އާދަމް ނަސީރު
އީ ވޮލެޓް ތަކުގެ ފައިދާ ދިވެހި ޒުވާނުންވެސް ބޭނުންވެއެވެ. އެ ނުލިބޭތީ ޝަކުވާ ކުރާތާ ލައްކަ ޒަމާން ވެއްޖެއެވެ. ގޫގުލްޕޭ، އެޕަލް ޕޭ ފަދަ މަޝްހޫރު އީ ވޮލެޓް ތަކުގެ ބޭނުން ނުހިފި އެންމެ ޒަމާނީ ފޯނުތައް ހިފައިގެން އުޅުމަކީ ބައެއް ޒުވާނުންނަށް ލަދުވެތި ކަމެކެވެ. ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމް ބޭނުން ކުރަން ފެށީ އިހަކަށް ދުވަހުއެވެ. އީވޮލެޓަކާއި ޕޭޕަލް ފަދަ ފައިސާގެ މުއާމަލާތް ހިންގޭ އޮންލައިން ޕުލެޓް ފޯމުތަކަށް ދެވޭނެ މަގު ކޮށައިދޭ މި ސިސްޓަމްގެ ތެރެއަށް ދިވެހިރާއްޖޭގައި ހިންގަމުންދާ ބޭންކުތައް މިހާރު ވަނީ ވަދެފައެވެ.
އެހެން ކަމުން ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ނިންމެވި ނިންމެވުމަކީ ރިޔާސީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ތަންފީޒު ކުރެއްވުމެވެ. އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްގެ އެކްސެސް ރާއްޖެއަށް ހޯދަން އެމެރިކާގެ ސަރުކާރާއެކު މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން ދާދި ފަހުން އާންމުކުރެއްވީ ކެބިނެޓް ބައްދަލުވުމުގައި އެކަން ނިންމާފައެވެ.
ޕޭޕަލް އަދި އީވޮލެޓްގެ ހިދުމަތަކީ އިންޓަނެޓާއި ސައިބާ ސެކިއުރިޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމަށް ވުމާއެކު ސައިބާ ސެކިއުރެޓީގެ ގާނޫނެއް ރާއްޖެއަށް ކޮންމެހެން ބޭނުން ވެއެވެ. އެ ގާނޫނު ވުޖޫދަށް ގެނައުމަށް ޓަކައި އެކަމަށް ހާއްސަ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. ރާއްޖޭގައި ޕޭމަންޓް ގޭޓުވޭ ސިސްޓަމް އަދިވެސް އޮތީ މުޅިން ފައްކާވެފައެއް ނޫނެވެ. އެހެން ކަމުން ސައިބާ ސެކިއުރިޓީއަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އާއި ތުރުކީގެ ސަރުކާރުން ރާއްޖެއަށް އެހީ ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަން ވެސް ހަމަޖެހިފައިވާ އިރު މާ ލަސްތަކެއް ނުވެ ޕޭޕަލްގެ ހިދުމަތް ރާއްޖޭގެ ޒުވާނުންނަށް ލިބިގެން ދާނެ ކަމަށް މި ވަނީ ބެލެވިފައެވެ. ޔޫއޭއީ އަކީ ޑިޖިޓަލް ކަރަންސީ ބޭނުން ކުރުމުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. ހަމަ އެއާއެކު މިއީ އިންޓަނެޓާއި، ސައިބާ ސެކިއުރިޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން އެކަމުގެ ފަންނީ އެހީ ވެސް ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ހުރިހާ ކަމެއް ކުރަމުން އަންނައިރު އެމްއެމްއޭ ނުވަތަ މަރުކަޒީ ބޭންކުގެ ދައުރު މި ކަމުގައި އިންތިހާއަށް ބޮޑުވެ. އެހެން ކަމުން ވީ އެންމެ އަވަސް ކުރު މަގެއް ހޯދައިގެން އީވޮލެޓް ތަކާއި ޕޭޕަލްގެ ހިދުމަތުގެ އިތުރުން ޑިޖިޓަލް ކަރަންސީ ދިވެހީންނާ ހަމައަށް ގެނެސްދެވޭނެ މަގު ކޮށުމުގައި އެމްއެމްއޭގެ ދުވެލި އަދިވެސް އަވަސް ވުން މުހިންމެވެ. ޒުވާނުން އެދޭ ހަގީގީ މިނިވަންކަން ލިބިގެން ދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ މަގު ވީ އެންމެ އަވަކަށް ހުޅުވިގެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވާ އަދި ފައިސާ ލިބިގަތުމަށް ބޭނުންކުރާ އެންމެ މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ގެ އެކްސެސް ރާއްޖެއަށް ހޯދުމަށް އެމެރިކާ ސަރުކާރާ އެކު ކުރެވޭ މަޝްވަރާތައް ކޮޅެއްގައި ޖެހި އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ޑޮލަރުގެ ބުލެކް މާކެޓް ނައްތާލުމަށްވެސް އެހީއަކަށް ވެގެންދާނޭ ކަމެކެވެ.
ކުދި ގެސްޓް ހައުސް ތަކާއި އޮންލައިން ވިޔަފާރި ކުރާ މީހުންނަން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކުން ލިބޭ ޑޮލަރު ޕޭޕަލް މެދުވެރިކޮށް ރާއްޖޭގެ ބޭންކް އެކައުންޓަށް ޖަމާ ކުރެވޭނެ ގޮތެއް ނެތެވެ. އެއީ ގެސްޓް ހައުސްތަކާއި އޮންލައިން ވިޔަފާރި ތަކަށް ނުހަނު ދަތިވާ މައްސަލައެކެވެ.
ޕޭޕަލްގެ ހިދުމަތް ވީ އެންމެ އަވަހަކަށް ލިބުމަށް އެދި ޒުވާނުން އެ ތިބީ ކެތްމަދުވެފައެވެ.