ވިޔަފާރި

އެސްޓީއޯއިން ރޯދައަށް ތަކެތި އަގު ހެޔޮކޮށް، ދޮޅުލައްކަ ރުފިޔާގެ އިނާމް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ އިން ރޯދަ މަހަށް ހާއްސަކޮށްގެން ވިއްކާ ގިނަ ބާވަތްތައް އަގު ހެޔޮކޮށް، 150،000 ރުފިޔާގެ އަގުހުރި އިނާމް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ފަށާފައިވަނީ މި އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ.

އެސްޓީއޯ އިން މިއަދު ބުނީ މި ޕްރޮމޯޝަނަކީ އެސްޓީއޯ ސުޕަމާޓް ފިހާރައިން ރީޓެއިލް ކަސްޓަމަރުންނަށާއި އަދި އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލް ކަސްޓަމަރުންނަށް ހިންގަމުން އަންނަ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަނާ ގުޅުވައިގެން އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ވަނީ ސުޕަމާޓުން އެތެރެކޮށް ވިއްކަމުންދާ ގިނައަދަދެއްގެ ބްރޭންޑްތަކުގެ ހޯލްސޭލް އަގުތައްވެސް ހެޔޮކޮށްފައެވެ.

އެގޮތުން އެސްޓީއޯ ސުޕަމާޓްގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ޗޮއިސް" ބްރޭންޑްގެ ބާސްމަތީ ހަނޑުލާއި ކައްކާތެލުގެ އަގު ވަނީ ބޮޑުތަނުން ހެޔޮކޮށްފައެވެ. ހެޔޮކުރި އަގުތަކަށް ބަލާއިރު، 430 ރުފިޔާއަށް ވިއްކި "ޗޮއިސް" ސިލްވާރ ބާސްމަތީ 1 ކިލޯގެ ކޭހެއް މިހާރު ވިއްކަނީ 370 ރުފިޔާއަށެވެ.

އަދި 500 ރުފިޔާއަށް ވިއްކި "ޗޮއިސް" ގޯލްޑް ބާސްމަތީ 1 ކިލޯގެ ކޭހެއް ވިއްކަނީ 450 ރުފިޔާ އަށެވެ. އަދި 430 ރުފިޔާއަށް ވިއްކި 5 ކިލޯގެ ކޭހެއް މިހާރު ވިއްކަނީ 400 ރުފިޔާއަށެވެ.

އަދި "ޗޮއިސް" ބްރޭންޑްގެ ކޮލިޓީ، ކައްކާ ތެލުގެ 1 ލީޓަރު، 2 ލީޓަރު، 5 ލީޓަރު އަދި 18 ލީޓަރުގެ ކޭހަކުން އެވްރެޖްކޮށް 15 ރުފިޔާ އާއި 30 ރުފިޔާގެ އަދަދަކުން މިހާރު ވަނީ އަގު ހެޔޮކޮށްފައެވެ. "ޗޮއިސް" ބްރޭންޑްގައި ހިމެނެނީ ކައްކާތެލާއި، ސަންފްލާވާ ތެލާއި، ބާސްމަތީ ހަނޑުލާއި، ޅަހަނޑުލުގެ އިތުރުން ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ އަގުހެޔޮ ޗޮއިސް ގެރިކިރު ކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

"ޗޮއިސް" ބްރޭންޑްގެ އިތުރުން ރޯދަމަހަށް ޚާއްސަކޮށް "އަލްނޫރް" ބްރޭންޑްގެ ހިކި ކިރާއި، "ޖަދީދާ" ބްރޭންޑްގެ މާޖިރީން، "އަލްއައިން" ބްރޭންޑްގެ ޓޮމާޓޯޕޭސްޓް، "ފްރަގާޓާ" ބްރޭންޑްގެ އޮލިވްއޮއިލް، "އަންކާރާ" ބްރޭންޑްގެ ޕާސްޓާގެ އިތުރުން ރޯދަ ވީއްލަން މިސްކިތްތަކަށް އެންމެގިނައިން ގެންދާ "އެލްސަބާ" ޖޫހުގެވެސް އަގުހެޔޮ ކޮށްފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި އަގުހެޔޮކުރި ހުރިހާ ބްރޭންޑް ތަކަކީވެސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަމާއި އިތުބާރު ލިބިފައިވާ ބްރޭންޑްތަކެއް ކަމަށާއި އަބަދުވެސް އެސްޓީއޯގެ އަމާޒަކީ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުން ކަމަށްވީ ހިނދު، އަގު ހެޔޮކުރެވުނު މުދާ އެސްޓީއޯ ސުޕަމާރޓުގެ އިތުރުން އެސްޓީއޯ ރީޖަނަލް 12 ފިހާރައިން މާލެ އާއި އެއްއަގެއްގައި ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މީގެއިތުރުން 150,000 ރުފިޔާގެ އަގުހުރި އިނާމު ހުށަހެޅިފައިވާ، އަދި 1500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކޮށްގެން ބައިވެރިވެވޭ މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކުރިއެކޭ އެއްގޮތައް މިހާރުވެސް އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން 500 ރުފިޔާއިން މަތިން ކުރާ ވިޔަފާރި، ހިލޭ ޑެލިވަރީ ކޮއްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.