ސައުދު ހުސައިން

ސައުދުގެ ބަންދުގެ މުއްދަތު އިސްތިއުނާފު ކުރުމަށް ހުށަހެޅިތާ ދެ އަހަރު ފަހުން ޝަރީއަތް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ބަންދުގެ މުއްދަތު އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅިތާ ދެ އަހަރު ފަހުން ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މާދަމާ ހެނދުނު 9:40ގައި އިސްތިއުނާފު ޝަރީއަތަށް ހާޒިރުވާން ސައުދަށް ވަނީ އަންގައިފައެވެ.

ސައުދު ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މަޖިލީހުގެ އިދާރާއަށް ވަނުމުން 2017 ވަނަ އަހަރުގެ ޖުލައި 28 ވަނަ ދުވަހުއެވެ.

ހައި ކޯޓުން ފޮނުވި ޗިޓުގެ ފޮޓޯއާއެކު ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުން މަޖިލިސް ހިޞާރުކުރުމުން ގެއްލިގެންދިޔަ ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަޖިލީހަށް ވަނުމުން ޖަލުގައި ބަންދުކުރި މައްސަލައިގައި ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 19 މަސް ދުވަސް ފަހުން ބަންދާ މެދު ގޮތެއް ނިންމުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މަޖިލީހުގެ އިދާރާއަށް ވަނުމުން ސައުދާއެކު އޭރު ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް ހައްޔަރުކުރިއެވެ.