މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

ރޯދައިގެ އިނާޔަތް 3،000 އަށްވުރެ ބޮޑު ނުކުރުމަށް ފިނޭންސުން އަންގައިފި

ރޯދައިގެ އިނާޔަތުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ އަދަދަށްވުރެ، އިތުރަށް އިނާޔަތް ދިނުމަކީ، މަނާކަމެއް ކަމުގައި ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ކޮންމެ ރޯދަމަހެއް ފެށުމުގެ ކުރިން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިވެހި ކޮންމެ މުވައްޒަފަކަށް ދޭން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ވަނބީ ލާޒިމްކޮށްފައެވެ. ގާނޫނުގައި އެކަން އެގޮތަށް ލާޒިމް ކޮށްފައި އޮތް ނަމަވެސް ބިދޭސީ މުވައްޒިފުންނަށް އެ އިނާޔަތް ދިނުމުގެ އިހުތިޔާރު ގާނޫނުން އޮންނަނީ ވަޒީފާ ދޭ ފަރާތަށް ދޫކޮށްލައިފައެވެ.

ގާނޫނުގައި ރޯދަ އިނާޔަތުގައި ގޮތުގައި 3،000 ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް މީހެ ކުރީ އަހަރުތަކުގައި، ސަރުކާރުގެ ބައެއް ކުންފުނިތަކުން އެއަށްވުރެ ބޮޑު އަދަދުވެސް އިނާޔަތުގެ ގޮތުގައި ދީފައިވެއެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑުކޮށް ރޯދަ އިނާޔަތް ދިނުމަކީ މަނާ ކަމެއް ކަމަށް އަންގައި ފިނޭންސް މިނިސްޓްރީން މިމަހު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވއިފައެވެ.

މިމަހުގެ 15ގައި ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުއައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދެވޭނީ ތިން ހާސް ރުފިޔާ ކަމަށެވެ.

އަދި މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުއައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އިތުރު ވަޒީފާ އަދާކުރާ އޮފީހަކަށް އިނާޔަތުގެ ފައިސާ ނުދިނުމަށް އަންގާ ކަމަށްވެސް ބުނެފައިވެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށޭނީ އަންނަ މެއި 6 ގައެވެ.