ރައްޔިތުންގެ މަޖިލިސް

ގާނޫނުއަސާސީއަށް އަމަލު ކުރުމުގެ ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނަށް އިނާޔަތް ދޭބިލް ކޮމިޓީއަކަށް ފޮނުވައިފި

އިބްރާހިމް ޒަކީ

އިސްލާހުކޮށް 2008 ވަނަ އަހަރުންފެށިގެން އަމަލުކުރަންފެށި ގާނޫނުއަސާސީއަށްވުރެ ކުރިން ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކެއް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް މި އިސްލާހު ބަލައިގެންފައިވަނީ، ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 31 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި މި އިސްލާހު މަޖިލީހުން ބޭރު ކުރުމަށް 15 މެންބަރުން ވޯޓު ދެއްވިއެވެ.

މި ބިލް ދިރާސާ ކުރުމަށް ފޮނުވި ވަގުތީ ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމު އަހުމަދާއި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމެވެ.

މި ކޮމިޓީ މަޖިލީހުން މިއަދު ފާސް ކޮށްފައިވަނީ، ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 27 މެންބަރުން ވޯޓު ދެއްްވައިގެންނެވެ.

މި ބިލުގައި ބުނެފައިވަނީ، ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ތިއްބެވި އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން މަގާމުން ވަކިވާ ހިސާބުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ލިބެން ވާނެ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހިމަށް އިޝާރާތް ކުރައްވައި، ރިޔާޒު ބިލުުގައި ވިދާޅުވެފައިވަނީ، ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމުގެ ކުރިން ހުންނެވި އުއްތަމަ ފަނޑިޔާރަކީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރުމުގައި ދެމި ހުންނެވި ފަނޑިޔާރަކަށްވެފައި، އެ އުއްތަމަ ފަނޑިޔާރަކީ ކުށަކާލައިގެން ވަކި ކުރެވުނު ފަނޑިޔާރެއް ނޫން ކަމަށެވެ.