އިންޑިއާ

އިންޑިއާގެ އާންމު އިންތިހާބު: ތިން ވަނަ މަރުހަލާގައި ވޯޓު ލާފައިވަނީ %66 މީހުން

މަރިޔަމް ޝަހުދާ

އިއްޔެ ކުރިއަށްދިޔަ އިންޑިއާގެ އާންމު އިންތިހާބުގެ ތިންވަނަ މަރުހަލާ ނިމުނު އިރު ވޯޓު ލާފައިވަނީ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %66 މީހުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

އިންޑިއާގެ ދުވަހު ނޫސް، ދަ ޓައިމްސް އޮފް އިންޑިއާގައި އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުުގައި އިންޑިއާގެ ތިރިގެ (ލޮކްސަބާ)ގެ 543 ގޮނޑީގެ ތެރެއިން 117 ގޮނޑިއަށް މެންބަރުން ހޮވުމަށް ކުރިއަށް ގެންދިޔަ މި އިންތިހާބަކީ ކުދިކުދި މައްސަލަތައް ދިމާވި ނަމަވެސް މައިގަނޑު ގޮތެއްގައި ވަރަށް އަމާން އޮމާން އިންތިހާބެކެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %66 މީހުން މި އިންތިޚާބުގައި ވޯޓުލީ ނަމަވެސް މިއީ 2014ގެ އިންތިހާބަށް ވުުރެ ދަށް އަދަދެކެވެ.

ފަނަރަ ސްޓޭޓެއްގައި އިއްޔެ ވޯޓު ލުން ކުރިއަށް ދިޔަ އިރު، އުއްތަރްޕްރަދޭޝް، މަދްޔާ ޕްރަދޭޝް، ޖައްމޫ، ކަޝްމީރް އަދި ވެސްޓް ބެންގާލްގައި ހަމަނުޖެހުން ހިނގި ކަމަށް ނެޝަނަލް ދެއްލީ ޓެލެވިޝަން ލިމިޓެޑް (އެންޑީޓީވީ)އިން ރިޕޯޓުކޮށްފައި ވެއެވެ.

ޖުމްލަ ހަތް މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންޑިއާގެ ލޮކްސަބާގެ އިންތިހާބުގެ ތިން ވަނަ މަރުހަލާ އިއްޔެ ނިމިފައިވާއިރު، މި އިންތިހާބުގެ ހަތަރު ވަނަ މަރުހަލާގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 29 އޭޕްރީލް ވާ ހޯމަ ދުވަހުއެވެ. މި އިންތިހާބުގެ ހުރިހާ މަރުހަލާއެއްގެ ވޯޓުލުން މެއި 19ގައި ނިމޭއިރު ހުރިހާ މަރުހަލާއެއްގެ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ މެއި 23 ގައެވެ.