ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ރ. އަތޮޅު ބުރުގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުން ދުވާފަރާއި އަލިފުށި މޮޅުވި އިރު، ގއ. ދާންދޫން އެންމެފަހުގެ ޗެމްޕިއަން މާމެންދޫ ބަލިކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ރ. އަތޮޅުގެ ގްރޫޕް އެކެއްގައި ދުވާފަރުން ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ 6-0 އިން މަޑުއްވަރި ބަލިކޮށްގެންނެވެ. އެ މޮޅާއެކު މިހާތަނަށް ކުޅުނު ދެ މެޗުވެސް ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު، އެޓީމުން ވަނީ އަތޮޅު ސެމީ ފައިނަލާ ގާތަށް ޖެހިލައިފައެވެ.
ރ. އަތޮޅު ގްރޫޕް އެކެއްގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައި އޮތް އަލިފުށިން އިއްޔެ ކުޅުނު މެޗުގައި 2-1ގެ ނަތީޖާއަކުން މީދޫ ބަލިކޮށްފައިވާ އިރު، އަލިފުއްޓަށް ވަނީ އުންމީދެއް ލިބިފައެވެ.
ދުވާފަރުން މަޑުއްވަރި ބަލިކުރި މެޗުގެ ގޯލުތައް ޖަހައިދިނީ އިސްމާއީލް އީސަ (މެސީ)އާއި އަހުމަދު އީސަ، މުސްލިމް މުހައްމަދު، އަހުމަދު އީރާސް، އަބްދުﷲ ލޫތު އިބްރާހީމެވެ. މެސީ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
އަލިފުށިން މީދޫ ބަލިކުރި މެޗުގައި އަލިފުށީގެ ގޯލުތައް ޖަހައިދިނީ އަހުމަދު ހުޝާމެވެ. މީދޫގެ ގޯލަކީ އަލިފުށީގެ އިބްރާހީމް ސަލާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އިއްޔެ ހަވީރު ގއ. އަތޮޅުގެ ގްރޫޕް އެކެއްގެ ދެ މެޗުވެސް ކުރިއަށް ގޮސްފައިވާ އިރު، ކޮނޑޭއިން މުބާރާތް ފެށީ ގެމަނަފުއްޓާ 2-2 އިން އެއްވަރުކޮށްގެންނެވެ. ފުރަތަމަ މެޗުން މޮޅުވެފައި އޮތް ގެމަނަފުށީގެ ގޯލުތައް މެޗުގައި ޖެހީ ހުސައިން ތާއިމާއި މުހައްމަދު ސާހިލް އިބްރާހީމެވެ. ކޮނޑޭގެ ގޯލުތައް ޖެހީ އަލީ ފާރިހް މުހައްމަދާއި މުހައްމަދު އައިސަރެވެ.
ފުރަތަމަ މެޗުން ބަލިވެފައި އޮތް ދާންދޫން އިއްޔެ އެންމެފަހުގެ ޗެމްޕިއަން މާމެންދުއާ ދެކޮޅަށް ނުކުތް މެޗު 1-0 އިން ކާމިޔާބުކުރި އިރު، މިހާތަނަށް މިއަހަރު ކުޅުނު ދެ މެޗުންވެސް މާމެންދޫ ވަނީ ބަލިވެފައެވެ. އިއްޔެގެ މެޗުގައި ދާންދޫން ޖެހި ގޯލަކީ މާމެންދޫގެ ޝަމްވީލް މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.