ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 21

އަބްދުﷲ ފާރޫގް ހަސަން

(26 ޑިސެމްބަރުގެ އަދަދާ ގުޅޭ)

މިބައިމީހުން އަންޞާރިއްޔަ ބޭކަލުންގެ އަރިހަށްގޮސް ބައްދަލުކޮށްފައި ހެޔޮނަސޭހަތްދޭ ބަޔަކު ކަމުގައި ހެދިގެން ދަންނަވައެވެ. "ތިބާގެ މުދާ އިސްރާފު ނުކުރާށެވެ! ތިޔަގޮތަށް ތަޅައިބުރުއްސާނަމަ ތިބާއަކީވެސް ސަލާންޖަހާ މީހަކު ކަމުގައި ވެދާނެކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން އިސްލާމީ ތަޙްރީކަށް ޚަރަދުކުރުމުގައި ތިޔަހައި ފޯރި ނުދައްކާށެވެ. ޙާލަތު ބަދަލުވެގެން ހިނގައިދާނެގޮތަކާމެދު ޚިޔާލު ބަހައްޓާށެވެ!"

ޔަހޫދީން އުފައްދައިފައިވާ ފަސްވަނަ ކޮލަމުގެ މީހުންގެ މިމަސައްކަތުގެ ވާހަކަ ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވައިފައެވެ.

"އެއުރެން (اللّــــه ގެ ރަސޫލާގެ އަރިހުން) ވަކިވެ ހިނގައްޖައުމަށްދާންދެން اللّــــه ގެ ރަސޫލާގެ އަރިހުގައި ތިބި ބަޔަކަށް ތިޔަބައިމީހުން ހޭދަނުކުރާށޭ ބުނާ މީހުންނީ، އެއުރެންނެވެ. އަދި އުޑުތަކާއި ބިމުގައިވާ ޚަޒާނާތައް މިލްކުވެވޮޑިގެންވަނީ اللّــــه އަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނުވިސްނެއެވެ." (المــنــافــقـــــون: 7)

އާދެ، ޔަހޫދީންނާއި މުނާފިޤުންގެ ނަޒަރުގައި މިއީ ކިތަންމެހައިވެސް ދުރަށް ވިސްނައިގެން ރާވައިލެވުނު ސްކީމެކެވެ. އެއްފަރާތުން ހެޔޮކަންކަމަށް ހޭދަކުރުމުގެ ފެނާރު ބަންދުކޮށްލުމެވެ. އަނެއްފަރާތުން ޔަހޫދީންނާއި މުނާފިޤުންގެ ދަރަނިވެރިކުރުވުމުގެ ވިގުލް ވަކިތައް އިސްލާމީ ތަޙްރީކުގެ ވައިނޮޅިއަށް ވައްދައިލުމެވެ. ޔަހޫދީންނާއި އެބައިމީހުންނަށް ފޮތްދަރާ (ފޮތްދެރުން: މ.(ޏ) މީހަކަށް މާބޮޑަށް އިތުބާރުކޮށް އެމީހަކު ބުނާ ކޮންމެ އެއްޗެއް ޤަބޫލުކުރުން) މުނާފިޤުން ހީކޮށްގެންތިބީ އެބައިމީހުންގެ މި ސްކީމަކީ ކަމުފޮޅާނެ މުޖައްރިބު ސްކީމެއް ކަމުގައެވެ. އިސްލާމީ ތަޙްރީކުގެ މުޖާހިދުން އީމާނާއި ޢަމަލާއި ދަލީލު ދައްކަވައި މާތް ޝަޚްޞިއްޔަތުގެ ނަމޫނާ ހުށަހަޅުއްވަމުން ގެންދެވިކަމުގައިވިޔަސް ތިމަންމެންގެ ބޯމަތީގައި ހޯރައަޅަމުންދިޔަ އިސްލާމީ އިންޤިލާބުގެ ތަޙްރީކު ބަލިކޮށްލެވިދާނެ ކަމުގައެވެ. އެކަމަކު މި މުޢާމަލާއަކީ ޔަހޫދީން ހީކުރިފަދައިން ހުސްއެކަނި އިންސާނީ މުޢާމަލާއެއް ނޫނެވެ. އެއްކައުވަންތަ އަދި ކުޅަދުންވަންތަ ޒާތުފުޅެއްގެ ކަށަކުޅަދުންވަންތަކަމާ ގުޅިފައިވާ މުޢާމަލާއެކެވެ. އެކަލާނގެއީ އެންމެމޮޅަށް ރާއްވަވާ އަދި އެންމެ ފުރިހަމަޔަށް ތަދުބީރުކުރައްވާ ރަސްކަލާނގެއެވެ. އެހެންކަމުން ޙައްޤުގެ ދުޝްމިނުން ރޭވި ރޭވުންތައް ދިޔައީ ތޮޅިޔަށެވެ. އަގޮޅިނެތް ކަންނެޔޮތަކެއްފަދަ ކަންތައްތަކެއް ކަމުގައެވެ.

