(23 ޖެނުއަރީގެ އަދަދާ ގުޅޭ)
السّــيّــدة زيـنـب رضـــى الـلّــه عــنـــهـــا އާއި އެކަމަނާގެ ޢާއިލާގެ ބޭފުޅުން ކުރީއްސުރެ ދެކެވަޑައިގަންނަވަމުން ވަޑައިގެންނެވި ހުވަފެންފުޅަކީ، ޚުދު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، السّــيّــدة زيـنـب އާ ކާވެނިބައްލަވައިގެންނެވުމެވެ. މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައި ކަންއޮތްގޮތް ނުހަނު ސާފެވެ. ޝަރީޢަތުގައި މިކަމުގެ އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް، ކުރީގެ ޖާހިލީ އާދަކާދައާއި ޤަބޫލުކުރުންތަކުން ބާރު ހޯދައިގެން ޔަހޫދީންނާއި އެއުރެން އުފެއްދި ފަސްވަނަ ކޮލަމުގެ މީހުން އުފައްދާނެކަން ޔަޤީންވާ ޕްރޮޕެގެންޑާގެ ޠޫފާނެއްގެ އެކަށޭނަކަން ވަރަށްބޮޑަށް އޮތެވެ.
މުތަބަންނީ ކުރުމަކީ ޢަރަބިކަރައިގެ އިތުރަށްވެސް، ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި އެދުވަސްވަރު ވަރަށްބޮޑަށް ޢާއްމުވެފައި އޮތްކަމެކެވެ. އެކަމަކީ ޢަޤީދީގޮތުންނާއި، އިޖްތިމާޢީގޮތުން ވަރަށްގިނަ ނޭދެވޭ އަސަރުތަކެއް މުޖްތަމަޢަށް ފޯރަމުން ދިޔަކަމެކެވެ. އަރަހުށި މާތް اللّــــه އިސްލާމްދީން މެދުވެރިކުރައްވައި މިބާވަތުގެ އެހެންވެސް ނުރަނގަޅު ކަންތައްތައް އިޞްލާޙުކުރެއްވިފަދައިން އެކަލާނގެ ނިޔާފުޅުގައިވަނީ މުތަބަންނީ ކުރުމުގެ ސަބަބުން މުޖްތަމަޢުގައި އުފެދިފައިވާ އުމަގަށްވެސް ޝިފާދެއްވުމަށެވެ.
މުތަބަންނީ ކުރުމަކީ ކުރިންވެސް ދެންނެވިފަދައިން، އަނެކެއްގެ ދަރިޔަކު ތިމާގެ އުފަން ދަރިޔެއްކަމުގައި ކަނޑައަޅައި އެގޮތަށް އެކުއްޖަކާމެދު މުޢާމަލާކުރުމެވެ. ޢާއްމުގޮތެއްގައި އެކަންކުރަނީ އެކުދީންގެ އުފަން ބައްޕައިންގެ ރުހުމާވެސް އެކުގައެވެ. މުތަބަންނީ ކުރުމުން މުތަބަންނީ ކުރެވޭ މީހާ އޭގެފަހަކުން ތިމާގެ ޙަޤީޤީ ބައްޕަޔަކަށް ތިމާ ނިސްބަތެއް ނުކުރެއެވެ. މުތަބަންނީ ކުރާމީހާ، މުތަބަންނީ ކުރެވުނު ކުއްޖާއާ މުޚާޠަބުކުރާނީ ތިމާގެ އުފަން ދަރިޔެއްގެ ގޮތުގައެވެ.
އެދުވަސްވަރު ވަރަށްގިނަބަޔަކު އެކަންކުރަމުން ގެންދިޔައީ ހެއްދެވި ފަރާތުގެ ޤުދްރަތްޕުޅަށް ފާޅުގައި ގޮންޖެހުމުގެ ގޮތުންވެސްމެއެވެ. މުތަބަންނީ ކުރާމީހާ ނުހަނު ބޭއަދަބީގޮތެއްގައި ބިރެއްނެތި ފާޅުގައި ބުނެއުޅުނެވެ. "ތިޔަފަރާތުން އަހަންނަށް ފިރިހެން ދަރިޔަކު ނުދެއްވިކަމުގައިވިޔަސް ފަރުވާލެއްނެތެވެ. އެކަމުން އަހަންނަށް ލިބުނު ދެރައެއްނެތެވެ. އަހަރެން ދަރިޔަކު ހޯދައިފީމެވެ." (نــعــــوذ بـــاللّــــه)
މިބޮޑުސިންގާ ފާފަވެރި ޢަމަލުގެ އިތުރަށް، މިދަންނަވާ އިޖްތިމާޢީ ބަލިމަޑުކަންވެސް އެކަމުގެ ސަބަބުން މުޖްތަމަޢުގައި ފެތުރެމުންދިޔައެވެ.
