަނީ، "ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ." މިފަދައިންނެވެ. (ســــورة الأحـــــزاب: 37)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި، السّــيّــدة زيـنـب بـنت جحش ގެ ކާވެނިފުޅާމެދު އެޒަމާނުގައި މަދީނާގެ މުނާފިޤުންނާއި، ޔަހޫދީންނާއި، އޭގެފަހުން އިސްލާމްދީނުގެ ދުޝްމިނުން، ދިގުކޮށް ފުޅާކޮށް ސިފަހުތުރުކޮށްގެން ފަތުރަމުންގެންދާ ބުހުތާން ދޮގުވާހަކައިގެ ޙަޤީޤަތަކީ މިއީއެވެ. މި ކާވެނިފުޅުވުމާއެކު، ކުރީންވެސް ދަންނަވައިފައިވާ ފަދައިން، އިސްލާމްދީނުގެ ދުޝްމިނުން އެވާހަކަ ހިފައިގެން ދުއްވައިގަތްއިރު ހީވީ، ބޯކެޔޮވަލަކަށް ހުޅުލީހެންނެވެ. "ޅީދަރިކަނބަލަކާ ހިތްޕުޅާ ހަމަކުރައްވައި އެކަމަނާ ވަރިކުރުއްވައިގެން ކާވެނިބައްލަވައިގެންނެވި" ކަމަށް ހަދައިގެން ވާހަކަ ފަތުރައިލިއެވެ. ޔަހޫދީންނާއި މުނާފިޤުން އޭގެކުރީން ދޮގުވާހަކަތައް ފަތުރަމުން، އިޢުތިރާޟުކުރަމުން ގެންދިޔައީ އިސްލާމްދީނުގެ އިޢުތިޤާދީ މައްސަލަތަކާއި، ޢިލްމުލްކަލާމާއި ފިޤުހީ މައްސަލަތަކާ މެދުގައެވެ. ނަމަވެސް، މިފަހަރު ހަޑިމުޑުދާރު ދޮގު ޕްރޮޕެގެންޑާއެއް ފަތުރައިލީ، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މާތް ޚުލުޤުފުޅާ މެދުގައެވެ. އެމާތް ސާހިބާގެ ދިލައެއް މިލައެއްނެތް ރީތި ސުލޫކާ މެދުގައެވެ.
ޝައްކެއްނެތެވެ. ތެދުމަގަށް ދަޢުވަތުދޭ ފަރާތެއްގެ އަގުވައްޓައިލައި، އެފަރާތެއްގެ މަސައްކަތަށް ހުރަސްއަޅަން ކުރާ މަސައްކަތެއް އެންމެބޮޑަށް ކަމުފޮޅާނީ، އެފަރާތެއްގެ އަޚްލާޤީ ދާވަނި ކިލަނބުކޮށްގެންނެވެ. ޔަހޫދީންނާއި މުނާފިޤުން ރެއެއްދުވާލެއްނެތި މިވާހަކަތައް ފަތުރަމުން ގެންދިޔައެވެ. އިންސާނިއްޔަތުގެ އެންމެބޮޑު މުޙުސިން ބަދުނާމުކުރަމުން ގެންދިޔައެވެ. މުސްލިމަކު މަގުމަތީން ފެނުނަސް އެމީހަކަށްވެސް ފުރައްސާރަކޮށް، މަލާމާތް ކުރަމުންގެންދިޔައެވެ. އެހެންކަމުން، އަރަހުށި މާތް اللّــــه މުސްލިމުންގެ ހިތްތަކަށް ހަމަޖެހުން ދެއްވުމަށާއި، މުސްލިމުންނަށް ތަރުބިޔަތު ދެއްވުމަށް، ބައެއް ޙަޤީޤަތްތައް މުސްލިމުންނަށް ހަނދާންކޮށްދެއްވިއެވެ. އަރަހުށި މާތް اللّــــه ނަބީބޭކަލަކަށްޓަކައި މިންވަރު ކުރައްވައިފައިވާކަމެއް، އެބޭކަލަކު ކުރެއްވުމުން، ބަޔަކު ދައްކާ ދޮގުވާހަކަތަކަކީ ކުޑަވެސް ފަރުވާލެއް ބަހައްޓަންޖެހޭ ވާހަކަތަކެއް ނޫންކަން ބަޔާންކުރެއްވިއެވެ. އެކަލާނގެ ވަޙީބަސްފުޅުގައިވެއެވެ.
