އިބްރާހިމް ޒަކީ
ނިޔާ ކަނޑައެޅުމުގެ ބާރު، އޮމްބުޑްސްމަން އޮފީހަށް ދީ، ތަހުގީގަށް ބޭނުންވާ މީހުން ހައްޔަރުކޮށް ބަންދު ކުރުމުގެ ބާރު ލިބިދޭ އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅައިފައިވާ، އިންތިގާލީ އަދާލަތުގެ ބިލް މަޖިލީހަށް ބަލައިގަނެ، އިތުރަށް ފުރިހަ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއީ ސަރުކާރުގެ ފަރާތުން ރައްޔިުންގެ މަޖިލީހުގެ މާފަންނު އުތުުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ބިލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 46 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޯޓު ދެއްވައިގެންނެވެ.
މި ބިލުގައި ބުނެފައިވަނީ، މިއީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ދެމެދު، ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތާ ގުޅުންހުރި މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާކަންކަން ބަލައި ތަހުގީގުކުރުމަށް އުފައްދާ ގާނޫނެއް ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ އާއި ދެރަ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ހަދާފައިވާ ގާނޫނެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
މި ބިލުގައި ބުނެފައިވާގޮތުން، މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ފަސް މެންބަރުން ހިމެނޭ އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް ރައީސުލް ޖުމްހުރިއްޔާގެ ގަރާރަކުން އުފައްދަންވާނެއެވެ. އަދި އެ ކޮމިޝަނުން އިއުލާން ކުރާތާ ދެމަސް ދުވަހުގެ ތެރޭގައި ހުށަހަޅާ މައްސަލަތައް ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުުގައިވާގޮތުން ކޮމިޝަނުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަ ތަކުގައި ސުވާލު ކުރުމާއި، ހެކިބަސް ނެގުމަށް މީހުން ހާޒިރުކުރުމުގެ ބާރާއި، ބަންދުގައި ބަހައްޓައިގެން ކޯޓު އަމުރުގެ ދަށުން ކޮމިޝަނަށް މީހުން ހާޒިރު ކުރުމުގެ ބާރުވެސް ލިބިދެއެވެ.
އަދި ތަހުގީގާ ގުޅުންހުރި ކަމަށް ފެންނަ ލިޔެކިޔުންތަކާއި އެހެނިހެންތަކެތި ހޯދުމަށް އާއްމު ތަންތަން ބަލައި ފާސްކޮށް އެފަދަ ތަކެއްޗާއި ތަންތަން ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނައުމަށް ކޯޓު އަމުރަށް އެދުމުގެ ބާރުވެސް ގާނޫނުން އެ ކޮމިޝަނަށް ލިބިދެއެވެ. މީގެ އިތުުރުން ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރުގެ ދަށުން ހައްޔަރު ކުރުގެ ބާރުވެސް ކޮމިޝަނަށް ލިބިދެއެވެ.
ބިލުގައި ވާގޮތުން، ކޮމިޝަނުން ދައުލަތުގެ މުއައްސަސާއަކަށް އަންގާ އެއްގުމަކަށް އަމަލު ކުރުމަށް އިންކާރު ކޮށްފިނަމަ ފިޔަވަޅު އެޅުމުގެ ބާރުވެސް ކޮމިޝަނަަށް ވަނީ ލިބިދީފައެވެ.
މި ބިލުުގައި އުފެއްދުމަށް ކަނޑައަޅާފައިވާ އޮމްބުޑްސްމަންގެ އޮފީހަށްވެސް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.
އެގޮތުން މި ބިލު ގާނޫނަކަށްވެ އަމަލު ކުރަން ފެށުމާއެކު އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަންގެ އޮފީސް އުފައްދަންވާނެ ކަމަށާއި، އެއީ ނިޔާ ކަނޑައަޅައި އިންސާފު ގާއިމް ކުރުމުގެ ބާރު ލިބިދީފައިވާ މިނިވަން އޮފީހެއް ކަމަށް ކަނޑައަޅަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލުގައިވާގޮތުން އެ އޮފީސް އެކުލެވިގެންވާނީ ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެންބަރުންގެ މައްޗަށެވެ.