ގޯލްޑަން ފުޓްސަލް ޗެލެންޖް

މާފަރަށް އުންމީދު، ހޮޅުދޫ ފެށީ މޮޅަކުން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ނ. އަތޮޅުގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް މާފަރާއި ހޮޅުދޫން ކާމިޔާބު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި މިއަހަރުގެ މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާ އިރު، ރޭ ފުރަތަމަ ކުޅުނީ ނ. އަތޮޅުގެ ދެމެޗެވެ. ނ. އަތޮޅުން މުބާރާތުގައި ފަސް ޓީމު ބައިވެރިވެފައިވުމުން، އެ އަތޮޅުގެ ޗެމްޕިއަންކަން ކަނޑައަޅާނީ ލީގު ބުރަށްފަހު ކުޅެވޭ ފައިނަލް މެޗުންނެވެ.

ރޭ މާފަރުން ކުޅުނު މެޗުގައި މިލަދޫ ކައިރިން 3-2 އިން މޮޅުވި އިރު، އެ އަތޮޅުގެ ލީގު ބުރުގައި ހޮޅުދޫން ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ވެލިދޫ ބަލިކުރިއެވެ. މާފަރުން ފުރަތަމަ ކުޅުނު މެޗުގައި ކެނދިކުޅުދޫ ކައިރިން ބަލިވެފައި އޮވެގެން ރޭގެ މެޗަށް ނުކުތް އިރު، މޮޅަކާއެކު ވަނީ ހިތްވަރު އާވެފައެވެ. އަނެއްކޮޅުން ހޮޅުދޫ ރަނގަޅު ފެށުމަކުން ފެށި އިރު، ރޭގެ ބައްޔަކީ ވެލިދުއަށް ކުރިމަތިވި ދެވަނަ ބައްޔެވެ.

ހޮޅުދޫން ހޯދި މޮޅުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް އަފްލާހާއި އަބްދުލް ވަދޫދެވެ.

މިލަދުއާއި މާފަރުގެ މެޗު ފޯރިގަދަކޮށް ދިޔަ އިރު، މެޗުގައި މިލަދޫގެ ހަސަން އަބްދުލް ސަމަދާއި އަލީ ފަރީދު ދެ ގޯލު ޖަހައި ލީޑުގައި ކުޅެމުން ދަނިކޮށް މާފަރުން ނަތީޖާ ބަދަލުކޮށްލީ ފަހުކޮޅުގައެވެ. މާފަރުން ފުލުފުލުގައި ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލި އިރު، އެޓީމުގެ ގޯލުތައް ޖެހީ އައިހަމް ހަމްދޫނާއި އައްޒާމް އަބްދުﷲ އަދި އިބްރާހީމް ޒަކަރިއްޔާއެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މިރޭވެސް މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާނެއެވެ.