ދިވެހި ޅެން ބޭނުންކޮށްގެން ނަފުސާނީ ފަރުވާ ދެވޭނެ ގޮތެއް ހޯއްދަވަމުން ގެންދަވާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ޅެންވެރިންގެ ދުވަސް ފާހަގަކުރަން ގދ. ތިނަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދެއްކެވި ވާހަކައިގައެވެ. އެ ރޭ މިނިސްޓަރު ވިދާޅުވީ އެކަމަށް ކުރަން ޖެހޭ ދިރާސާތައް އެ އިދާރާއިން ކުރަމުން އަންނަ ކަމަށެވެ. އެއީ ކުރެވޭނެ ކަމެއް ކަމަށާއި ކުރަން ޖެހޭ ކަމެއް ކަމަށްވެސް އެކަމުގައި މިނިސްޓްރީއަށް އެހީތެރިވެދޭ ފަރާތްތައް ފާހަގަކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައީ އަލިފާން ފެތުރޭހާ ބާރަށެވެ. އިސާހިތަކު ޕޯސްޓުތައް ހަދައި އަޕްލޯޑުކުރުމާއި ޝެއާކުރަން ފެށިއްޖެއެވެ. ނަމަވެސް ސީރިއަސްކަމެއް އޭގެ ގިނަ ޕޯސްޓުތަކުންނެއް ނުފެނުނެވެ. މުޅީންވެސް ފެންނަނީ މަލާމާތެވެ. އިންޓަނެޓް "މީމް" ތަކާއި ޖޯކުތަކެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ ހޯދަން ދިއުމުން ތެރަޕިސްޓު ކިޔާނެ ޒާތްޒާތުގެ ޅެމާއި، ތެރަޕިސްޓުން ޅެން ކިޔަން ފެށުމުން ދެން ވާނެ ގޮތްގޮތުގެ ވާހައެވެ.
ނަމަވެސް މިއީ ސަމާސާއެއް ނޫނެވެ. "ޕޮއެޓްރީ ތެރަޕީ"އަކީ ނަފުސާނީ ދުޅަހެޔޮކަމުގެ ފަރުވާއަށް ބޭނުންކުރާ "އުކުޅެކެވެ." މިކަމާ ގުޅެގޮތުން އެކިއެކި ދިރާސާތައްވެސް ހަދާފައިވާއިރު، މިއީ ކާމިޔާބު އުކުޅެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ބުނެއެވެ.
"ރިސާޗް އޮން ރައިޓިން: އެޕްރޯޗެސް އިން މެންޓަލް ހެލްތު"ގެ ނަމުގައި ޝާއިއުކޮށްފައިވާ ފޮތެއްގައި ލިޔެފައިވާގޮތުން، މީހެއްގެ އިހުސާސްތައް ބުނެދޭން ގިނަފަހަރަށް އުނދަގޫވެއެވެ. ބައެއް ފަހަރު ތިމާއަށް މި ވަނީ ކިހިނެއްކަން ބަސްތަކުން ބުނެދޭން އުނދަގޫ ވެއެވެ. އެފަދަ ހާލަތްތަކުގައި ޅެން ވެގެންދަނީ މީހާގެ އިހުސާސްތައް ކިޔައިދޭން ނުވަތަ ސިފަކޮށްދޭން ބޮޑު އެހީއަކަށެވެ. ތިމާގެ އިހުސާސްތައް ސިފަކޮށްދޭ ލަވައެއް ނުވަތަ ޅެމަކުން ތިމާގެ ހާލަތު ދެނެގަނެވެއެވެ.
"ޅެމަކީ ކޮންމެ މީހެއްގެވެސް ތަފާތުކަން ދައްކުވައިދީ، ކޮންމެ މީހެއްގެވެސް ނަފުސާ މުއާމަލާތުކުރަން އެހީވެދޭ އެއްޗެއް." އެ ފޮތުގައި ލިޔެފައިވެއެވެ.
އެމެރިކާގެ ނެޝަނަލް ލައިބްރައީ އޮފް މެޑިސިންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ޅެމަކީ އިންސާނާއާ ސަބްކޮންޝަސް ލެވެލެއްގައި މުއާމަލާތުކުރާ އެއްޗެއް ކަމަށެވެ. ބައެއް ލަވަތައް ނުވަތަ ޅެންތައް އަޑުއިވުމުން މީހާއަށް ރޮވި ނުވަތަ އުފާވަނީ އެހެންވެގެންނެވެ.