1. މި ޖާހިލީ ރަސްމުގެ ސަބަބުން ޙަޤީޤީ ޢާއިލީ ވާރިޘުންގެ ޙައްޤުތަކަށް ނުހަނު ވިހައަސަރުތަކެއް ދިޔައީ ފޯރަމުންނެވެ. އެހެނީ ޙަޤީޤީ ވާރިޘުންނަކީ ލޭގެ ތިމާގެކަމުގެ ސަބަބުން ޤުދްރަތީ ޤާނޫނެއްގެ ދަށުން އުފެދޭ ބަޔެކެވެ. މުތަބަންނީ ކޮށްގެން މަސްނޫޢީގޮތެއްގައި ބޭރުންގެނެސް ވާރިޘުންގެ ތެރެއަށް އެވެއްދެނީ އެ ޢާއިލާއެއްގެ ޙަޤީޤީ ވާރިޘެއް ނޫނެވެ. ޢާއިލީ މަސައްކަތުން އުފައްދައި ދަރިދަރިކޮޅުން ޙިއްޞާކުރަމުން އަންނަ ހަރުމުދަލާއި ރައުސުމާލުން ބައި އެ ދެވެނީ ޙަޤީޤަތުގައި އެތަކެތި ޙައްޤުނުވާ ފަރާތަކަށެވެ. ނަތީޖާއަކަށްވަނީ މުޅި ޢާއިލާގެ ތެރޭގައި ދެކޮޅުވެރިކަމާއި ޢަދާވަތްތެރިކަން އަށަގަތުމެވެ. ދުވަހަކު ނިމުމެއްނާންނަ އަރާރުންގަނޑެއް އުފެދުމެވެ.
2. މުތަބަންނީކޮށްގެން ދަރިޔަކަށް ހަދާމީހާއަކީ އެޢާއިލާއެއްގެ ޢާއިލީގަހުގައި "އިނޮސްކިއުލޭޝަން" (INOSCULATION) ގެ ޒަރީޢާއިން ރޯކުރެވޭ ގޮތްޕެކެވެ. އާދެ އެއީ "އަނބުގަހެއްގައި ރޯކުރެވޭ ދުނބުރި ގޮފިގަނޑެކެވެ." އެހެންކަމުން ކިތަންމެ ވަރަކަށް ދޮންކުރިޔަސް، ދުނބުރިޔެއް އަނބަކަށް ނުވެއެވެ. ޚުދު މުތަބަންނީ ކުރެވުނު މީހާގެ ހިތާއި ނަފްސަށްވެސް ދާއިމީގޮތެއްގައި ކަށިހެރެމުންދަނީ، އޭނާ އަލަށް ވެއްދުނު ޢާއިލާއާ އޭނާއާ އެއްވެސް ޙަޤީޤީ ގާތްތިމާގެކަމެއް ނެތްކަމުގެ އިޙްސާސެވެ. ތިމާއާ އެ ޢާއިލާއާ ގުޅުވައިފައިވަނީ ބިންގަލެއްނެތް މަތިމަތީގެ އާދަކާދަތަކެއްކަމުގެ ޙަޤީޤަތުގެ ހިތިކަމެވެ. އޭނާއަށް އޭނާގެ ޙަޤީޤީ އަޚުން އުޚްތުން އޭނާއަށްވުރެ ތަނަވަސްކަމާއި ތިޔާގިކަމުގައި އުޅޭތަން ފެނިއްޖެނަމަ އެމީހުންދެކެ ޙަސަދަވެރިވެވެއެވެ. ހަމައެފަދައިން އޭނާގެ ޙަޤީޤީ އަޚުންނާއި އުޚުތުންނަށް އެއުރެންނަށްވުރެ ރަނގަޅު ދިރިއުޅުމެއް މުތަބަންނީ ކުރެވުނު މީހާ އުޅޭތަން ފެނިއްޖެނަމަ، އެމީހުންނަށްވެސް ޙަސަދަވެރިވެވެއެވެ. ޢަދާވަތްތެރިވެވެއެވެ.
3. މުތަބަންނީ ކުރާމީހާ އޭނާ މުތަބަންނީކުރާ ކުއްޖާ ކުޑައިރު ކިތަންމެ ލޯބިން ގެންގުޅުނުކަމުގައިވިޔަސް، އެކުއްޖާ ބޮޑުވާއިރު ތިމާގެ ޢާއިލީ ސިފަތަކާއި ޚާއްޞިއްޔަތުތައް، މުތަބަންނީގެ ކިބައިން ނުފެނުމުން އެކަމާ ހިތްކުޑައިވެއެވެ. މާޔޫސްވެއެވެ. ތިމާގެ މުތަބަންނީއާ ތިމާގެ މައިންބަފައިންނާއި އަޚުން އުޚުތުންނާ އޮންނަ ގުޅުމުގެ ފެންކަން ފެންނާންފެށުމުން ހިތުގެއަޑީން ހިތާމަކޮށް ނޯށުން ރޮވެއެވެ.