މިވާހަކަތަކުންވެސް ބަޔާންވަނީ އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ހިންގަވާލެއްވި ޙައްޤުގެ ތަޙްރީކުން ތަރުބިޔަތު ހޯއްދަވަމުން ގެންދެވި މުޖާހިދުންގެ ކެތްތެރިފުޅުކަމެވެ. އެއީ އިދިކޮޅު ފަރާތްތަކުގެ އަނިޔާވެރި އަދި ދަށުދަރަޖައިގެ ޙަރަކާތްތަކުގެ ޖަވާބުގައި އެބޭކަލުން ދައްކަވައިލެއްވި އުރައްޕުހުރި ޝަޚްޞިއްޔަތެވެ. އާދެ، އެއީ އިންތިހާދަރަޖަޔަށް މާޔޫސްކޮށްލަނިވި އަދި އިހާނެތިކޮށްލަނިވި ޙާލަތުގައިވެސް އެބޭކަލުން އިންސާނީ މަތިވެރި އަޚްލާޤުގެ ދާވަނި އަތްޕުޅުން ދޫވިޔަނުދެއްވާނެކަމުގެ ސާބިތު ހެކިތަކެވެ.

ޔަހޫދީން އުފެއްދި ފަސްވަނަ ކޮލަމުގެ މީހުން

އިންސާނީ ތާރީޚުގެ އެތަކެއްސައްތަ ހާދިސާތަކަކުން ސާބިތުހެކި ލިބޭ ޙަޤީޤަތެކެވެ. އިޚްލާޞްތެރިކަމުގެ ރޫޙު އެކުލެވޭ ހެޔޮކަމުގެ ދަޢުވަތެއް ފަތަޙައިގެ ފިޔަވަޅުމަތީގައި ކުރިޔަށް ހެލެމުންދާނަމަ އޭގެ ރައްދު ޢަމަލެއްގެގޮތުން އިދިކޮޅު ދެބާރެއްވެސް މައިދާނަށް ފައިބައެވެ. އެއްބާރަކީ ނުވަތަ އެއްބަޔަކީ ހަމަދޭވިގެންތިބެ (ސީދާ ކުރިމަތިލައިގެންތިބެ) އިދިކޮޅަށް ނުކުންނަ ބައެކެވެ. ވަގުތުގެ ކަނޑި އުރައިން ދަމައިގަނެގެން ޙަމަލަދޭ ބައެކެވެ. އިދިކޮޅަށް ނުކުންނަ އަނެއްބަޔަކީ އެބަޔަކު ވެއްޓިފައިތިބޭ އަޚްލާޤީ ދަށުދަރަޖައިގެ ސަބަބުން ފިނޑިކަމާއި ގޮތްކުޑަކަމުގެ ބަލިޖެހިފައިތިބޭ ބަޔެކެވެ. ނިފާގުގެ ނިވާފަތްގަނޑުތަކުގައި ބޮނދައިތިބެ ނުބައިނުލަފާކަމުގެ ރޭވުންތައް ރާވާ ބައެކެވެ. ފުރަގަހުން ޙަމަލަދޭ ބައެކެވެ. މައްކާގެ މުޝްރިކުން އިސްލާމީ ތަޙްރީކާ ކުރިމަތިލީ މިދެގޮތުންކުރެ ކުރީން ދެންނެވި ގޮތަށެވެ. އާދެ، އެބައިމީހުން ޙަމަލަދިނީ ކެރިތިބެގެންނެވެ. ފާޅުގައި ކުރިމަތިލައި ހަމަދޭވިތިބެގެންނެވެ. އެކަމަކު މަދީނާގެ ޔަހޫދީންނާއި އެބައިމީހުންނަށް ފޮތްދަރާ މީހުން ޚިޔާރުކުރީ ދެވަނަގޮތެވެ.

