އިބްރާހިމް ޒަކީ
ޕެސްޓިސައިޑާ ބެހޭ ކަންތައްތައް ބެލުމަށް، ހާއްސަ ޔުނިޓަކާއި، ބޯޑެއް އެކުލަވައިލަން ޖެހޭގޮތަށް ހުށަހެޅި ޕެސްޓިސައިޑާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން މަޖިލީހަށް ބިލު ބަލައިގެންފައިވަނީ، ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ދެމެހެއްޓިނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގައި ކުރި އެރުވުމަށްޓަކައި، ޕެސްޓިސައިޑް އިމްޕޯޓު ކުރުމާއި އެކްސްޕޯޓް ކުރުމާއި، ވިއްކުމާއި، އުފެއްދުމާއި، ބޭނުން ކުރުމާއި، ބެލެހެއްޓުމާއި، ނައްތާލުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުުގައި ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ، ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގެވެ.
މި ގާނޫނުގެ ދަށުން ޕެސްޓިސައިޑާ ގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުމަށް، ޒިންމާވާނެ ޕެސްޓިސައިޑާ ބެހޭ އުނިޓެއް ގާއިމް ކުރަންޖެހެއެވެ. އަދި ޕެސްޓިސައިޑާ ބެހޭ ބޯޑުގެ ނަމުގައި ހަތް މެންބަރުންގެ ބޯޑެއް އެކުލަވާލަންޖެހޭ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލުުގައިވާގޮތުން، ޕެސްޓިސައިޑް ބޭނުން ކުރުމާއި އިންޕޯޓް ކުރުމާއި ވިއްކުމުގެ ހުއްދަ ދޭނީ އެ ބޯޑުންނެވެ.
ބިލުގައި ބުނެފައިވަނީ ޕެސްޓިސައިޑް ބޭނުން ކުރާ ފަރާތްތަކުން އެކަން ކުރަނީ، ގާނޫނުން ކަނޑައަޅާފައިވާ ގޮތަށްތޯ، އިންސްޕެކްޓަރުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެ އިންސްޕެކްޝަނުން ގާނޫނާ ހިލާފު ކަމެއް ފެނިންޖެނަމަ ފަސްދޮޅަސް ހާހާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން އެކަންކުރި ފަރާތް ޖޫރިމަނާކު ކުރުމަށް ބިލުގައި ވަނީ އަދަބުތަކެއް ކަނޑައަޅައިފައެވެ.