4. މުތަބަންނީކުރެވޭ ކުއްޖާގެ ޙަޤީޤީ ބައްޕަޔަކަށް އޭނާގެ މޭގެ އެއްފަޅިކަމުގައިވާ ދަރިފުޅާ ފުރިހަމަ މާނައިގައި ގުޅުންކަނޑައެއް ނުލެވެއެވެ. ތިމާގެ ލޭދެކެވާ ލޯބި ބޭރުފުށުގެ ރަސްމެއްގެ ސަބަބަކުން ހިތަކުން ފިލުވައެއް ނުލެވެއެވެ. ތިމާގެ ދަރިފުޅުގެ "ފަޔަށް ކައްޓެއް ހެރުނުކަން" އެނގުނަސް، އެކަމުގެ ތެރެއަށް ވަދެވެއެވެ. އެދަރިފުޅު އަނެކަކު މުތަބަންނީކުރަން ހުއްދަދެވުނީތީ އަމިއްލަ ނަފުސަށް މަލާމަތްކޮށް ލަޢުނަތްދެވެއެވެ.
މިދެންނެވި ގޮތްގޮތުން ބަލާއިރު، މުތަބަންނީ ކުރުމުން ކޮންމެ ތަނަކުންވެސް ލިބެނީ ނުހަނު ވިހަ، ނުހަނު ހިތި މޭވާތަކެކެވެ. އެހެންކަމުން އެޒަމާނުގެ ޢަރަބީންގެ ތެރޭގައިވެސް ޢާއްމުވެފައިއޮތް ބުނުމަކީ މުތަބަންނީ ކުރުމަކީ އިސްތަށީގައި ކުލަޖެއްސުންކަހަލަ ކަމެއްކަމުގައެވެ. ބޯކަޅުކުރުންފަދަ ކަމެއްކަމުގައެވެ. ޢަރަބި ޝާޢިރުން ބުނަމުންއައީ، އިސްތަށީގައި ޖައްސާ ކުލައަކީ ކޮންމެވެސް ދުވަހަކުން ފިލައިގެންދާނެ އެއްޗެއް ކަމުގައެވެ.
ކަންމިހެން ހުރިކަމުގައިވިޔަސް، މިވިޔާނުދާ އާދަ ދުނިޔޭގައި ޢާއްމުވެފައިއޮތްލެއް ވަރުގަދަކަމުންނާއި އެކަމާގުޅޭ ޤަބޫލުކުރުންތައް ހުރިގޮތުން ޢަރަބީންގެ ތެރެއިން މިއާދަ އުވައިލުންވެފައިއޮތީ ފަރުބަދައެއް މުލުންލުހެ ރަތްކަނޑަށް އެއްލައިލުންފަދަ ކަމަކަށެވެ. އެކަމަކީ ކޮންމެކޮންމެ މީހަކަށް އުފުލަށް ކުޅަދާނަވާވަރުގެ ކަމެއްނޫނެވެ. އެހެންކަމުން އަރަހުށި މާތް اللّــــه މި އަފޫރުއްބަ ފަރުބަދަ އުފުއްލެވުންވެސް މަތިކުރެއްވީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަލޭގެފާނުގެ ކޮއްކޯފުޅެއްކަމުގައިވާ السّــيّــدة زيـنـب މެދުވެރިކުރައްވައި އިސްލާމީ މުސާވާތުގެ މިސާލެއް ޤާއިމުކުރައްވަން ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވި ވާހަކަ ވަނީ ދެންނެވިފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދެވަނަޔަށްވެސް ޤަޞްދުކުރެއްވީ އެކަމަނާ މެދުވެރިކުރައްވައިގެން މުތަބަންނީކުރުމުގެ ޚުރާފާތު ނައްތައިލެވުމަށެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެގޮތަށް ޢަޒުމް ކަނޑައެޅުއްވީ އިޢުތިޤާދީގޮތުން އެކަމުގެ ފާފަވެރިކަމުގެ ބޮޑުކަމަށްޓަކައެވެ. އިޖްތިމާޢީގޮތުން މުޖްތަމަޢުގެ ދުޅަހެއިކަމަށް ފޯރާ ވިހަ އަސަރުގެ ސަބަބުންނެވެ. ނަމަވެސް ޢަރަބިކަރައިގައި އެމައްސަލައިގެ ނާޒުކުކަމުން، އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހުންނެވީ އެކަމާ ކުރިމަތިލައްވަން ކޮންމެވެސްވަރަކަށް ފަސްޖެހިވަޑައިގެންނެވިފައެވެ. އެކަލޭގެފާނު ހުންނެވީ ހިތްޕުޅުގައި އެކަން ވަންހަނާކުރައްވައިގެންނެވެ. އެހެންކަމުން، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހިތްޕުޅުގައި ވަންހަނާކުރައްވައިފައިވާ ކަންތައް، އަރަހުށި މާތް اللّــــه ކީރިތި ޤުރްއާނުގެ ޒަރީޢާއިން ފާޅުކުރައްވައި ޢާއްމުކުރެއްވިއެވެ. އެކަލާނގެ ވަޙީބަސްފުޅުގައިވަނީ މިދަންނަވާ ގޮތަށެވެ.
"އަދި اللّــــه ފާޅުކުރައްވާނޭ ކަންތައް، ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅުގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން ޙައްޤުކަންބޮޑީ اللّــــه ދެކެއެވެ." (ســــورة الأحـــــزاب: 37)
(ނުނިމޭ)