އިސްލާމީ ތަޙްރީކު މަދީނާގައި ފައިތިލަ ސާބިތުކުރުމާއެކު ދާދި ކުރުމުއްދަތެއްގެ ތެރޭގައިވަނީ ރިޔާސަތެއްގެ ސިފަ (ދައުލަތެއްގެ ސިފަ) ޚިޔާރުކޮށްފައެވެ. އެ ރިޔާސަތު ކުރިލަމުން ހެދެމުން އާރުލަމުންއައީ އެންމެންގެ ލޯމަތީގައެވެ. ހަފަރާތުންވެސް އެ ރިޔާސަތުން ގެންދިޔައީ ހޭލުންތެރި ޙަރަކާތްތެރި ޢަމަލީރޫޙުހުރި މީހުން އެ ރިޔާސަތުގެ ނާރެހަށް ޖަމާކުރަމުންނެވެ. އެހެންކަމުން އިދިކޮޅު ފަރާތްތައް ދިޔައީ ޙަސަދައާއި ތިމަންމެން ނިކަމެތިވެ ބާރުނެތެމުންދާކަމުގެ ހިތި އިޙްސާސުގެ ބިރުވެރި ރައްދު ޢަމަލުގެ ޝިކާރަޔަކަށް ވަމުންނެވެ. އެކަމަކު އެބައިމީހުންގެ ހިތްތަކުގައި ރޯވެފައިވާ އަލިފާނުގެ އާވި ބޭރުކުރެވޭނެ މަގެއްވެސް ހުޅުވިފައެއް ނެތެވެ. ޙާލަތުގެ މައްޗަށް ބާރުފޯރުވޭނެ ގޮތެއްވެސް ފެންނާކަށެއް ނެތެވެ. ޔަހޫދީން އިސްލާމީ ނަޒަރިއްޔާއާ ދެކޮޅުވެރިވާން ވިސްނައިލާއިރު އެބައިމީހުންނަކަށް ޢާންމުންނަށް އެޕީލްކުރެވޭފަދަ މަޢުޤޫލު އަދި ސީދާސާދާ ޢަމަލީ މަގެއް ދެއްކޭކަށެއް ނެތެވެ. ޢާންމުން ޙަރަކާތްތެރި ކުރެވޭނެ ބިނާކުރަނިވި ނަޒަރިއްޔާއެއް ލިބިފައެއް ނެތެވެ. އެބައިމީހުންނަށް ލިބިފައިވަނީ އެއްވެސްކަހަލަ ދިރޭ ރޫޙެއްނެތް ޢަޤީދާއެކެވެ. އެއްވެސް ހަރުބައްދަކަމެއް (ހަރުބައްދަކަން: ވަރުގަދަކަން، ސާބިތުކަން) ނެތް އެތެރެއިން ހޮއިހެދިފައިވާ ޢަޤީދާއެކެވެ. ތާރީޚުގެ ދެމެމުން އަންނަ ސައިލު ހުއްޓުވުމުގެ ބަދަލުގައި އެ ޢަޤީދާއިން ކުރެވޭކަމަކީ އިންސާނީ ފިޠުރަތު ގަނޑުގެންނެވުމެވެ. މީހުންގެ ހިތްމެރުމެވެ. އިސްލާމީ ތަޙްރީކުން އުފައްދާ އަޚްލާޤީ ފުރިހަމަ ޝަޚްޞިއްޔަތުގެ ޖަވާބުގައި ނެރޭނެ އަޚްލީޤީ ބާރެއް ޔަހޫދީންގެ އަތަކު ނެތެވެ. އަދި ކީއްތޯއެވެ؟ ޔަހޫދީން ތިބީ އަޚްލާޤީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކުރާއިރު އިންސާނިއްޔަތު ޤަބޫލުކުރާ އެންމެ ދަށުދަރަޖަޔަށްވުރެވެސް މާބޮޑަށް ދަށަށް ސޮހިފައެވެ. އިންސާނިއްޔަތު ވެއްޓިފައިވާ ދަށުދަރަޖައިން މައްޗަށް ހިއްލައިލެވޭފަދަ ޙަރަކާތްތެރި ބާރެއް ޔަހޫދީންނަކަށް ލިބިފައެއް ނެތެވެ. ޔަހޫދީންގެ ބާވެ ވީރާނާވެ ހަސްނެތިފައިވާ އިންސާނިއްޔަތަކަށެއް ޤުރްއާނީ ދަޢުވަތުގެ ޒަރީޢާއިން ތައްޔާރުވަމުންދިޔަ އައު އިންސާނިއްޔަތުގެ ކުރިމަތީގައި ހުއްޓިލެވޭވަރުގެވެސް ޤާބިލުކަމެއް ލިބިފައެއް ނެތެވެ. ޕްރޮޕެގެންޑާގެ މައިދާނުގައި ޔަހޫދީން ކިތަންމެ ވަރަކަށް ކުށްހީތަކާއި ނުބައިނުލަފާކަމުގެ ހިރަފުސް ބުރުވަމުން ހިނގިކަމުގައިވިޔަސް ދަލީލުތަކުގެ މައިދާނުގައި ޔަހޫދީން ކޮންމެފަހަރަކުމެ ދިޔައީ ވަތަކުތޯޖެހެމުންނެވެ. ޔަހޫދީން ތިމާމެންނަކީ ލައްކަ ބަޔަކުކަމުގައި ހީކޮށް ބަނޑުން ވެލިފޮޅައިލައިފައި އަލުން ތެދުވިކަމުގައިވިޔަސް ތާރީޚުގެ ބާރުވަނީ އިސްލާމީ ތަޙްރީކާ އެކުގައެވެ. ޙައްޤާއި ބާޠިލުގެ ހަނގުރާމައިގެ މައިދާނުގައި ޔަހޫދީން އަބަދުވެސް ޖެހެނީ ބޮނޑިބޯށެވެ. ޒަމާންވަނީ ޔަހޫދީން ފަހަތަށް ދޫކޮށްލައި އިންސާނީ ޙަޔާތުގެ އިސްލާމީ ނަޒަރިއްޔާގެ ދިދަ ވިހުރުވަމުން ނުހަނު ބާރަށް ކުރިޔަށްދާން ފަށައިފައެވެ.

