ގޯލްޑަން ފުޓްސަލް ޗެލެންޖް

މަހިބަދޫއާއި މަންދޫ އަތޮޅު ސެމީއަށް، ގަމާއި މާބައިދޫއަށްވެސް މޮަޅެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ކުޅެމުންދާ އިރު، ރޭ ކުޅުނު އދ. އަތޮޅުގެ މެޗުތަކުން މޮޅުވެ، މަންދޫއާއި މަހިބަދޫ އަތޮޅު ސެމީ ފައިނަލް ޔަގީންކުރި އިރު، އެންމެފަހުގެ ޗެމްޕިއަން ލ. ގަމުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބު ކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުތަކުގައި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ކުރިއަށްދާ އިރު، ރޭވެސް ވަނީ އަތޮޅު ބުރުގެ 8 މެޗު ކުޅެފައެވެ. އެއީ ނ. އަތޮޅުގެ ދެމެޗާއި ލ. އަތޮޅުގެ ދެމެޗުގެ އިތުރުން އދ. އަތޮޅުގެ ހަތަރު މެޗެވެ.

މުބާރާތުގައި މިއަހަރު އދ އަތޮޅުން 8 ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ރޭ ފެންފުއްޓާއި ކުނބުރުދޫ ވާދަކުރި މެޗު ފެންފުށިން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގައި ދަނގެއްޗާއި މާމިގިލި ވާދަކުރި މެޗު ނިމުނީ 4-3 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް މާމިގިލިން ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު، އެ ގްރޫޕުގައި ފެންފުއްޓާއި ދަނގެތިން ވަނީ މޮޅެއް ހޯދައިފައެވެ. ޕޮއިންޓަކާއެކު އޮތީ ކުނބުރުދޫއެވެ.

ރޭ މާމިގިއްޔާއި ދަނގެތި ވާދަކުރި މެޗުގައި މާމިގިލީގެ ގޯލުތައް ޖަހައިދިނީ އިބްރާހީމް މައިސާނާއި ހިސާމް ސަލީމް (ކޮކީ)، އަހުމަދު ނިޒާމް އަދި ޒަޔާން ނަސީރެވެ. ދަނގެތީގެ ތިން ގޯލުވެސް ޖަހައިދިނީ މުހައްމަދު ޝާއިފް ޝާމިރެވެ.

ފެންފުއްޓާއި ކުނބުރުދޫ ވާދަކުރި މެޗުގައި ފެންފުށީގެ އަސްލަމް އާދަމް ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ އަބޫބަކުރު މުހައްމަދާއި މޫސާ މުހައްމަދު އަދި ހަމްދޫން ވަލީދެވެ. ކުނބުރުދޫގެ ގޯލުތައް ޖެހީ މުހައްމަދު ސަމާހު މޫސާ ފަތުހީއެވެ.

އދ. އަތޮޅުގެ ގްރޫޕް ދޭއްގައި ރޭ މަހިބަދޫން 7-1 އިން ހަންޏާމީދޫ ބަލިކުރި އިރު، މަންދޫން ވަނީ 1-0 އިން އޮމަދޫ ބަލިކޮށް ދެވަނަ މޮޅެއް ހޯދައިފައެވެ. ގްރޫޕުގައި މަންދޫއާއި މަހިބަދޫ ދެ މޮޅު ހޯދައި އަތޮޅު ސެމީ ޔަގީންކުރި އިރު، އެއްވަނަ ޔަގީންވާނީ ދެ ޓީމު ކުރިމަތިލާ މެޗުންނެވެ.

ރޭ މަންދޫން އޮމަދޫ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ޖެހީ އާދަމް ޝިޔާން މުހައްމަދެވެ.

މަހިބަދޫގެ މެޗުގައި އެޓީމަށް ގޯލުތައް ޖަހައިދިނީ ޝުއައިދު ސައީދާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު)، އަހުމަދު ޒިފާން އިބްރާހީމް، އަހުމަދު އުސާމާ ހަސަން މަޖީދު، މުހައްމަދު ޝާރިހު އަދި އިބްރާހީމް ނޫރައްދީނެވެ. ޝުއައިދު މެޗުގައި ދެ ގޯލު ޖެހިއިރު، ހަންޏާމީދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޝުޖާއުއެވެ.

ލ. އަތޮޅުން މިފަހަރު ނުވަ ޓީމަކުން ވާދަކުރާ އިރު، އެއަތޮޅުގެ މެޗުތައްވެސް ކުޅެމުން އަންނަނީ ދެ ގްރޫޕަކަށެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުގެ ޗެމްޕިއަން ގަން ހިމެނޭ ގްރޫޕް އެކެއްގެ ދެމެޗު ރޭ ކުޅުނު އިރު، ގަމުން މާވަށް ބަލިކުރީ 2-0 އިންނެވެ. މާބައިދޫން ދެވަނަ މޮޅު ހޯދީ ރޭ ކަލައިދޫ 4-0 އިން ބަލިކޮށްފައެވެ.

މާބައިދު މިހާތަނަށް ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހޯދައި ސެމީއާ ގާތަށް ޖެހިލި އިރު، މާވަށަށްވެސް އަދި ފުރުސަތު އެބައޮތެވެ. އެއީ މޮޅެއް ހޯދައިފައި އޮތުމުންނެވެ. ދަނބިދުއާއި ގަން މިހާތަނަށް އެންމެ މެޗެއް ކުޅުނު އިރު، އެޓީމަށްވެސް އަދި ފުރުސަތު އޮތީ ފަހިކޮށެވެ.

ރޭ މާބައިދޫގެ ގޯލުތައް ކަލައިދޫ ކޮޅަށް ޖެހީ އަހުމަދު ފިރާޝްއާއި ހަސަން ނިމާލެވެ. ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު މެޗުގައި ޖެހި އިރު، މޮޅު ހޯދުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އެވެ.

ގަމުން މާވަށް ބަލިކުރި މެޗުގައި ގަމުގެ ގޯލުތައް ޖެހީ އަހުމަދު ހަލީމާއި ޒައިދާން އަބްދުﷲ (ޒައިއްކޮ) އެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެ އެވެ. ފުޓްސަލް ކުޅުންތެރީންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މިރޭވެސް މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާނެއެވެ.