ހުސްވި 2018 ވަނަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 58 ރުރިޔާ ބަހަން ނިންމައިފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ އެގޮތަށް ނިންމާފައިވަނީ، މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެކުންފީގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލު ވުމުން ކަމަށެވެ.
އެސްޓީއޯއިން އާއްމުކޮށްފައިވާ، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި 46 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވެއެވެ. ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓާގައި ލިބިފައިވަނީ، 47 މިލިއަން ރުފިޔާއެވެ. ހަތަރު ވަނަ ކުއާޓާރުގައި ލިބިފައިވަނީ 65 މިލިއަން ރުފިޔާއެވެ.
ރިޕޯޓްގައިވާގޮތުން، 2018 ވަނަ އަހަރު އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 341 މިލިއަން ރުފިޔާއެވެ.
އެސްޓީއޯއިން ބުނީ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވިއަސް އެ އަދަދު ހިއްސާދާރުންނަށް ބަހާނީ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެންނެވެ.
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުއެވެ.