ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމުން އިިނާޔަތް ދޭންޖެހޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.
ބިލް ހުށަހަޅުއްވައިދެއްވަމުން ރިޔާޒު ވިދާޅުވީ، ޝަރަފްވެރި ގޮތުގައި ރިޓަޔާ ކުރާ ބޭފުޅުންނަށް ލިބޭ އިނާޔަތްތައް ކަށަވަރުކަމާއެކީ ލިބޭގޮތަށް އޮތުމަކީ މުހިއްމު ކަމެއް ކަމަށެެވެ. އަދި ދައުތަށް ގިނަ ދުވަހު ހިދުމަތްކުރައްވާ ބޭފުޅުން ޝަރަފުވެރިކަމާއެކު އުޅުމުގެ ފުރުސަތަކީ ހަމަހަމަކަމާއެކީ ދޭންޖެހޭ ފުރުސަތުތަކެއް ކަމަށާއި މީގެ ކުރިންވެސް ގާނޫނުތަކުން އެކަންކަށް އެގޮތަށް ކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރުކަމުގެ މަގާމުން ވަކިވުމުން ދައުލަތުން އިނާޔަތެއް ލިބެންޖެހޭ ކަމަށްބުނާ މި އިސްލާހުގައި ވާ ގޮތުން، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވާ ކޮންމެ މީހަކަށާއި، އެ މަގާމުން ނިމުމަކަށް ގެނެވޭ ކޮންމެ މީހަކަށްވެސް ދައުލަތުގެ ފަރާތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތަކެއް ދޭންޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ވަނީ ބަހުސް ފަށައިފައެވެ.