"اللّــــه، ނަބިއްޔާއަށް ހުއްދަކޮށްދެއްވި ގޮތާމެދު، އެއްވެސް ކުށެއް، ފާފައެއް އެނަބިއްޔާއަކަށް ނުވެއެވެ. (އެއީ) އިސްވެދިޔަ ނަބިއްޔުންގެ ތެރޭގައިވެސް، اللّــــه ކަންހިންގެވިގޮތެވެ. އަދި اللّــــه ގެ އަމުރުފުޅު އެއީ، ކަނޑައެޅި ނިޔާކުރައްވައިފައިވާ ނިޔާއެއްކަމުގައިވެއެވެ." (ســــورة الأحـــــزاب: 38)
ހަމައެފަދައިން، އަރަހުށި މާތް اللّــــه މިކާވެނިފުޅުގެ ކަންތައް މިންވަރުކުރެއްވީ ކީއްވެގެންކަންވެސް، ޞަރީޙު ބަސްފުޅުން ބަޔާންކޮށްދެއްވިއެވެ. އާދެ، އެއީ މުތަބަންނީން އިނދެވަރިކުރާ މީހުންނާ ކާވެނިކުރުމުގައި އެއްވެސް ހުރަހެއް ނެތްކަން ބަޔާންކުރެއްވުމެވެ. (ســــورة الأحـــــزاب ގެ 37 ވަނަ އާޔަތުގައިވާ މިކަމުގެ ޙުކުމް، އިސްވެދިޔަތާނގައިވަނީ ބަޔާންކުރެވިފައެވެ.) ހަމައެފަދައިން، އިތުރަށް ޞަރީޙަ ކުރެއްވުމަށްޓަކައި އިޢުލާން ކުރެއްވިއެވެ.
"ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محـمّــد ގެފާނު ނުވެއެވެ. އަކި ކީއްހެއްޔެވެ! (އެކަލޭގެފާނީ) اللّــــه ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللّــــه ވޮޑިގެންވެއެވެ." (ســــورة الأحـــــزاب: 40)
ހަމައެއާއެކު، މުނާފިޤުންނާއި ކާފަރުންގެ ވާހަކަތަކާމެދު އަޅުއްވައިނުލެއްވުމަށާއި، މާތް اللّــــه އަށް ބަރޯސާކުރެއްވުމަށް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށްވެސް އަމުރުކުރެއްވިއެވެ. ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
"އަދި ކާފަރުންނާއި، މުނާފިޤުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ އުނދަގޫތައް (ފަރުވާލެއް ނުބަހައްޓަވައި) ދޫކޮށްލައްވާށެވެ! އަދި اللّــــه އަށް ވަކީލު ކުރައްވާށެވެ! އަދި ވަކީލަކު ކަމުގައި اللّــــه ފުދެއެވެ." (ســــورة الأحـــــزاب: 48)
މި ތުހުމަތުގެ އަޑިޔާ ހަމައަށް އަޅުގަނޑުމެން ވިސްނުން ފޯރުވާއިރު، ތަބުނިއްޔަތު ހުއްދަކަމުގެ ނައްޞެއް އެއްކިބާގައި އޮއްވައި، އެފަދަ ޤަރީނާއެއްވިޔަސް މޫސަވީ ޝަރީޢަތަކުވެސް ނުވެއެވެ. ބައިބްލަކުވެސް އެކަން ހުއްދަކޮށްފައެއް ނުވެއެވެ. (އިސްލާމްދީނުގައި މުތަބަންނީންގެ ޙުކުމް ސޫރަތުލް އަޙްޒާބުގެ ހަތަރުވަނަ އާޔަތާއި ފަސްވަނަ އާޔަތުގައި އެވަނީއެވެ. އިސްލާމްދީން އެދެނީ، ޖާހިލިއްޔަތުގެ މި ރަސްމު އުވާލުމެވެ. ޖާހިލީ ޒަމާނުގައި އެކަމުގެ ޙައްސާސްކަން އޮތްވަރުން، އެކަމަށް ޚާއްޞަކުރެއްވީ، ސީދާ އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެވެ.)
ޔަހޫދީންނާއި ނަޞާރާއިން (ޚާއްޞަކޮށް ނަޞާރާއިން) މި ކާވެނިފުޅަށް އިއުތިރާޟުކުރަނީ، މި ކާވެނިފުޅުގެ ސަބަބުން އެބައިމީހުންގެ ޓްރިނިޓީގެ ޢަޤީދާގެ މައި މުލުގައި މުޅޯއިން ޖެހޭތީއެވެ. މާތް اللّــــه ގެ ދަރިކަލަކު ވާކަމުގައި، އެބައިމީހުން ކުރާ ދަޢުވާ ބާޠިލުވާތީއެވެ.
