ގޯލްޑަން ފުޓްސަލް ޗެލެންޖް

ނޮޅިވަރަންފަރާއި ނޮޅިވަރަން، ނޭކުރެންދޫ އަދި ޗެމްޕިއަން ނައިވައިދޫ އަތޮޅު ސެމީއަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހދ އަތޮޅުގެ ސެމީ ފައިނަލް ޓީމުތައް ޔަގީން ވެއްޖެއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، މިއަހަރު ހއ. އަތޮޅުން ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދިޔައީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ތިން ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އިރު، ރޭ ކުޅުނީ އެ އަތޮޅުގެ ކުއާޓާ ހަތަރު މެޗެވެ.

ނޭކުރެންދޫން ހަނިމާދުއާ ދެކޮޅަށް ނުކުތް އިރު، އެ މެޗު 3-0 އިން ނޭކުރެންދޫ ކާމިޔާބުކުރީ ދެވަނަ ހާފުގެ ދެ ގޯލާއެކުގައެވެ. ފުރަތަމަ ހާފުގައި މުހައްމަދު ވިލްފް ގޯލު ޖަހައި ނޭކުރެންދުއަށް ލީޑު ނަގައިދިން އިރު، އަނެއް ދެ ގޯލު ޖެހީ މުހައްމަދު ރާއިފް ފަޒީލާއި އަލީ އިފާޒެވެ.

އެންމެފަހުގެ ޒޯން އަދި އަތޮޅު ޗެމްޕިއަން ނައިވައިދޫން ސެމީ ޔަގީންކުރީ މަކުނުދޫ ކައިރިން 7-0 އިން މޮޅުވެގެންނެވެ. ނައިވައިދޫ އަބްދުﷲ ވިސާމް މެޗުގައި ހެޓްރިކް ފުރިހަމަ ކުރި އިރު، ދެން ގޯލުތައް ޖެހީ ޔާމީން މުހައްމަދު (ޔާންޓެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ އިތުރުން ހުސައިން މައިޝަން އަދި ހަސަން ތޯއިފެވެ.

ނޮޅިވަރަން ސެމީ ޔަގީންކުރި މެޗުގައި ވައިކަރަދޫ 3-1 އިން ބަލިކުރި އިރު، މެޗުގައި ނޮޅިވަރަންގެ ސާލިމް މުހައްމަދު ހެޓްރިކް ފުރިހަމަ ކުރި އިރު، ވައިކަރަދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު އަނީސެވެ.

އެންމެ ފޯރިގަދަކޮށް ދިޔަ ހދ. އަތޮޅުގެ ކުއާޓާ މެޗަކީ ނޮޅިވަރަންފަރާއި ނެއްލައިދޫގެ މެޗެވެ. އެ ކުރިމަތިލުން 3-3 އިން އެއްވަރުވެގެން ޕެނަލްޓީއަށް ގޮސްފައިވާ އިރު، ޕެނަލްޓީގައި ނޮޅިވަރަންފަރުން ނެއްލައިދޫ ބަލިކުރީ 9-8 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނެއްލައިދޫން ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގި އިރު، އެ ގޯލުތައް ޖަހައިދިނީ ހުސައިން ހާފިޒެވެ.

އޭގެފަހުން އަހުމަދު ސިޒާނާއި ނާއިޒް ހަސަން (ދާދު) ނޮޅިވަރަންފަރަށް ނަތީޖާ ހަމަހަމަކޮށްދީ މެޗު ފޯރިގަދަކޮށްލި އިރު، ހާފިޒު ހެޓްރިކް ފުރިހަމަކޮށް ދެންވެސް ލީޑު ނެގީ ނެއްލައިދޫއެވެ. އެހެން ނަމަވެސް، މެޗު ނިމެން ދަނިކޮށް، އަހްޒަމް މުހައްމަދު ރަޝީދު ނޮޅިވަރަންފަރަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ދެޓީމުންވެސް ކާމިޔާބު ކަމާއެކު ޕެނަލްޓީ ޖަހަމުން ގޮސް، ނެއްލައިދޫއަށް ހަވަނަ ޕެނަލްޓީ ނާކާމިޔާބުވީ ހުސައިން ހާޒިމް އަތުންނެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރީންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.