ޔަހޫދީން ބޭނުންވީ ސިޔާސީގޮތުންވެސް އިސްލާމީ އިންޤިލާބުގެ މައިނާރު ކަނޑައިގަތުމަށެވެ. އެކަމަކު ޔަހޫދީންނަކަށް އެކަންވެސް ކުރެވޭކަށެއްނެތެވެ. މުސްލިމުންނާއެކު ސޮއިކޮށްފައިވާ ޙަލީފީ މުޢާހަދާ ވަނީ ޔަހޫދީންގެ ހަތަރެސްފައި ބަނދެފައެވެ. މި ޙަޤީޤަތްތަކުގެ ދާއިރާގައި ހައްޔަރުވެފައިވާތީ ޔަހޫދީންނަށް އެބައިމީހުންގެ އަމިއްލަ ނަފުސުތައް ފެނުނީ ކުޑަވެސް އުރައްޕެއް އާރެއް ބާރެއްނެތް މަޤާމެއްގައި ތިބެވޭތީއެވެ. އަންދުވަހުއްސުރެ ޔަހޫދީންގެ ޝަޚްޞިއްޔަތުގައި ހުންނަ ބަލިބުރަކަމާއި އާރެއް ބާރެއްނެތްކަމުގެ އިޙްސާސާ އެކުވެގެން އެބައިމީހުންގެ ކިބައިގައި އުފައްދައިފައިވަނީ ފިނޑިކަމެވެ. ނުކެރުމެވެ. ބަލިބުރަކަމެވެ. އާރެއް ބާރެއް ނެތުމާއި ފިނޑިކަމާއެކުވެސް އަނެކުންނާ ހަނގާކޮށް ވާދަކުރުމުގެ ޖަޒުބާތު އުފެދޭ މީހުންގެ ޠަބީޢަތަކަށް އަބަދުވެސް ވެފައިވަނީ ހަސަދަވެރިކަމެވެ. ހިތްނުބައިކަމާއި ނީހައެވެ. އެމަގުންލާފައި އެބައިމީހުން ގެންދަނީ ފިލައިތިބެ ޙަމަލަދޭ ނިފާޤުގެ މަރުކަޒުތަކަށެވެ. އިދިކޮޅުފަރާތާ ކުރިމަތީން ދިމާކޮށް ޙަމަލަދިނުމުގެ ބަދަލުގައި އަބަދުވެސް އެފަދަމީހުންގެ އާދަޔަކީ ފުރަގަހުން ޙަމަލަދިނުމެވެ. ބުރަކައްޓަށް ޚަންޖަރު ހެރުމެވެ. ޔަހޫދީން ޚިޔާރުކުރީ މިދެންނެވި ފިނޑި މައުޤިފެކެވެ. މުސްލިމުންނާ ކުރިމަތިލައި ފާޅުގައި ޙަމަލަދިނުމުގެ ބަދަލުގައި ފުރަގަހުން ޙަމަލަދިނުމެވެ.

(ނުނިމޭ)