އިސްލާމްދީން ޞަރީޙު ބަހުން އިޢުލާންކޮށްފައިވަނީ، ތިމާއާ ސީދާ ލޭގެ ގުޅުން ގުޅި، ތިމާގެ ދަރިޔަކު ކަމުގައިވެފައިނުވާ މީހަކު، ތިމާގެ ދަރިޔަކަށް ނުވާނެކަމެކެވެ. ތިމާގެ ޙަޤީޤީ ދަރިޔަކަށްނުވާ މީހަކު، ތިމާގެ ދަރިޔެއްކަމަށް ހަދަންކުރާ ދަޢުވާއަކީ، މާސިންގާ ބުހުތާނެއްކަމެވެ. އެހެންކަމުން، އިންސާނަކު ބަނޑުއަޅައި ވިހައިފައިވާ އިންސާނަކާމެދު މާތް اللّــــه ގެ ދަރިކަލެއްކަމުގައި ބުނުންވާނީ ކަނޑައެޅިގެން ހުރި ބާޠިލު ކަމެއްކަމުގައެވެ. ރޯބުހުތާން ދޮގެއް ކަމުގައެވެ. މާތް اللّــــه އާ އިންސާނަކާ އެއްވެސް ޙައިޘިއްޔަތަކުން އެއްފަދަވެގެންނެއް ނުވެއެވެ. އެއްގޮތްކަމެއް ނުވެއެވެ. އިންސާނާއަކީ ފުރާނައަކާއި ޖިސްމެއްގެ އެކުވުމެކެވެ. އެތަކެއް ބޭނުންތަކަކާއި އެތަކެއް އެދުންތަކެއްގެ އަޅުވެތިކަމުގައި ހުންނަ މީހެކެވެ. އޭނާއަކީ އެންމެންގެ ލޯމަތީގައި، މީހެއްގެ ބަނޑުން އުފަންވާ މީހެކެވެ. ނުހަނު ބަލިކަށި ޙާލަތަކުން ޒުވާންފުރައަށް އަރައި، މުސްކުޅިވެ، ގައިބާރު ދޫވެ، ފަސްގަނޑުދަށަށް ދާންޖެހޭ މީހެކެވެ. އެފަދަ ފަރާތެއް ތާއަބަދަށް ދިރިދެމިވޮޑިގެންވާ، އެއްވެސް އެއްޗަކަށް ނުއުފަންނަ މަތިވެރި ޒާތުފުޅެއްގެ ދަރިކަލަކަށްވުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ.
އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، أمّ المــؤمــنـــيـــن السّــيّــدة زيـنـب بـنت جحش رضـــى الـلّــه عــنـــهـــا އާ ކާވެނިބެއްލެވުމުން، ކްރިސްޓިއަނުންގެ ލޯތަކަށް ހަމަނިދި ނައިސްގެން އުޅެނީ، އެކަމާ ހުރެއެވެ.
ޝައްކެއްނެތެވެ. ބިނާކުރަނިވި އިޞްލާޙީ ތަޙްރީކެއް އެންމެބޮޑަށް އަގުވައްޓައިލައި އެ ތަޙްރީކެއްގެ ޙުރުމަތް ކަނޑުވައިލެވޭނީ އެ ތަޙްރީކެއްގެ އިސްވާރުންގެ އަޚްލާޤީ ޝަޚްޞިއްޔަތަށްދޭ ޙަމަލަތަކުންނެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ތަޙްރީކެއްގެ ޤާއިދަކީ ޝަހްވާނިއްޔަތުގެ ޖިންނި އަވަލައިފައިހުންނަ މީހެކޭ އޭނާގެ ހަވަސް ފިލުވާކަށެއް ހަމައެއްނަމައަކަށް ނުބަލާނެޔޭ އޭނާ އަޚްލާޤީ މިންގަނޑަކަށް އިޙްތިރާމެއް ނުކުރާނެޔޭ އިދިކޮޅު ފަރާތްތަކުން ބުނާކަމުގައިވާނަމަ އެވާހަކަތައްވާނީ އޭނާގެ ބިނާކުރަނިވި މަސައްކަތަށް އެންމެ ގެއްލުންދެނިވި ޙަމަލަ ކަމުގައެވެ. އިސްލާމްދީނުގެ ދުޝްމިނު ޔަހޫދީންނާއި އެބައިމީހުންނަށް ފޮތްދަރާ މީހުން މި ބުހުތާނު ދޮގުގެ ވާހަކަ މަދީނާގައި ފަތުރައިލީ އެންމެ ފުޅަހުތުރު ގޮތުގައެވެ. އިންސާނިއްޔަތަށް އެންމެ ހެޔޮއެދިވަޑައިގަންނަވާ ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެތައްދުވަހެއް ވަންދެން އެކަމުގެ ހިތްޕުޅުދަތިކަމުގައި އުޅުއްވާން ޖެހިވަޑައިގެންނެވިއެވެ.
ޔަހޫދީންގެ ޕްރޮޕެގެންޑާތަކުން ބޭޗާރޭ މުސްލިމުންނަށްވެސް ލޯހުޅުވައިނުލެވޭވަރު ކުރިއެވެ. ޔަހޫދީންގެ އެޖެންޓުން މުސްލިމުންނާ ފޮށެ އަވާނިވާކުރާވަރުން މަގުމައްޗަށް ނުކުންނާން ދަތިވިއެވެ. އެޙާލަތުގައި މުސްލިމުންނަށް ތަސައްލީ ދެއްވައި ތަރުބިޔަތުކޮށްދެއްވީ ޚުދު އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެވެ. ކީރިތި ޤުރްއާނުގައި މި މައުޟޫޢުގައި ވަޙީކުރައްވައިފައިވާ އާޔަތްތަކަށް އިސްވެދިޔަ ޞަފުޙާތަކުގައިވަނީ އަލިއަޅުވައިލައިފައެވެ.
(ނުނިމޭ)