ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ކުރީގެ ސަރުކާރުން ސިޔާސީ މަސްލަހަތު ހިމާޔަތް ކުރަން އިންތިހާއަށް އަސްކަރިއްޔާ ބޭނުންކޮށްފައިވޭ: މާރިޔާ

ކުރީގެ ސަރުކާރުން އެމީހުންގެ ސިޔާސީ މަސްލަހަތު ހިމާޔަތް ކުރަން އިންތިހާއަށް އަސްކަރިއްޔާ ބޭނުންކޮށްފައިވާ ކަަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިރޭ ބޭއްވި ސިފައިންގެ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ޑިފެންސް މިނިސްޓަރު ވަނީ އެކަމަނާ ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ދިވެހި އަސްކަރިއްޔާ އޮތް ހާލުތު ވިދާޅުވެދެއްވައިފައެވެ. އެގޮތުން އެކަމަނާ ވިދާޅުވީ އަސްކަރިއްޔާއަށް ބޭނުން ކުރަން ހުރި އުޅަނދުތަކުގެ ތެރެއިން ގިނަ އާލާތްތަކެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި ކޯސްޓްގާޑުގައި ހުރި މަދު އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދުތައް ވަނީ ހަލާކުވެ މަރާމާތު ކުރަން ޖެހިފައި ކަމަށެވެ.

އަދި އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ދެރަކަމަކީ ދިފާއުގައި ހަރަކާތްތެރިވާން ތިބި ހިތްވަރުގަދަ ސިފައިން ތަހައްމަލު ކުރައްވަމުން ގެންދެވި ހިތްދަތިކަން ކަމަށާއި ދައުލަތުން އެތައް ހަރަދެއް ކޮށްގެން ގައުމަށް އެތައް ޒަމާނެއް ވަންދެން ހިދުމަތްކޮށްދެއްވި އެތައް ސިފައިންނެއް ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެކަމާ ވަނީ ވިދާޅުވެފައެވެ.

އެކަމަނާ ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރާ އަމުރުތަކާ ގުޅިގެން، އެފަދަ މުވައްޒަފަކު ސުވާލެއް ކުރިނަމަވެސް އެ މުއްޒަފަކު ވަނީ ވަޒީފާއިން ވަކިކުރެވި ނުވަތަ ވަޒީފާ އަދާކުރާ ހިތްނުވާ މަގާކަމަށް ބަދަލުކޮށްފައި ކަމަށެވެ. އޭރު ދިވެހި ސިފައިން ތިބީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެފައި ކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މިކަންތައްތަކަށް ރަނގަޅު ގޮތްތަކެއް ހޯދައިދުނުމަށްޓަކައި ރަނގަޅު އުސޫލުތަކެއް ކަނޑައަޅުމުން އަންނަ ކަމަށާއި ޝަކުވާ ހުށަހެޅޭނެ ރަނގަޅު އޮނިގަނޑެއް ތައްޔާރު ކުރަމުން ގެންދާ ކަމަށެވެ. އޭގެ ބޭނުމަކީ ގިނަ ދުވަސްތަކަށް ހިދުމަތް ކުރައްވާފައިވާ ސިފައިންގެ ހިދުމަތްތެރިން، ވެރިން ބޭނުންވާ ކޮންމެ ވަގުތަކު ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު ނުދިނުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.