ސެނެހިޔާ ހޮސަޕިޓަލް

ދެމަސްދުވަހުގެ ތެރޭގައި ހޮސްޕިޓަލެއްގެ ގޮތަށް ސެނެހިޔާ ތަރައްގީކޮށް ހުޅުވޭނެ: ރައީސް

ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ހޮސްޕިޓަލެއްގެ ގޮތަށް ސެނެހިޔާ ތަރައްގީކޮށް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ.

އެކަމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ސެނެހިޔާގެ ނަމުގައި ހިންގާ ސިފައިންގެ ކުލިނިކު ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ހުރިހާ ކަމެއް މިހާރުވަނީ ހަމަޖެހިފައި ކަމަށެވެ. ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލެއްގެ ގޮތަށް ސެނެހިޔާ ތަރައްގީކޮށް މުޅިން އާ ހިދުމަތްތަކެއް ދޭން ފެށޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ސިފައިންގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، ސެނަހިޔާގެ ނަމުގައި ހިންގާ ސިފައިންގެ ކްލިނިކް، ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފައި. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، ސެނަހިޔާވެސް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކޮށް، މުޅިން އައު ޚިދުމަތްތަކެއް ދޭން ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް، ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސިފައިންނަށް ދެމުން އައި ޗުއްޓީއާއި އެލަވަންސްތައް މިހާރު ވާނީ އިތުރަށް ރަނގަޅު ކުރެވި ކަމަށެވެ. އަދި ސިފައިންނަށް ދެވޭ އިނާޔަތްތައްވެސް އިތުރަށް ރަނގަޅު ކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.