ބައެއް މީހުންގެ ސިކުނޑީގައި ފުނިޖެހިފައިވާ ހިޔާލުތަކާއި ފިކުރުތައް ބަންޑުންކޮށްލާ "އައުޓްލެޓް" އެއްގެ ގޮތުގައި އާޓް ނުވަތަ ފަންނުވެރިކަމަކީ އެހީތެރިވެދޭ ވަސީލަތެކެވެ. ލަވަކިޔުމާއި ކުރެހުން ނުވަތަ ލިޔުމެވެ. ޅެމަކީވެސް މިފަދަ އައުޓްލެޓެކެވެ. ފަންނެއްގެ ޒަރީއާއިން ރީތި ބަހުރުވައިން ލިޔެލައި، ބޭރުކޮށްލާ ބަސްތަކަކާއެކު އެމީހެއްގެ އިހުސާސްތައް ދޫކޮށްލާއިރު ހިތްހަމަޖެހުން ލިބި، ސިކުނޑިއަށް ލުޔެއް ލިބެއެވެ.
ލިޔުންތަކުން އެނގޭގޮތުން ސާޖަންޓުންނާއި ތެރަޕިސްޓުންގެ މެދުގައި ޅެމަކީ މަގުބޫލު އެއްޗެކެވެ. އެގޮތުން، ބައެއް ޑޮކްޓަރުން އެމީހުންގެ ޕޭޝަންޓުންނަށް ކަންކަމާމެދު ކެތްކުރަން ދަސްކޮށްދޭން ޅެމުގެ ބޭނުންކުރާއެވެ. ޕޭޝަންޓުންނަށް އެމީހުންގެ ހަގީގީ ހާލަތު ފަސޭހައިން ދޭހަވާނެ ފަދަ ގޮތަކަށް ދައްކުވައިދިނުމަށް ޅެން ބޭނުންކުރެއެވެ.
މި މައުލޫއުގައި "ވަން"އާ ވާހަކަ ދައްކަވަމުން މި ދާއިރާގައި ފުންނާބު އުސް ކައުންސިލަރު، އަދި ނަފްސާނީ ދުޅަހެޔޮކަމާމެދު ހޭލުންތެރި ކުރުމަށް ވަކާލާތު ކުރައްވާ ހައްވާ ލީޝާ، އާންމު ނަމުން ނަމަ ލީޝް ވިޝާމް ވިދާޅުވީ ނަފުސާނީ ފަރުވާއަކީ ހަމައެކަނި ޑޮކްޓަރީ ފަރުވާއެއް ނޫން ކަމަށެވެ. އެގޮތުން ހިތްހަމަޖައްސައި ހިތް އުފާކޮށްލުމަށް އުފާވެރި ޅެމެއް އަޑުއަހާލުމުން ހިތް ހަމަޖެހޭކަމަށާއި މާޔޫސްވާ ހާލަތްތަކުގައި ދެރަވުމާއި މާޔޫސްކަމާ ގުޅޭ ޅެންތައް އަޑު އެހުމުން އެހެން މީހުންގެ އިހުސާސްތައް ދެނެގަނެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ނަފުސާނީ ބައެއް ޑޮކްޓަރުން ނުވަތަ ސައިކޮލޮޖިސްޓުން ޅެން ބައިތު ހުންނަ ފޮތްތައް ކިޔަން ރިކޮމެންޑު ކުރާ ކަމަށާއި މައުލޫމާތުން ފުރިފައިވާ އެކި ކަހަލަ ފޮތްތައް ކިޔަންވެސް އިރުޝާދު ދޭ ކަމަށެވެ.
"ޅެން ބައިތުން އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަން ފަސޭހަ، ވީމާ ތިމާ މީހާގެ އިހުސާސްތައްވެސް ބަލައިގަންނަން އަދި ދެނެގަންނަން އެހީއަކަށް ވޭ" ލީޝް ވިދާޅުވިއެވެ.
ލީޝް ވިދާޅުވިގޮތުގައި ޅެން ލިޔުމާއި ކިޔުމަކީ ނަފުސާނީ ބަލި ހުންނަ މީހުން އެކަމުން ރައްކާތެރިވުމަށް ދިގު މުއްދަތަކަށް އެހީވެދޭ ކަމެކެވެ. މީހާ މާޔޫސްވުމުގެ ކުރިން ހިޔާލުތައް ލިޔެލުމުން ނަފުސާނީ ދުޅަހެޔޮ މީހަކަށް ވާން މަގުފަހިކޮށްދޭ ކަމަށް ވިދާޅުވިއެވެ.
