ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ތ. އަތޮޅުގެ އަތޮޅު ބުރުގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުން ހިރިލަންދޫ އާއި ތިމަރަފުށި، ބުރުންޏާއި ކިނބިދޫ މޮޅުވެއްޖެއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ތ. އަތޮޅުން މިފަހަރު ވަނީ 10 ޓީމު ބައިވެރިވެފައެވެ. އެ އަތޮޅުގެ އަތޮޅު ބުރު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ގްރޫޕެއްގައި ފަސް ޓީމު ހިމެނެއެވެ.
ތިމަރަފުށިން ތ. އަތޮޅު ގްރޫޕް ދޭއްގައި ފުރަތަމަ ކުޅުނު މެޗުގައި ހިރިލަންދޫ ބަލިކޮށްފައި އޮތް އިރު، އިއްޔެ ހަވީރު ވޭމަންޑޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގޯލުތައް ޖަހައިދިނީ އާދަމް ނާސިހު (އާދަންނާ) އާއި އިބްރާހީމް ހަމްދާން (ހަމްދެ) އެވެ.
ފުރަތަމަ މެޗުގައި ތިމަރަފުށި ކައިރިން ބަލިވެފައި އޮތް ހިރިލަންދޫން އިއްޔެ ހަވީރު ކުޅުނު މެޗުގައި 5-2 އިން ގުރައިދޫ ބަލިކުރި އިރު، އެއީ ގުރައިދޫގެ ދެވަނަ ބައްޔެވެ. ހިރިލަންދޫން އިއްޔެ ހަވީރު ކުޅުނު މެޗުގައި އެޓީމަށް ގޯލުތައް ޖަހައިދިނީ މުހައްމަދު ރިފްޝާނާއި އަހުމަދު މުފީދު އަދި އަބްދުﷲ ފައިޒާނެވެ. ރިފްޝާނާއި މުފީދު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.
ގުރައިދޫގެ ގޯލުތައް މެޗުގައި ޖެހީ އަހުމަދު ރަފްހާން މުހައްމަދާއި ހައްމާދު ނަސީމެވެ.
ތ. އަތޮޅު ގްރޫޕް އެކެއްގައި ފުރަތަމަ ކުޅުނު މެޗުވެސް ކާމިޔާބު ކޮށްފައި އޮތް ބުރުނިން އިއްޔެ ހަވީރު ކުޅުނު މެޗުގައި ގާދިއްފުށި ބަލިކުރީ 5-4 ގެ ނަތީޖާއަކުންނެވެ. ގާދިއްފުށިން ކުޅުނު ފުރަތަމަ މެޗުގައި އޮމަދޫ އަތުން ބަލިވެފައި އޮތް އިރު، އިއްޔެގެ ދެވަނަ ބައްޔާއެކު އެޓީމަށް ވަނީ އުނދަގޫ ހާލަތެއް ދިމާވެފައެވެ.
ބުރުނިން އިއްޔެގެ މެޗު ފަހު ވަގުތުކޮޅުގައި ކާމިޔާބުކުރި އިރު، އެއްވަރު އެއްވަރުކޮށް ދިޔުމުން މެޗު ވަނީ ފޯރިގަދަ ވެފައެވެ. ބުރުނީގެ ގޯލުތައް މުހައްމަދު ޝާމާއި މަސްއޫދު ޝަބީން، މުހައްމަދު ނާހިލް ނޫހް އަދި މަހްމޫދު ސަލީމް ޖެހި އިރު، މަހުމޫދު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ގާދިއްފުށީގެ ގޯލުތައް ޖެހީ ހަސަން ރަޝީދާއި މުހައްމަދު އައިހަމް، ހުސައިން ޒާހިރު އަދި އިބްރާހީމް ސިރާހް އަބްދުއް ސައްތާރެވެ.
އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ތ. ކިނބިދޫން ގްރޫޕް އެކެއްގައި ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ވިލުފުށީގެ މައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. ކިނބިދޫގެ އިބްރާހީމް އިމްރާހް (އިންމި) މެޗުގައި ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު ހަމްދާން ހުސެއިނެވެ. ވިލުފުށީގެ ގޯލުތައް ޖެހީ އިބްރާހީމް އައިހަމް އާއި އަހުމަދު ރައްޔާނެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށް ދާނެއެވެ.