މިނިސްޓަރު އިމްރާން އަބްދުﷲ

ގައުމުގެ ސުލްހަ މަސަލަސް ކަމާއި، އެކުވެރިކަން ބިނާވެގެންވަނީ ޒިންމާ އަދާ ކުރުމުގެ މައްޗަށް: އިމްރާން

އިބްރާހިމް ޒަކީ

އަޅުގަނޑުމެންގެ ތެރޭގައި ސުލްހަ މަސަލަސް ކަމާއި، އެކުވެރިކަން ބިނާވެގެންވަނީ ޒިންމާ އަދާ ކުރުމުގެ މައްޗަށް ކަމަށް ހޯމް މިިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ރަށްތަކަށް އަމާޒު ކޮށްގެން އެއަތޮޅު އުނގޫފާރުގައި މިއަދު ފެށި، ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވަރަށްގިނަ ޒިންމާ އަދާކުރަން އެބައޮތްކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭކަމަށާއި، އެޒިންމާތަކުގެ ކުރިމަތީގައި ކޮންމެ ދުވަހަކު އަމިއްލަ ނަފްސާ ސުވާލުކޮށްލަން ޖެހޭކަމަށެވެ.

އެގޮތުން އަޅުގަނޑުމެންގެ ސުލްހަ މަސަލަސްކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާއަދާކުރުމުގެ މައްޗަށް ކަމަށާއި، އަޅުގަނޑުމެންގެ އެކުވެރިކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް ކަމަށާއި، އަޅުގަނޑުމެންގެ އިޖުތިމާއީ ހަމަޖެހުމާއި، ދުޅަހެޔޮކަންވެސް ބިނާވަނީ ޒިންމާ އަދާކުރުމުގެ މައްޗަށްކަމަށާއި، އިގްތިސާދީ ފުދުންތެރިކަމާއި، ތަރައްގީއާއި ކުރިއެރުންވެސް ބިނާވަނީ ޒިންމާ އަދާކުރުމުގެ މައްޗަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާއިލާތަކުގެ ބަދަހިކަމާއި، އާއިލާތަކުގެ އުފާވެރިކަންވެސް ބިނާވަނީ ޒިންމާއަދާކުރުމުގެ މައްޗަށްކަމަށާއި، އެހެންކަމުން މިހުރިހާ ކަމަކާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅިގައުމުގެ މުސްތަގްބަލާއި މުސްތަގްބަލްގެ އުޖާލާކަން، އުފާވެރިކަން ބިނާވެގެންވަނީ އަޅުގަނޑުމެން ހުރިހާ ރައްޔިތުން ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ޒުވާނުން ކޮންމެ ފަރުދަކު، އެފަރުދެއްގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ މައްޗަށް. އެޒިންމާ ފުރިހަމައަށް އަދާކުރެވިއްޖެނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަގުބަލަކީ އުޖާލާ މުސްތަގުބަލެއް. ޒިންމާ އަދާނުކުރެވިއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާ..." މިނިސްޓަރު ވިދާޅުވިއެވެ.

ރ.އަތޮޅުގެ ކައުންސިލް މެންބަރުންނަށާއި، ރ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެންބަރުންނަށާއި، ޒިންމާދާރު ވެރިންނަށާއި، ހަރަކާތްތެރި ޖަމްއިއްޔާތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ބައްދަލުވުމުގައި، ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުންވެސް ބައިވެރިވެފައި ވެއެވެ.

މިމަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އަމާންވެއްޓެއް ގާއިމްކުރުމާއި، ރައްޔިތުމީހާއަކީ ޒިންމާދާރު މީހަކަށް ހެދުމަށް މަސައްކަތްކުރުމާއި، ފަރުދީ ޒިންމާ ނަގަން ހިތްވަރު ދިނުމާއި، ޒިންމާދާރުގޮތެއްގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.