ޅެމަކީ ނަފްސާނީ ބަލިން ތައްކާތެރިވުމަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ޕްރޮމޯޓުކޮށް މީހުން ހޭލުންތެރި ކުރުވުމަކީ މިހާރުގެ ޕްރެކްޓިސް ތެރެއަށް ޅެމުން ދޭ ފަރުވާ އެކުލަވައިލެވޭނެ ގޮތެއް ކަމަށާއި ނަފުސާނީ ފަރުވާދޭ ތަންތަނުގައި "ތެރަޕިއުޓިކް ރައިޓިން" އަދި "ތެރަޕިއުޓިކް ރީޑިން" އަށް ހިތްވަރުދީ، އެފަދަ ވެބްސައިޓުތަކާއި ފޮތްތައް ކްލައިންޓުންނާ ހިއްސާކުރެވިދާނެ ކަމަށް ލީޝް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ތަރިކައިގެ ވަޒީރު އާދަމް ނަސީރުގެ ބަހެއްވެސް "ވަން" އިން ހޯދާލީމެވެ. މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީން މިހާރު ކުރަމުން ގެންދަނީ އެކަން ކުރެވޭނެތޯ ބެލުމަށް ކުރަން ޖެހޭ ދިރާސާތަކެވެ.
"ދިވެހި ޅެންވެރިކަން މެދުވެރިކޮށް ޕޮއެޓްރީ ތެރަޕީ ނުވަތަ ޕޮއެޓިކް ތެރަޕީ ރާއްޖެއަށް ތައާރަފުކުރުމަށް ޓަކައި މައިގަނޑު ދެ ކަމެއް ކުރަން ޖެހޭ. ފުރަތަމަ ކަމަކީ އެ ކަމުގެ އިލްމު ދިވެހި ބަހަށް ގެނައުން. ދެވަނަ ކަމަކީ ދިވެހި އުފެއްދުންތައް އުފެއްދުން. މި މަސައްކަތް ކަމާބެހޭ ވުޒާރާތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ދާނެ. ބައެއް ބައްދަލުވުންތައް ވަނީ މި ހަފުތާއަށް ތާވަލުކުރެވިފައި." މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެބާވަތުގެ ތެރަޕީއަށް ދިވެހި ބަހުން ކިޔާނެ ނަމެއްވެސް އުފައްދަން ޖެހޭ ކަމަށެވެ. އެ މަސައްކަތް ކުރައްވާނީ ދިވެހި ބަހުގެ އެކަޑަމީގެ ބަސް ކޮމިޓީ މެދުވެރިކޮށް ކަމަށާއި އެކަމަށް އެ އެކަޑަމީއަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.
ކޮންމެ ކަމަކީ ސަމާސާއެއް ނޫނެވެ. ޖޯކެއް ނޫނެވެ. ހާއްސަކޮށް ނަފުސާނީ ބަލީގެ ވާހަކަތަކަކީ މިހާރު ޖޯކަކަށް ނަގާވަރަށްވުރެ "ސީރިއަސް" ކަމެއްގެ ގޮތުގައި ބަލަން ޖެހޭ މައްސަލައެކެވެ. ރާއްޖޭގައި ނަފުސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކުގެ ވާހަކަ އާއި މިހާރު ލިބެން ހުރި ވަސީލަތްތަކުގެ ވާހަކައާއި ހިދުމަތުގެ ފެންވަރުގެ ވާހަކަތަކަކީ ދައްކައި ކޮޅުންނުލާ ވާހަކަތަކެކެވެ. މިފަދަ ކަމަކާ ގުޅުވައި ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރެވޭ ފެންވަރުގެ ބޭފުޅުން ދައްކާ ވާހަކަތަކާމެދު ވިސްނުމެއްނެތި ޖޯކު ޖެހުމުން މައްސަލަތަކާ މެދު އޮންނަ ސީރިއަސްކަން ގެއްލޭގޮތްވެއެވެ. ޅެމުން ފަރުވާ ލިބުމާއި ހޯދުމަކީ ސާތިބު ކަމެކެވެ. ޖޯކެއް ނޫނެވެ. ރާއްޖޭގައި ވެސް އެކަން ކުރާން އުޅުމަކީ އެ ކަމުން ހެޔޮ ފައިދާ ކުރާނޭ، އަދި މުހިންމު ކަމެކެވެ.