ދުނިޔޭގެ އައިސީޓީ ދުވަހާ ގުޅިގެން ރާއްޖޭގެ ސުކޫލުތަކާއި ކޮލެޖްތަކުގެ ދަރިވަރުންގެ އިތުރުން އައިސީޓީ ދާއިރާއިން އަންހެނުން ކުރިއެރުވުމަށް ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.
ދުނިޔޭގައި އައސީޓީ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ ފަހު ބުރާސްފަތި ދުވަހެވެ. މިދުވަސް ރާއްޖޭގައި ފާހަރަގަކުރާ މިއީ ފުރަތަމަ ފަހަރެވެ.
''ގާލްސް އިން އައިސީޓީ'' ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއާއި ކޮމިއުނިކޭޝަން އޮތޯރިޓީއާއި ދިރާގާއި އުރީދޫ ފޯކަސް އިންފޯ ކޮމް، އަދި ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ކުރިއެރުވުމަށް މަސައްކަތްކުރަމުންދާ ޖަމިއްޔާއެއް ކަމަށްވާ ''ވިމެން އިން ޓެކް މޯލްޑިވްސް'' ގުޅިގެން ހަރަކާތްތަކެއް ހިންގަން ވަނީ ހަމަޖެހިފައެވެ.
ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ބުނި ގޮތުގައި މި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ އަހަރުގެ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ ސްކޫލުތަކުގައި އައިސީޓީ ދާއިރާއަށް އަންހެން ކުދިން ޝައުގުވެރި ކުރުވުމަށް އެ ދާއިރާގައި މިހާރު މަސައްކަތްކުރައްވައި އަންހެން ޕްރޮފެޝަނަލުން ވަޑައިގެން މައުލުމާތު ދެއްވާނެ ކަމަށް ބުނެފައިވެއެވެ.
އަދި ސުކޫލުތަކާއި ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނަށް ޓެކްނޮލޮޖީ ކުންފުނިތަކުގައި ވަޒީފާގެ ރޮނގުން ކުރިއަށް ދެވޭނެ ފުރުސަތު އަންގައިދިނުމުގެ ގޮތުން ބާއްވާ ސައިޓް ވިޒިޓްތައް ހިމެނޭނެ ކަމަށް ވެސް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.
އެ މިނިސްޓްރީން ބުނީ އެ ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ އަންހެނުން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިކޮށް މުޖުތަމައަށް ފައިދާ ކުރަނިވި، އަދި އިގްތިސޯދީ އަދި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުން ކަމަށެވެ.
މީގެއިތުރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ދިހަ އަހަރު އައިސީޓީ ދާއިރާއިން ކޮލިފައިވެފައިވާ މީހުން ނުލިބުމުގެ ސަބަބުން ދުނިޔޭގައި ދެ މިލިއަނަށްވުރެ ގިނަ ޓެކްނޮލޮޖީއާ ގުޅުންހުރި ވަޒީފާތައް އަދާކުރާނެ މީހުން ނުލިބޭނެ އެވެ.
އަދި ޔުނެސްކޯ އިން ފާހަގަކޮށްފައިވާ ގޮތުގައި އައިސީޓީ ދާއިރާއިން ގުރެޖްއޭޓްވާ މީހުންގެ ތެރެއިން އަންހެނުންގެ އިންސައްތަ އުޅެނީ އެންމެ ތިން ޕަސެންޓްގައެވެ.