ޝަހީދާ އަބްދުﷲ ސައީދު
ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރާ 60 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހާލިސް ޝަރީފެވެ. އަދި މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ''ސްވިފްޓް އެންޖިނިއަރިން ކޮމްޕެނީ'' ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ އާއި މާރިސް ކޮންސްޓްރަކްޝަން އިން މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ސައީދެވެ.
މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، އެއް އަހަރު ދުވަހުގެ މުއްދަތުގައި މަސައްކަތް ނިންމަންޖެހެއެވެ. އެމަޝްރޫއުގެ އަގަަކީ 27.88 މިލިއަން ރުފިޔާއެވެ.
މިމަޝްރޫއު ނިމޭއިރު ނޮޅިވަރަންފަރަށް ބަދަލުކުރި ހދ. ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހި ތިބި 53 އާއިލާ އަށް ބޯހިޔާވަހިކަން ލިބިގެންދާނެއެވެ. އަދި ނޮޅިވަރަންފަރުގެ އިތުރުން ފަރިދޫ ބައެއް ރައްޔިތުން ވަނީ އޭގެ ކުރިން ހދ. ހަނިމާދޫއަށް ބަދަލުވެފައެވެ.
މި ތިންރަށުން ޖުމްލަ 181 އާއިލާއެއް ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވަނީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
ދެހާސް އެގާރަ ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލު ކުރި މި އާއިލާތަކަށް ބޯހިޔާވަހިކަން ހަމަނުޖެހި ހަތް އަހަރުވެފައިވާ ކަމަށްވެސް ހައުސިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.